އިސްލާމިކް މިނިސްޓްރީގައި މީގެ ބޭއްވި ރަސްމިއްޔާތުގައި، ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް އެހީ ދިނުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީއާ އެކު ސޮއިކުރަނީ. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
19 ޖެނުއަރީ 2025 - 17:35
ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި ވަގުތު 22 ކުއްޖަކު ވެއިޓްލިސްޓްގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މިދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ދިޔަ ކަމަށެވެ. ހަތް ކުއްޖަކު ޓްރާންސްޕްލާންޓް ނިންމިއިރު މި ވަގުތު ވެސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހަތް ކުދިން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ ހަ ކުއްޖަކު ބޯންމެރޯ ނިންމުމަށްފަހު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެއް ކުއްޖަކު ވަނީ ނިޔާވެފަ އެވެ.
ބޭރުގައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު އަންނަ މަހުގެ ރާއްޖެ އަންނާނެ އެވެ. ބާކީތިބި ހަތަރު ކުދިންގެ ފަރުވާ މި ވަގުތު ދަނީ ކުރިއަށެވެ.
އޮފިޝަލް ވިދާޅުވީ ބޯންމެރޯ ހެދުމަށް މި އަހަރު އިތުރު 10 ކުދިން ބޭރަށް ދާނެ ކަމަށެވެ. އޭގެ ތެރެއިން ފަސް ކުދިންގެ ބޯންމެރޯ ސްޕެޝަލިސްޓް ރިވިއު ހެދުމަށް ފަހު އެކަމާ ގުޅިގެން ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ ބޯންމެރޯ ހަދައި ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޒަކާތު ފަންޑުގެ ހަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކޮށްފަ އެވެ. އޭގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭނެ އެވެ. އެ ލިސްޓުގައި މި ވަގުތު 22 ކުދިން އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުއެްސޮ
19 January 2025
މޯލްޑިވްސް ޒަކާތު ހައުސްއަށް ފަޚުރުވެރިވަން. ރާއްޖެއިން ބޯން މެރޯ ހެދި ކުއްޖަކު ވެއްޖިއްޔާ ހަދާފައިވަނީ ޒަކާތު ހައުސްގެ އެހީގައި. ޒަކާތު ހައުސް އަކީ ފުދުންތެރިކަން ހުންނަ މީހުން ދޭ ޒަކާތުގެ ފައިސާ މެނޭޖުކުރާ ދައުލަތުގެ މުހިއްމު އޮފީހެއް. ވައްސަލާމް