"ކަޅަކި"ގެ ރެޑްކާޕެޓްގައި ނިއުމާ މުހައްމަދު.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖު
24 ޖެނުއަރީ 2025 - 21:51
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަންހެން ފިލްމީ ތަރި ނިއުމާ މުހައްމަދު ހާލުގައި ޖެހިގެން އޭނާގެ ދިރިއުޅުން ރަށަކަށް ބަދަލުކޮށްފި އެވެ.
ފިލްމީ ދާއިރާގައި ތިރީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، ރިޓަޔާ ކޮށްފައިވާ ނިއުމާ އޭނާގެ ފޭސްބުކްގައި މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އާ އަހަރު ފެށުނީ އާ އުއްމީދުތަކާއި އާ އަޒުމުތަކަކާ އެކުގައި ކަމަށެވެ. އެކަމަކު، ދުވަހަކު ވެސް ހިތަށް ނާރާ ފަދަ ގޮތަކަށް ދިރިއުޅުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ލޯބިވާ މީހުންނާ އަދި މުޅި އުމުރު ދިރިއުޅުނު މާލެއާ ދުރަށް އޭނާގެ ދިރިއުޅުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް ނިއުމާ ބުންޏެވެ.
ނިއުމާ ބުނި ގޮތުގައި، ފާއިތުވި ތިން އަހަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ތިން އަހަރެވެ. އެ ތިން އަހަރުގެ ހިތްދަތިކަމުގައި އޭނާއަށް ހަމަ ނިދި ނުލިބެ އެވެ.
"ޑިޕްރެޝަންގެ ތެރޭގައި އެތައް މަހެއް ހޭދަކުރީމެވެ. ހާލުގައި ޖެހިގެން މަގުމަތިވާ ހިސާބަށް ދިޔަ އެވެ،" ނިއުމާ ބުންޏެވެ.
ހާލުގައި ޖެހުނު ދުވަހު ލިބުނީ އިބުރަތްތެރި ފިލާވަޅެއް ކަމަށް އޭނާ ބުންޏެވެ.
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފާހަގަކުރަން 2019 ގައި ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ފިލްމީ ތަރި ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރައީސް އޮފީސް
ނިއުމާ ބުނީ އޭނާ ހާލުގައި ޖެހުނު ދުވަހު އަތުގައި ހިފައި، މަގު ދައްކައިދިނީ އޭނާގެ ކޮއްކޮގެ ދެމަފިރިންނާއި އާއިލާގެ މަދު ބައެއް ކަމަށެވެ. އަދި ހާލު ބަލައި، އެހީގެ އަތެއް ދިއްކޮށްލީ ވެސް މަދު ރައްޓެއްސަކު ކަމަށް ލިޔެފައިވެ އެވެ.
ނިއުމާ ބުނި ގޮތުގައި، މިއީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ސްކޫލުގެ އެންމެފަހު އަހަރު ކަމަށް ވާތީ، ކޮންމެ ހާލެއްގައި ވެސް ކެތްތެރިކަން އިސްކުރީ އެވެ.
ކުރިން ތިން ކައިވެންޏެއް ކޮށްފައިވާ ނިއުމާ އެ ދަރިފުޅު ބަލަނީ އެކަނިމާއެކަނި، މާބޮޑު އެހީތެރިކަމެއް ނުލިބިކަން އޭނާގެ ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން ދޭހަވެ އެވެ.
"މުޅިން އާ ތާކަށް ދިރިއުޅުން ބަދަލުކޮށްލީ ހަމައެކަނި މަގޭ ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށްޓަކަ އެވެ،" އެއީ ކޮން ތަނެއްކަން ހާމަނުކޮށް ނިއުމާ ބުންޏެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލު ނިއުމާ މުހައްމަދު. މިހާރު ފައިލް ފޮޓޯ
ގިނަ އަދަދެއްގެ ޑްރާމާތަކާއި ފިލްމުތަކުގެ އިތުރުން ލަވަތައް ކުޅެފައިވާ ނިއުމާ ބުނީ މިދިޔަ ތިން އަހަރު މަންމައެއްގެ ހައިސިއްޔަތުން ފެއިލްވި ކިތަންމެ ފަހަރެއް ދިޔަ ކަމަށެވެ. އެކަމަކު، ވެސް އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ ސިއްރުސިއްރުން ރޮއެ، ހިތާމަކޮށް ދަރިފުޅުގެ ކިބައިން މާފަށް އެދުނު ކަމަށް ބުންޏެވެ.
"މަށަށް މި ހާލު ޖެއްސި އެއްވެސް މީހަކާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތެވެ. މާފު ވެސް ދީފީމެވެ. މި ވެސް ދަސްވި މުހިންމު ފިލާވަޅެކެވެ. މީ މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކޮށް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅައިފީމެވެ،" ނިއުމާ ބުންޏެވެ.
ގދ. ވާދު އަށް އުފަން ނިއުމާއަކީ އެންމެ ކުރިއްސުރެ މާލޭގައި ދިރިއުޅެމުން އައި ތަރިއެކެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ހާލުގައި ޖެހިގެން ވެސް އޭނާ ދިރިއުޅުން ބަދަލުކުރީ ވާދޫއަކަށް ނޫނެވެ.
ނިއުމާގެ ދިރިއުޅުމަށް ގެނައި މި ބޮޑު ބަދަލާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދަން "މިހާރު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ނިއުމާ އެންމެ ފަހުން ޕްރޮޑިއުސްކުރި ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ޕްރިމިއާ ކުރި "ކަޅަކި" އެވެ. ނިއުމާ ކުޅުނު އޭނާގެ އެންމެ ފަހު ފިލްމަކީ "ނިވައިރޯޅި" އެވެ. އެ ފިލްމު ނެރުނީ 2019 ގަ އެވެ. އެ ފިލްމަށް ފަހު އެކްޓުކުރުމުގެ ރިޓަޔާކޮށް، ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރަން ފެށީ އެވެ.
ނިއުމާ ކުޅެފައިވާ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފަތިސް ހަނދުވަރު" އާއި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު އީސާ ޝަރީފްގެ "ފަތިސް ހަނދުވަރު" އާއި 2003 ވަނަ އަހަރު ނިކުތް "ގިނި ހިލަ" 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "ކަލާޔާނުލާ" ހިމެނެ އެވެ. "ދަރިންނަށްޓަކައި" އާއި "ޔޫސުފް" ފަދަ މަޝްހޫރު އެތައް ފިލްމެއް އޭނާ ކުޅުނެވެ.
އެ ވަރުގެ ކާމިޔާބު އެކްޓްރެސްއެއް ދިވެހި ސިނަމާއަށް އަދި ނާދެ އެވެ. އެވަރުގެ މަޝްހޫރު ކަމެއް ލިބުނު ތަރިއަކު ވެސް އަދި ނެތެވެ.
ނިއުމާއަކީ ފިލްމީ ދާއިރާއިން ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ތަރިއެކެވެ. ނިއުމާގެ ނަމުން ނަން ދީގެން އޭނާ ޑައިރެކްޓްކުރި އަދި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ނިއުމާ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް އޭނާއަށް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅިއްޗީ
25 January 2025
ދުނިޔެއަކީ އެކަހަލަތަނެއް ނިއުމާ ކީއްކުރަން ތިއަށްވުރެ މާތް އަދި ތިއަށްވުރެ ދެރަމީހުންވެސް ދުނިޔޭގަ އުޅެ ނިމި ހިގެއްޖެ ނިއުމާއަށްވެސް އަދިބއެހެންމީހުންވެސް މިދުނިޔެއިން އަލްވަދާއު ކިޔަންޖެހޭނެ އަދި ހޭދަކުރަން ޖެހޭ ދުވަސް އޮތީ ފަހުން ދެން އުމުރުގެ ބާކީ އޮތްދުވަހުން އުމުރުން ފާއިތުވެދިއަދުވަހަށް ބަލާފަ ނަފްސް އިސްލާހްކޮށް އާޚިރަތަށްޓަކާ އާއަޒްމަކާއެކު މަސައްކަތް ފަށާ
ފްލެޓް
25 January 2025
ގައިމު އެކަނިވެރި މައިންނަށް ވެސް ފްލެޓް ދިން. ނިއުމާ އަށް ކީއްވެ ބާ ފްލެޓެއްވެސް ނުލިބުނީ. ދިރިއުޅޭނެ ތަނެއް ހުރިނަމަ ދަރިފުޅު ގޮވައިގެން އުޅެވޭނެ
ކިނާރީ
25 January 2025
ހާލުގަ ޖެހިގެން ރަށްފުށަށް ދިރިއުޅުން ބަދަލު ކޮށްގެން ކުރާނެ މަސައްކަތަކަށް އޮންނާނީ މަސްކެެއްކުން . ރަށްފުށުމިހުން މާލެ ހިޖްރަކުރަނި ކުރާނެ މަސައްކަތް ހޯދަން. .
ފަރަންޖީ
26 January 2025
ބްރޯ ތިއުޅެނީ 70ގެ އަހަރުތަކުގަ އަދިވެސް
ޜާކަނިކެވިއްޖެތާ
25 January 2025
އަބަދު މިގޮވަނީ ތިބާވަތުގެ ކަންކަމަކުން ވާނެ މޮޅެއް ފައިދާއެއްނެތޭ ތިމާމީހާހެ އުމުރު ހެޔޮގޮތުގައި ބޭނުންކޮއް ޒިންމާދު ފިރިޔެއް އިހްތިޔާރު ކުރާށޭ.
ދިރިއުޅުން
25 January 2025
މަލެއަކީ ބަޔަކު ދިރިއުޅެން އެއްގޮތަކަށްވެސް ކަމުދާތަނެއްނުން، ކުއްޔަށްދޭ ތަންނަނުގެ އަގު އިންތިހާއަށް ބޮޑު، އަދި ކިތައްމެ ބޮޑުއަގެއްގައި ތަނެއް ކުއްޔަށް ހިފިކަމުގައި ވީނަމަވެސް އެތަނެއްގައި މީހަަކު ހިތްހަމަޖެހޭނެފަދަ މާހައުލެއްނޯވޭ. ކޮށްޓަށްލައިފަ ތިބޭ ދޫނިތަކެއްހެން އުޅެންޖެހޭއިރު، ބޭރަށްނިކުމެ ރައްކާތެރިކަމާއިއެކު މިނިވަންކަންމަތީ ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮއްލާނެ ފުރުސަތެއް ލިބޭކަށްނޯވޭ..
ނިޝާ ދި ފޯރްއެވާ ކްއީން އޮފް މޮލީވުޑް ސިނެމާ
25 January 2025
ފިލްމެއްގެ ޕްރޮމޯޝަންއެކޯ އެއީ
ހެޔޮގޮތްތައްކަށް އެދެން!
25 January 2025
ހެޔޮގޮތް މިންވަރު ކުރަށްވާށި! ފައިނޭންޝަލް އެޑިއުކޭޝަންގެ ވާހަކައަށް ތާއީދު ކުރަން. އެކަމު ރާއްޖޭގެ ފަންނާނުންނަށް ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުން ފުރުޞަތު އޮންނަނަމަ، ނިއުމާއަށްވެސް ފައިސާ ލިބޭނެ މަގެއް އޮތީސް. ދިވެހިރާއްޖެ ސުވަރުގެއަކަށްވަނީ ހަމައެކަނި ފަތުރުވެރިންނަށް. އެހެންނޫނީ މި އޭޝިއާ ސަރަހައްދުގައި މިވަގުތު ގަނަ އިގްތިސާދީ ހަރަކާތްތަކަށް އެންމެ ނިކަމެތި ގޮތްތައް ނުހޯދޭނެ ގައުމު. ބީއެމްލްގެ ބޭނުމަކީ ކޮންމެ މީހަކީ ދަރަނިވެރިއަކަށް ހެދުން.
މިހާލި
25 January 2025
ދިރިއުޅުމުގަ އެންމެ އީމާންތެރިމީހާއަށްވެސް ހިތާމައާއި ހިއްދަތިކަން ތަހައްމަލުކުރަންޖެހޭ.މީހަކައް ދެރަގޮތެއް މެދުވެރިވީމަ އޭނަ ދިރިއުޅުނުގޮތް ބަލާ ހަޖޫ ޖަހާކައް ނުޖެހޭ . މިހާރުގެ ދިވެހިންނަށް ކީއްތަވެފަ މިތިބެނީ
ރާވެރިބެ
25 January 2025
ވަރަށް ހިތާމަވެރި ޙަބަރެއް. ކީއްކުރާނީ. ވަރަށް ގިނަ ރައްޔިތުން ނިކަމެތި ވެއްޖެ. ބިކަ ހާލު ޖެހިއްޖެ. ވިޔަފާރިތަށް ވެސް ދަނީ ބަގުރޫޓު ވަމުން. ލަފާ ކުރެވެނީ މިދައުރުގަ ދިވެހިން މިއިން ޒަމާނެއްގެ ނޫޅޭހާ ދަތި ހާލުގަ އުޅެން ޖެހޭނެ ހެން. އަރާމުގަ އުޅެނީ ވެރިކަން ކުރާ ސިޔާސީ ޕާޓީގެ ބޮޑުން އެކަނި!
އިސްތިލާހު
25 January 2025
ފައިނޭންޝިއަލް އެޑިއުކޭޝަން އަކީ ސްކޫލުތަކުގައ މިހާރުން މިހާރަށްވެސް ކިޔަވަދޭން ޖެހޭ އެއްޗެއް، ލޯނު ނެގުމާއި، ކުރެޑިޓް ކާޑު ބޭނުންކުރުމާ، ލިބޭ އެއްޗެއް ރައްކާތެރިކުރަންޖެހޭ ގޮތާ، ދެކޮޅު ޖައްސަން ޖެހޭ ގޮތާ، އަދި ލާރިކޮޅެއް ލިބޭއިރަށް ރެއިންބޯ ޓަވަރުފަދަ ތަންތަނުން ފުލެޓު ކުއްޔަށް ނުނެގުމާއި، ޔޫރޯ ޓުރިޕުތައް ރައްޓެހިން ދިޔަސް ނުދިއުމާ، މިހެންގޮސް ކިޔާނެ ކަމެއް ނެތް، ކުދިން ހޭލުންތެރިކަން ކުރަން އެބަޖެހޭ،