ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ހަމާސްއިން މިނިވަންކުރި ރަހީނަކު ގެންދަނީ. --ފޮޓޯ: އޭއެފްޕީ
19 ޖެނުއަރީ 2025 - 22:25
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމަށް އަމަލުކުރަން ފަށައި، ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު މިރޭ މިނިވަންކޮށްފި އެވެ.
މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަމާސް އިން 15 މަސް ދުވަސް ވަންދެން ރަހީނުކޮށްފައިވާ 33 މީހަކު މިނިވަންކުރަން ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން، އޭގެތެރެއިން ތިން އަންހެނަކު މިނިވަންކޮށް، މީގެ ކުޑައިރުކޮޅެއް ކުރިން އިޒްރޭލާ ވަނީ ހަވާލުކޮށްފަ އެވެ. މިނިވަންކުރި މީހުން، އިޒްރޭލުގެ ދެކުނުގައި އޮންނަ ރެއިމް އަސްކަރީ މަރުކަޒަށް މިހާރު ގެންގޮސްފައިވާ ކަމަށް އިޒްރޭލުގެ ސަރުކާރުން ބުންޏެވެ.
މިނިވަންކުރި މީހުން، އެ މަރުކަޒުގައި ޖަމާވެ، ދަނީ އުފާފާޅުކުރަމުންނެވެ.
އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގައި ވެސް އާންމުންގެ އެތައް ބަޔަކު ޖަމާވެ، ރަހީނުން މިނިވަންކުރުމުގެ އުފާފާޅުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ހަމާސްއިން ރަހީނުކޮށްފައިވާ ތިން މީހަކު މިނިވަންކުރުމާ އެކު އިޒްރޭލުގައި އާންމުން އެއްވެ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިޒްރޭލުގެ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ 1،890 އަށް ވުރެ ގިނަ ގައިދީން ދޫކޮށްލަން ނިންމާފައިވާ ކަމަށް މިސްރުން ވަނީ ބުނެފަ އެވެ.
އޭގެތެރެއިން ބަޔަކު، މިރޭގެ ވަގުތެއްގައި އިޒްރޭލުން މިނިވަންކުރަން ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، މިރޭ 90 ގައިދީން މިނިވަންކުރާނެ އެވެ. ހަމާސްއިން ވަނީ ޖަލު ކައިރިއަށް ފަލަސްތީނުގެ އާންމުން ޖަމާނުވުމަށް އެދިފަ އެވެ.
ރަހީނުން މިނިވަންކުރުމަށްފަހު، ހަމާސް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މި އެއްބަސްވުމަށް އެ ޖަމާއަތުން ފުރިހަމައަށް އިހްތިރާމް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެއްބަސްވުމާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް ހަމާސް އިން ވަނީ އިޒްރޭލަށް ގޮވާލައިފަ އެވެ.
ރަހީނުން މިނިވަންކުރުމާ އެކު، އިޒްރޭލުން ވަނީ ޣައްޒާއަށް އެހީ ވައްދަން އޮތް މަގުތައް ހުޅުވާލައިފަ އެވެ. އެއާ އެކު، ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި ހިފައިގެން، ގިނަ އަދަދެއްގެ ޓްރަކުތައް ރަފާހް ބޯޑަރު ހުރަސްކޮށް، ޣައްޒާއަށް ދަނީ ވަންނަމުންނެވެ.
ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ޣައްޒާއަށް އެހީ ވައްދަނީ. --ފޮޓޯ: އޭއެފްޕީ
އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި 251 މީހުންގެ ތެރެއިން 94 މީހުން އަދިވެސް ތިބީ ޣައްޒާގައި ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. މިރެއިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ވާއިރު 15 މަސް ދުވަހުގެ ހަމަލާތަކުގައި 50،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޣައްޒާ އޮތީ ބިމާ ހަމަވެފަ އެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިމިވަނީ، އިޒްރޭލަށް އެންމެ ބޮޑަށް ވާގިދޭ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް މިރޭގެ ވަގުތެއްގައި ހުވާކުރައްވަން ތައްޔާރުވެފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތަނޭ
20 January 2025
ހުޅަނގު އައްސޭރީގައި މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި އެތައްސަތޭކަ ބަޔަކު އެމެރީ ކޮންކަމަކާ ގުޅިގެންބާ؟ މިދައްކަނީ އައްޒާގެ ވާހަކައެއް ނޫން. މާދަން އެމީހުން ބަދަލު ހިފަން ހަމަލާ ދިނީމަ މިތާމިއުޅޭ ލޮޖިކަލް މީހުން އޮކްޓޯބަރ 7 ކޭ ފަޅޮލޭ ކިޔާނެ. މިހާރު އެކަން އެނގޭ ކަމަށް ނުހަދާ. ކޮންމެ ބަޔަކުވެސް އެމީހުން އާއިލާ މީހުން މެރީމަ ބަދަލު ހިފުނުގޮތަކަށް ހިފަން ނިކުންނާނެ. ހުޅަނގު އައްސޭރީގައިވެސް އެކަން ހިނގާނީ އެގޮތަށް.
ބޯހަލާކު0.0
20 January 2025
މި ޖެހި ސަކަރާތަކުން އެތައް އަހަރެއް ފަހަތުގައި އޮތް ޣައްޒާ އަނެއްކާ ވިހިތިރީސް އަހަރު ފަހަތަށް ޖައްސާ، ޖަލުގައި ތިބި ދެތިން ހާސް މީހުން މިނިވަން ކުރަން ބައިލައްކަ މީހުން މަރާ ހަވާލުކޮށް މުޅި އާބާދީ ބަނޑަށް ޖައްސާ، ދިރިއުޅުނު އުނދަގޫ ގޮތް އެތައް ގޮތަކުން ގުނަވެ، ހަމާސްއާއި ހިޒްބުﷲގެ ލީޑަރޝިޕް ނައްތާލާ، ސޫރިޔާގެ އެހީތެރިކަން ގެއްލި، ލައްކައިން މީހުން ނުކުޅެދޭ ހާލަތަށް ދިޔައިމާ ނަސްރު ލިބުނީ ހަމާސްއަށް ކަމަށް ފެނޭ.
ބޮއެހަލާކު ދޯ؟
20 January 2025
ކަލޭ ގޭގަ، އަރާމުގަ އޭސީގަ އޮވެގެނެއް ނޭނގޭނެ އެމީހުން އެ ތަޙައްމަލުކުރާ ވޭނެއް. ރަނގަޅު ބަހެއް ނުބުނޭހާލު ބަހެއް ނުބުނުން ރަނގަޅުވާނީ!!
ޓްރަމްޕް
20 January 2025
ކެކެ. އިސްރާއީލް ގެ މަގުސަދު ހާސިލްވެއްޖެ؟ އެމީހުން އެތިބީ ލަދުން އިސްއުފުލާ ބަަލަންވެސް ނުކެރިފައި. އެމެރިކާ އަށްވެސް ހުރި ލަދެއް. މިހުރިހާ ދުވަހުވެސް އައްޒާ އެއްކޮށް ބަންދުކޮށް ކާއެތިކޮޅުވެސް ޗެކް ކޮށްފަ ނޫނީ އެތެރެވިޔަ ނުދޭ. މިހާލުގައި ތިބި ބަޔަކާ ހަނގުރާމަ ކޮށް ކާމިޔާބެއް ނުލިބުނީމަ ދެން ނަސްރުގެ ވާހަކަ ނުދައްކާ. އަޅުވެތި ކަމުން ސަލާމަތްވާން ހަމަލާ ދިނީ. އިސްރާއީލުން ކޮންމެ އަހަރަކުވެސް އައްޒާއަށް ހަމަލާދީ އެތައްބަަޔަކު މަރާ.
އިސްމާލި
20 January 2025
މިނިވަންކަމަށް އަދާކުރަން ޖެހޭ އަގަކީ ފުރާނަ ކަމަށް ވިއަސް އެއީ ބޮޑު އެއްޗެއް ނޫން. ސިޓިން ރޫމުގައި ޓިކްޓޮކް ބަލަން އިންނަ މީހަކަށް ނޭނގޭނެ. އެ ޖެހި ސަކަރާތުގެ ސަބަބުން މި ޒަމާނުގެ ގިނަ ޒުވާނުންނަށް ފަލަސްތީނަކީ އޮންނަ ތަނެއްކަމާއި އެމީހުން ގެ ހާލު އެނގުނީ. މި ސަކަރާތުގެ ސަބަބުން އިޒްރޭލުގެ ނުބައި ކަން ދުނިޔެއަށް ފެނުނީ.
ބަދަވީ
20 January 2025
ކެކެ. މޮޅު ހަތިޔާރުގައި ޓާގެޓް އެޗީވް ނުވެ އަތަށްގޮވީމަ ބަތްކައްކާ ކުޅޭ އިރު ކުޑަކުދިން ދައްކާ ކަހަލަ ބަހަނާ ނުދައްކާ. ލީޑަރޝިޕަކީ އަބަދުވެސް ބަދަލުވާ އެއްޗެއް. އެތައް އަހަރެއް ކުރިން ހަމަލާ ދީ އާއިލާ މަރާލި މީހުން ބަދަލު ހިފަން މުޖާހިދުންގެ ގޮތުގައި ތިބޭނެ. އިސްރާއީލަށް ހަަމަޖެހުމެއް ނުލިބޭނެ އައްޒާ ބަންދު ދޫކޮށްލައިގެން ނޫނީ. އެތައް އަހަރަކު ބަންދު ކޮށްގެން ގެންގުޅުނު ބަޔަކާ ހަނގުރާމަ ކޮށް ބަލި އެވީ އިސްރާއީލް
ގަހުވަ ތަށި
20 January 2025
ޓްރަމްޕަކީ ވިސްނޭ މީހެއް. ދެން ފެންނާނީ ޔޫކްރޭން އަމާންދޭ ތަން.
ޓްރަމްޕްގެ އަމާ
20 January 2025
މަމީ ޓްރަމްޕްގެ އަމާ! ކަލެޔަށް ނިކަން ސާބަސް ޓްރަމްޕްއަށް ތިޔަ ކުރާ އިއުތިރާފަށްޓަކާ.