ލަނޑު ޖެހުމަށް ފަހު އޮބާމަޔަންގް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
09 މާޗް 2017 - 09:35
ބާލިން، ޖާމަނީ (މާޗް 9) - ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގްގެ ހެޓްރިކާ އެކު 4-0 އިން ބެންފީކާ ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމު ބެންފީކާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޑޯޓްމަންޑް ވަނީ 1-0 އިން ބަލިވެފަ އެވެ. ރޭގެ މޮޅާ އެކު ޑޯޓްމަންޑް ކުއާޓާ އިން ޖާގަހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ފުރަތަމަ ލެގުގައި އޮބާމަޔަންގްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެެވެ. އެހެންވުމުން ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން އޮބާމަޔަންގަށް ފުރުސަތު ދިނުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
އޮބާމަޔަންގްގެ އިތުރުން ރޭގެ މެޗުގައި ޑޯޓްމަންޑްގެ އަނެއް ލަނޑު ކާމިޔާބުކުރީ އެމެރިކާގެ އުއްމީދީ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް އެވެ. ރޭގެ މެޗުގައި ޑޯޓްމަންޑަށް ކުޅޭ ފްރާންސްގެ ޒުވާން މިޑްފީލްޑަރު އޮސްމާން ޑެމްބޭލޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުޅި މެޗުގައި ވެސް ޑޯޓްމަންޑުން ކޮންޓްރޯލް ހޯދައިގެން ކުޅުމުން ބެންފީކާ އަށް ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ.
ރޭގެ މެޗާ އެކު ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 12 މެޗުގެ ތެރެއިން ޑޯޓްމަންޑް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މިއީ 2014 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޑޯޓްމަންޑް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަށް ފަހު ޓުޗެލް ވަނީ އޮބާމަޔަންގަށް ތައުރީފް ކޮށްފަ އެވެ.
"އަހަރެންގެ އިތުބާރު އަބަދުވެސް އޮބާމަޔަންގަށް އޮވޭ. ކޮންމެ ކުޅުންތެރިޔަކު ވެސް ފޯމު ގެއްލޭ މެޗުތަކެއް އަންނާނެ. އޭގެ މާނަ އަކީ އޭނާ އަށް ދޭން ޖެހޭ ފުރުސަތުތައް ހުއްޓާލަންވީއެއް ނޫނޭ. އަހަރެން މެޗުގެ ކުރިން ވެސް ޔަގީންކޮށްގެން ހުރި ކަމެއް އެއީ އޭނާގެ ފަރާތުން ލަނޑަކަށް. އެކަމު އޭނާ އެ ނިންމާލީ ހެޓްރިކަކާ އެކު،" ޓުޗެލް ބުންޏެވެ.
އޭނާ ބުނީ އަންނަ ސީޒަނުގައި ވެސް އޮބާމަޔަންގް ޑޯޓްމަންޑުން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެޔޮ
09 March 2017
ބާސާގެ މޮޅާހުރެ މިސޮރު ހެދި ހެޓްރިކްމަތިންވެސް އެއްވެސް މީހަކު ހަނދާންވެސް ނެތް.