20 ޖެނުއަރީ 2025 - 09:47
މެޑްރިޑް (ޖެނުއަރީ 20) – ކީލިއަން އެމްބާޕޭ އަކީ މިހާރު ދުނިޔޭގެ ހުރި އެއް ވަނަ ސެންޓަ ފޯވާޑް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އެމްބާޕޭ ފްރާންސް ގައުމީ ޓީމާއި ޕީއެސްޖީގައި ކުޅުނީ ވިންގަކަށެވެ. އެކަމަކު ރެއާލުގައި އެ މަގާމަށް ކުޅެން ވިނީޝިއަސް ޖޫނިއާ ހުރުމުން އެމްބާޕޭ އަށް އެ ފުރުސަތު ގެއްލުނީ އެވެ. ރެއާލުން އޭނާ ކުޅުވަނީ ސެންޓަ ފޯވާޑެއްގެ މަގާމަށެވެ. ފުރަތަމަ އެދެވޭ ކުޅުމެއް ނުދެއްކުނަސް މިހާރު އޭނާ އަންނަނީ މަޑުމަޑުން ކުޅުން ރަނގަޅުކުރަމުންނެވެ.
ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ ލަސް ޕަލަމްސް އަތުން ފަހަތުން އަރައި 4-1 އިން ރެއާލް މޮޅުވެ ލީގުގެ އެއް ވަނަ އަށް އެރި މެޗުގައި އެމްބާޕޭ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗު ފެށިގެން 25 ވަނަ ސިކުންތުގައި ލަސް ޕަލަމްސް އިން ލީޑު ނެގި އެވެ. ރެއާލް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ އެމްބާޕޭ އެވެ. އޭގެ ފަހުން ބްރަހިމް ޑިއާޒްގެ ލަނޑު ރެއާލަށް ލީޑު ނަގައި ދީފައިވަނިކޮށް އެމްބާޕޭ ދެ ވަނަ ލަނޑު ޖަހައި ރެއާލަށް ލީޑް ފުޅާކޮށްދިނެވެ.
މެޗުން މޮޅުވެ ރެއާލް ވަނީ ލަ ލީގާގެ ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.
ސީޒަންގެ ކުރީކޮޅު ދަށް ކުޅުމެއް ފެނުނަސް، މިހާރު އެމްބާޕޭ ހުރީ ރަނގަޅު ފޯމެއްގަ އެވެ. މިހާތަނަށް އޭނާ ވަނީ ރެއާލް އަށް 18 ލަނޑު ޖަހައި ދީފަ އެވެ. މިދިޔަ އެއް ހަފުތާ ގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
ޕީއެސްޖީ ދޫކޮށް ހިލޭ ޓްރާންސްފާގައި ރެއާލަށް މި ސީޒަނުގައި ބަދަލުވި އެމްބާޕޭ މިހާރު ދައްކާ ކުޅުމާ އެކު އަންޗެލޮޓީ ބުނީ ސީޒަންގެ ދެ ވަނަ ހާފުގައި އޭނާގެ ދައުރު ރެއާލްގައި ބޮޑު ވާނެ ކަމަށެވެ.
"އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ މޮޅު ސެންޓަ ފޯވާޑް. އޭނާ އަށް އެ މަގާމަށް ކުޅެވިދާނެކަމާ މެދު ޝައުކު އުފެދުނަސް މިވަގުތު ދުނިޔޭގެ އެންމެ މޮޅު ސެންޓަ ފޯވާޑަކީ އޭނާ. އޭނާ އަކީ ވަރަށް މޮޅު ސްޓައިކަރެއް. ވިންގަށް ކުޅުމަށް ވުރެ ސެންޓަ ފޯވާޑަކަށް ކުޅެން އޭނާ އަށް ފަސޭހަ،" އަންޗެލޮޓީ ބުންޏެވެ.
ރެއާލްގެ ބާނެބުއޭ ސްޓޭޑިއަމްގައި އެ ކްލަބްގެ ސަޕޯޓަރުން ރޭ ގުގުމާލީ އެމްބާޕޭގެ ނަމަވެ. އޭނާ ބުނީ އެ މަންޒަރު ފެނުމުން ބޮޑު އުފަލެއް ލިބިގެންދާ ކަމަށެވެ.
"މި ޓީމަށް މިހާރު އަހަރެން ހޭނިއްޖެ. އަދި އަހަރެން ބޭނުންވާގޮތަށް އަހަރެންގެ ޓީމު ކުޅުންތެރިންނާ އެކު ކުޅެވޭނެ،" އެމްބާޕޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy