އަމީން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓެއް: .---ފޮޓޯ: ސަމީ
21 ޖެނުއަރީ 2025 - 20:18
އެފްއޭއެމް އަށް، ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކުށުގައި އަމިން ކޮންސްޓްރަކްޝަނާއި އިތުރު ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އެފްއޭއެމްގެ އިސްވެރިންނާއި، އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަކާއި، ކުންފުނިތަކެއްގެ އެކައުންޓްތަކަށް ފީފާއިން އިން ދިން ފައިސާ ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރަން ކޯޓަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ޕީޖީން ބުނީ އެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ އިތުރުން ދެން ދައުވާ ކުރަނީ ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އާއި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށް ކަމަށެވެ.
އަމީން ކޮންސްޓްރަކްޝަނާއި އެ ދެ މީހުންނަށް ވެސް ކުރަނީ މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީން ބުނީ ބައްސާމް، 2016 ވަނަ އަހަރުން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް، އޭޕްރީލް 8، 2021ގައި ތައްޔާރުކުރުވި ކަމަށެވެ. އެ ޗެކުގައި ބައްސާމުގެ ސޮއިކޮށް، އެ އަހަރު އޭޕްރީލް 14ގައި ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 1,919,950 ޑޮލަރު އަމިން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށް އޭގެން 1,000,000 ޑޮލަރުގެ ޗެކެއް އަމީން ކޮންސްޓްރަކްޝަނަށް ދޫކުރި ކަމަށެވެ.
އެ ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އަމިން އިން އެ ފައިސާ ބަލައިގެންފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ. އަދި އެ ދުވަހު ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، އަމިން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެއަށްވާ ދިވެހި ރުފިޔާ އެފްއޭއެމް އަށް ނުދައްކައި، ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމަށް އަމިން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.
އޭގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,000,000 ޑޮލަރު އަމިން ކޮންސްޓްރަކްޝަނުން ނަގައިދިނުމަށް ޕީޖީން އެދިފައިވެ އެވެ. އަދި އަމިން ކޮންސްޓްރަކްޝަންގެ އެ އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުންދިޔަ އަމިން ކޮންސްޓްރަކްޝަންގެ އަމިން އެވެނިއު އެޕާޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދޭން ވެސް ޕީޖީން އެދިފައިވެ އެވެ. އެ މައްސަލާގައި މުހައްމަދު އަގީލަށް ދައުވާ ކުރާ ސަބަބެއް ކަމަށް ޕީޖީން ބުނީ 2013 ވަނަ އަހަރުން ފެށިގެން އޭނާ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރެ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖަނަވަރީ 26، 2021 ވަނަ ދުވަހު އަމިން ކޮންސްޓްރަކްޝަންގެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާ ދެއްކުމަށް ޗެކު ތައްޔާރުކޮށްދީފައިވާތީ ކަމަށެވެ.
އަދި ޗެކެއް މެދުވެރިކޮށް އަމިން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، އަމިން ކޮންސްޓްރަކްޝަނުން އެފްއޭއެމަށް 15،420،000ރ. ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްދީފައިވާތީ ކުރާ ދައުވާއެއް ކަމަށް ވެސް ޕީޖީން ބުންޏެވެ.
އޭގެ އިތުރުން އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީ އަގީލަށް ވަނީ ދައުވާކޮށްފަ އެވެ.
ހަސަން ވަހީދުގެ މައްޗަށް ދައުވާ ކުރަނީ 2014 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކި މަގާމުތައް އަދާކުރަމުން ގޮސް، އަމިން ކޮންސްޓްރަކްޝަންގެ ބައްސާމުގެ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ޗެކެއް މެދުވެރިކޮށް އެހީތެރިވެފައިވާތީ އެވެ.
އެގޮތުން ޖަނަވަރީ 19، 2021ގައި 100,000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ 1،542،000ރ. އެފްއޭއެމްއަށް ދެއްކުމަށް ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓާޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީފައިވާތީ އާއި އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީ އެވެ.
އޭނާ ވަނީ އެ ދުވަހު ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސް ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް އެ ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ބައްސާމުގެ ދެ ޕެންޓްހައުސް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން އޭނާ އަށް އެންގި އެވެ. ނަމަވެސް އެ މުއްދަތު އިތުރު ކޮށްދޭން ބައްސާމްގެ ފުލުހުންގެ ކިބައިން އެދުމުން އެ މުއްދަތު އިތުރުކޮށް ދޭން ފުރަތަމަ ނިންމި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް، އެތަން ހުސްކުރަން އެންގި އެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ދެ ޕެންޓްހައުސް އޭނާ ގަނެފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާއިންނެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ހަތަރު ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވާއިރު، އޭނާގެ ވަކީލުން ދެ ފަހަރަށް މައްސަލަ ދޫކޮށްލާފައިވާތީ، ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބްލާ2024
22 January 2025
ލޮލް. އަމީނަކަށް އެއްވެސް ކަމެއް ނުވާނެ. އަލްޓިމޭޓްލީ ބެދޭނީ އެތާ ފައިނޭންސް ޑިޕާޓްމަންޓުގަ އުޅޭ ނިކަމެތި ފަގީރު ކުއްޖާ.
ޖިނާންް
22 January 2025
މި ގައުމުން ކަރަޕްޝަން ނައްތާލެވޭނީ ބައްސާމްމެންކަހަލަ މީހުން ގޮޅިޔަށް ލައިގެން.
އަކްމަލްް
22 January 2025
ވައްކަން ކުރީމާ ނުވަތަ ރިޝްވަތުހިފީމާ ދެން މޫނަކަށް ކަނދުރާއަކަށް ނުބެލޭނެ.
ޝީފާާ
22 January 2025
ދައުވާކުރަންޖެހޭ މީހުންނަށް ދައުވާކޮށް ބައްސާމްއަށް ހައްޤު އަދަބު ދޭންޖެހޭ. މާ ދުވަސްވެއްޖެ ވެރިންގެ ފަހަތުގައި ފިލަިއިގެން ހުންނަތާ.
މިވަރުގެރަގަޅުކަމެއް
21 January 2025
މީވަރަށް ރަގަޅުކަމެއް. ފުލުޓް ތަކަކީ ވަގުލާރިއާއި ކޮރަޕްޝަންގެ ލާރި ދޮންނަތަންތަން.. މިގޮތަށް ކަންތައްކުރަނިކޮޑް ފުލުޓް މާފިޔާގެ ކަންތައް މައިތިރި ވެދާނެ.
ޑީިޑީި
21 January 2025
ނުވާނެ އެއްކަމެއްވެސް.
އިންސާފުތޯ
21 January 2025
އަޖައިބެއް ކަހަލަ ކަމެއް. މުޅި އިދާރާ ދަވާލީމަ އާރެއް ބާރެއް ނެތް އާދައިގެ ދެ ކެނާއަށް ދައުވާކޮށް ގޮޅިއަށް ލާން ތިއުޅެނީ!
ކަތުމަސް
22 January 2025
ވެރިން ކިޔަނީ ކަމެއް ވެގެން. މޮޅެތި ނިންމުންތަށް ނިންމައި ތަންފީޒު ކުރަން އަންގާނީ ޒިންމާ ވެވޭ ވަރު މީހުން. ދެން ތިބޭނީ ބުނި ގޮތަކަށް މަސައްކަތް ކުރާ ބޮޓުން. ކޮންމެ ވެރިޔެއް ބަދަލުވެ ބުންޏަސް ބޮޓުން ކުރާނެ ބުނާ ގޮތަކަށް މާސްޓަރ މައިންޑް ޒިންމާ ނަގަން ޖެހޭނީ