މަރުކަޒީ ބޭންކުން ތައާރަފް ކުރި އިންޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ތައާރަފްކުރި ރަސްމިއްޔާތުގައި އާ ގުޅޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލަނީ: މި ސިސްޓަމް ބޭނުންކޮށްގެން ވަގުތުން ވަގުތަށް އެއް ބޭންކުން އަނެއް ބޭންކަށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 ޖެނުއަރީ 2025 - 10:28
ދިރާގު ޕޭގެ ހިދުމަތް ފޯރުކޮށްދޭ ދިރާގު ފިންޓެކާއި އިތުރު ދެ ބޭންކެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ގާއިމުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ"އާ ގުޅިއްޖެ އެވެ.
ފަވަރަ މެދުވެރިކޮށް ހިދުމަތްތައް ދިނުމަށް އެ ސިސްޓަމާ ގުޅުނީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ.
ދިރާގު ފިންޓެކް އަކީ ފަވަރައަށް ޕޭމަންޓުގެ ހިދުމަތްދޭ ބޭންކެއް ނޫން ކުންފުންޏެއްގެ ގޮތުގައި ބައިވެރިވާ ފުރަތަމަ ފަރާތެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އެ ތިން ފަރާތުން ފަވަރައާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގެ މަރުހަލާ ވެސް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. އެ ތިން ފަރާތުގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ހުރިހާ ހިދުމަތްތައް މިހާރު ލިބޭނެ އެވެ.
އަލަށް ގުޅުނު އެޗްބީއެލް އާއި ސީބީއެމްއާ އެކު ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދޭ ހުރިހާ ބޭންކުތަކެއް މިހާރު އެ ސިސްޓަމުގައި ހިމެނޭނެ އެވެ. އެގޮތުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ ހިދުމަތްތައް ފަވަރައިން ލިބޭނެ އެވެ.
އެމްއެމްއޭއިން ބުނީ ޕޭމަންޓުގެ ހިދުމަތްތައް ދޭ އިތުރު ފަރާތްތައް ވެސް އެ ސިސްޓަމާ ގުޅުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.
ފަވަރަ އަކީ ކޮންމެ ބޭންކެއްގެ ނުވަތަ ޕޭމަންޓު ހިދުމަތްތައް ދޭ ފަރާތެއްގެ އެކައުންޓު ނުވަތަ ވޮލެޓު އޮތްނަމަ ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ވަގުތައް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ސިސްޓަމެކެވެ. އެ ސިސްޓަމް އެމްއެމްއޭއިން ތައާރަފް ކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޝިމް
29 January 2025
ޖީބުގަ އޮންނަ ވޮލެޓުގަ ހުންނަ ފައިސާ ވެސް ތިޔަ ސިސްޓަމުން ޓްރާންސްފާ ކުރެވޭނެތޯ؟ އެހެން ވާނަމަ ހާދަ ފަސޭހަވާނެއޭ.
ބިކިނީބީޗް
29 January 2025
ހަމަދެން އެއްޗެކޭ ކިޔާލީއޭ..ތަންކޮޅެއް އޮއްޓަރު ހުންނަ ކޮމެންޓު ލިޔެބަލަ
ބަބްސް
29 January 2025
ދިރާގުޕޭ އަދި އޫރިދޫ ވޮލެޓް ތަކަށް ވަގުތުން ޓްރާނސްފަރ ކުރެވުމަކީ ބޮޑު ބަދަލަކަށް ވާނެ. ބީއެމްއެލް އިން އެކްސެސް ނުދޭނަމަ ގިނަ ބަޔަކު ދެން ވޮލެޓް ތަކުގައި ލާރުރަށްކާކުރަން ފަށާނެ އަދި ވޮލެޓް ތަކުން ގިނައޮފޯރ ތަކެއް ލިބެން ފަށާނެ.
މަލްޓީ ޕަރޕޮސް
29 January 2025
ދެން އެމްއެމްއޭއިން ކުރަންވީ ކަމަކީ އިންޑިޔާގެ ރުޕޭ ގޮތަށް ފަވަރަ އަކީ ރާއްޖޭގެ ގައުމީ ޕޭމެންޓް ސިސްޓަމްކަމަށް ހަދައި، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ބޭންކަކުން ދޫކުރާ ކާޑުތަކުގައިވެސް ފަވަރަ ޕޭމެންޓް ހެދޭގޮތް ހަދަންވީ، އަދި މި ސިސްޓަމްގެ ތެރެއިން ޕީއޯއެސްތަކުން ފައިސާކެޑުމަށް މިހާރު ބޭންކުތަކުން ކުރަމުންދާ ޗާޖުތައް އެއްހަމައަކަށް ގެންނަންވީ.