ސިވިލް ކޯޓު: 28 މިލިއަން ރުފިޔާ 11 މަސް ތެރޭ ދައްކަން ފެނަކައަށް ހުކުމެއް ވަނީ އިއްވާފައި
27 ޖެނުއަރީ 2025 - 17:54
އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ދިމަހް ކުންފުނިން ސިވިލް ކޯޓުގައި ފެނަކައާ ދެކޮޅަށް ދައުވާކުރީ އެ ކުންފުނިން ކުރި މަސައްކަތަކަށްވާ 31 މިލިއަން ރުފިޔާ ފެނަކަ އިން ހޯދުމަށެވެ. އެ ފައިސާގެ ތެރެއިން ފެނަކަ އިން ދީފައި އޮތީ އެންމެ ތިން މިލިއަން ރުފިޔާ އެވެ.
ދައުވާ ކުރުމުން ފެނަކަ އިން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެކަމަށް ކޯޓުން ދިން މުއްދަތުގައި ފެނަކަ އިން އެއްބަސްވި ގޮތަށް ހައްލުތަކެއް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ، ދިމަހް ކުންފުނިން ވަނީ ޝަރީއަތުން މައްސަލާގައި ގޮތެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.
ފެނަކަ އިން ވެސް ވަނީ ދިމަހް ކުންފުނިން އެދޭ ގޮތަށް މައްސަލާގައި ހުކުމް ނެރެދިނުމަށް އެދޭ ކަމަށް ކޯޓުގައި ބުނެފަ އެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދިމަހް ކުންފުންޏަށް ދޭން ޖެހޭ 31 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ އޮތް 28 މިލިއަން ރުފިޔާ 11 މަހަށް ބަހާލައިގެން ދައްކާށެވެ.
ފެނަކައަށް މީގެކުރިން ވެސް މިފަދަ ގިނަ ހުކުމްތަކެއް ސިވިލް ކޯޓުން އިއްވާފައިވެ އެވެ. އެ ކުންފުންޏަކީ އެންމެ ބޮޑަށް ދަރާފައި އޮތް ސަރުކާރު ކުންފުންޏެވެ.
މިދިޔަ ސަރުކާރު ނިމުނުއިރު ފެނަކައިގެ ދަރަނިި ހުރީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 4.3 ބިލިއަން ރުފިޔާގަ އެވެ. ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތް އިރު، އެކި މީހުން ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް 1.7 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. އޭގެ ތެރެއިން 300 މިލިއަން ރުފިޔާ ހަތް މަސް ތެރޭގައި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެރީ
28 January 2025
ތިލާރި ދައްކާނީ ސަރުކާރުގެ ބަޖެޓަކުންނޫން ދެން ކޮން ގޮތަކުން. ފެނަކަ މިހާރުވެސް އޮޕަރޭޓްކުރަނީ ޕްރޮފިޓެއް ނެތި. ރަށްރަށުގައި ރައްޔިތުން ކޮންމެ ހާލެއްގައި ނަމަވެސް އިންޖީނުގެތައް ހިންގަމުންދިޔަ އަންނިގެ ޑިމޮކްރަސީ ނާންނަނިސް. ރައްޔިތުންގެ އެމްޕަވަރ ކުރުމުގެ ބަދަލުގައި ސަރުކާރުގެ ބާރު ބޮޑުކުރަން ހަދައިގެން ވާ ގޮތް.
ތުނޑުހަސަނު
28 January 2025
މުޢާޛު ވަކިވަން ދެއްކި ވާހަކަޔާ މިހާރު ހުރި މީހަކު ދައްކާ ވާހަކަޔަކާ ދިމާއެއްނުވޭ. މުއާޛު ބުނި އަރަނި ތަނަކަށް ހަދާނަމޭ. ފަހުން ބުނީ މުސާރަ ދެވޭ ވަރުވެސް ނުބެޔޭ. މިހާރު ހުރިމީހާ ބުނަނީ ރޯދައިގެ ކުރިން ދަރަނި ނިންމާނަމޭ. މުއިއްޒު ބުނީ ކޮރަޕްޝަން ވިއްޔާ ވަގުތުން ފިޔަވަޅު އަޅާނަމޭ. ދެދުވަހެއްވީތަނާ މުއާޒު އިސްތިއުފާދިނީ. މީހުން ކިޔަނީ އަގުބޮޑު ކާރު އެބައޮތޭ. ފައިބަރު ދޯނި ހަދައޭ. ލޯންޗްތައް އެބަހުރިޔޭ. މުސާރަ ނުދޭވި ކުރީ ކީއްބާ.
މިލިއަން
28 January 2025
މިލިއަނާއި ބިލިއަން އޮޅުވާނުލާ.
އަސް
28 January 2025
މަގޭ ހިތަށް އަރަނީ ހަމަ އެހާ ވަރަށް ކްރެޑިޓް ދެވޭ ވަރުގެ ފައިސާގެ ތަނަވަސް ކަންހުރި ކުންފުނި ތަށް ބާވައޭ އިއުޅެނީ. ނޫނީ ފެނަކަގެ މުވައްޒަފުން ގުޅިގެން ހިންގާ ބޮޑަތި ޖަރީމާ ބާއޭމީ. މިހާ ބޮޑަތި ކުރެޑިޓް ދެވޭނީ ވަރަށް ފައިސާ އޮތް ބަޔަކަށް
ކުދު ބެއްޔާ ގެ އަފީފު ދީދީ
27 January 2025
ނުކުރާ މަސައްކަތަށް ކުރީ ސަރުކާރުން ވާރުތަ ވި މާ ވަހަރެއްތަ؟
ނާޑުވާ
27 January 2025
"ފެނަކަ އިން ވެސް ވަނީ ދިމަހް ކުންފުނިން އެދޭ ގޮތަށް މައްސަލާގައި ހުކުމް ނެރެދިނުމަށް އެދޭ ކަމަށް ކޯޓުގައި ބުނެފަ އެވެ." ބޮޑު ސޯބު އެނބުރޭގޮތަށް ކުދި ސޯބުތައް އެނބުރޭނީ.
ހަމްދާ
27 January 2025
ތި ކުންފުންޏަކީ ފެނަކައިގައި މިހާރުވެސް މަސައްކަތް ކުރަމުންދާ އަތުހަރު ހިއްސާވާ ކުންފުންޏެއް
ތުއްތަނިކު
27 January 2025
މާލިއްޔަތު ގަވައިދާ އެއްގޮތަށް ހިންގާ މުއާމަލާތްތަކެއްގެ ފައިސާ ހޯދަންތަ މިއުޅެނީ؟ އޭސީސީއާ އޮޑިޓް އޮފީހާ ޕީޖީ ގުޅިގެން ވެއްޖެ ފެނަކައިގެ މިމުއާމަލާތްތައް ތަހުގީގުކުރަން. ދައުލަތުގެ ކުންފުންޏެއް ބޭނުންކޮށްގެން ބަޖެޓު ކަހާލެވިގެންނުވާނެ ގަވާއިދާ ހިލާފަށް. އެއީ ޖަރީމާއެއް
ނަރީނާ
27 January 2025
ތިއީ ފެނަކައިން ރާވައިގެން ހިންގާ ކަންކަން! ދައުވާ އަށް އެއްބަސްވުމުން ކޯޓުން ހުކުމް ކުރާނެ! ދެން ބުނެވެން އޮންނާނެ ކޯޓުން ހުކުމް ކުރީއޭ! ބަލަ ތިހާ ޞައިވަރު ފައިސާއަށް އެއްބަސްވީއިރު ކޮބާ ޑޮކިއުމަންޓްސް! އެއީ ހަމަ އަސްލުވެސް ދޭންޖެހޭ ފައިސާތޯ އޮޑިޓްކޮށްފަ ނިކަން އަވަހަށް ބަލާބަލަ ކޮންމެވެސް ބަޔަކު! ތިހާ ބައިވަރު ފައިސާ ދޭންޖެހޭ ސަބަބެއް ނޯންނާނެ ކަން ޔަގީން އަޑުވެސް ނާހާ ބަޔަކަށް!
ޖިމޯ
27 January 2025
ރަނގަޅަށް ވިއްޔާ އަސްލު ކުރި މަސައްކަތުގެ އަގަކަށްވާނީ 2.8 މިލިއަން
މެރޯ
28 January 2025
މަސައްކަތުގެ އަގަކަށްވާނީ މަސައްކަތް ފެއްޓުމުގެ ކުރިން ދެފަރާތުން އެއްބަސްވާ އަގު، އެއީ އެކަށީގެންވާ އަގެއްތޯ ނޫންތޯ ނިންމާނީ އެކަމުގައި ބައިވެރިން، ދައުލަތުގެ ކުންފުންޏެއްގެ ވެރިންނަށް ތިބި ބަޔަކު ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކޮށްގެން އެކަށީގެންނުވާ ބޮޑު އަގުގައި ގާތްމީހުންގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަކީ ކޮރަޕްޝަން، އެކަން ބަލައި ތަހުގީގުކޮށް ސާބިތުވާ ނަމަ އެބަޔަކަށް ފިޔަވަޅުއަޅާނީ