އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅައި އެތަނުގެ މަންފާ ޒަކާތު ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން.
30 ޖެނުއަރީ 2025 - 09:15
ރާއްޖޭގެ ޒަކާތު ހައުސްގެ ބިލްޑިން ނުވަތަ ބައިތުއްޒަކާތުގެ ނަމުގައި ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ މި އިމާރާތުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ވަނީ އުފައްދައިފަ އެވެ.
ޒަކާތު ހައުސްގެ އިމާރާތް ވެގެން ދާނީ، ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށް ދެވޭ ގޮތަށް އިމާރާތް ކުރަމުންދާ ތަނަކަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އިމާރާތް ކުއްޔަށް ދޫކޮށްގެން ލިބޭ މަންފާ ބަހާނީ ޒަކާތުގެ ހައްގުވެރިންނަށެވެ.
ރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެހެންވެ، ޑިސެމްބަރު، 18، 2023 ގައި ޒަކާތު ހައުސެއް އުފެއްދީ ވެސް އެ މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތް ލިބުނު އަހަރު ކަމަށެވެ. ޒަކާތު ފަންޑަށް 101 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތުގެ ކަންކަން ކުރިން އިންތިޒާމު ކުރަމުންދިޔައީ އިސްލާމިކް މިނިސްޓްރީގެ ހާއްސަ ޑިޕާޓްމަންޓެއްގެ ދަށުންނެވެ. ޒަކާތު ހައުސްއާ އެކު އެ ޑިޕާޓްމަންޓް ވަކި އިދާރާއެއްގެ ގޮތުގައި އަންނަނީ ހިންގަމުންނެވެ.
ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި އެ ފަންޑު ތަރައްގީކޮށް ކުރިއެރުވުމާއި ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރަން ޖެހެ އެވެ.
ކުރިން ސަރުކާރުން ބުނެފައިވާ ގޮތުގައި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނުވަތަ ސިޔާސަތުތަކެއް ވެސް ނެތި އެވެ. އެހެންވެ، އެ އިދާރާ އާ އެކު އެ ކަމަށް ވެސް ހައްލެއް ލިބޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގފދ
30 January 2025
ތިލާރިން މަގޭ ކުންފުނިން ކުރަމުން އަންނަ މިސްކިތުގެ މަސައްކަތަށް ފުރަތަމަ ޕޭމަންޓް ހަދާބަލަ. މި އުޅެނީ ޒަކާތް ބަލައިގަންނަން އިންނާ މޭޒެއް ނެތިގެންތަ?
ރައުޔު
30 January 2025
ޒަކާތައް ލިބޭ ފައިސާ އަކީ މިނިސްޓަރަކު ހިތަށް އެރިހާކަމެއް ކުރަން ހުއްދަވާ އެއްޗެއް ނޫންކަން ނޭނގޭ މީހަކު މިނިސްޓަރ ކަމަށް ކުފޫ ހަމަވާކަމުގައި ނުބެލެވޭނެ. ޒަކާތައް ލިބޭ ފައިސާ އަށް ޢަމަލު ކުރަންޖެހޭގޮތް ނޭނގެންޏާ އިސްތިޢުފާ ދިނުން ލާޒިމު ވާނެ
އަބްޑޫޅް +
30 January 2025
ކަލޭމެން އޮޝްޓޭލިޔާގަ އަޅަން ތިޔައުޅޭ މިސްކިތަށް މިފަންޑުން ދޭނަމުތަ؟
ފުރޭޓަ
30 January 2025
މިކަހަލަ ކޮސް ކަންކަން ނުކޮށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ދީބަލަ. މި ގައުމުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންވެސް މި އުޅެނީ ސޯޝިއަލް ހައުސިން ޔުނިޓަކަށް ސަލާން ޖެހުމުގައި. މިވަރުން މިގައުމުގެ މުއްސަނދިކަން މިންކޮށްލެވޭނެ. ވެރިމީހާ މި އުޅެނީ 2040 ގައި މި ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކަށް ނުހެދިގެން
ކަލީމް
30 January 2025
ޒަކާތަށް ލިބޭ ފައިސާއަކީ އަދި އެއިން ބަޔަކު ވިޔަފާރިކޮށް ނަފާ ހޯދަންޖެހޭ ފައިސާއެއް ނޫން. އެފައިސާ އެ ލިބުނު ގޮތަކަށް އޭގެ ހައްގުވެރިންނަށް ރައްދުކޮށްދީ.
މިނިސްޓާ އޮފް ދެއްކުންތެރި
30 January 2025
ހަމަ އާދަވެގެން މީނަގެ ސުރުހީއެއް ފޮޓޯއެއް މަދުވެގެން ހަފުތާއަކު އެއްފަހަރު ފެންނަން ޖެހޭނެ.
ނާޑުވާ
30 January 2025
އަވަހަށް އެސްޖޭ އާ ހަވާލު ކޮށްލާ. ދައުރު ނިމުމުގެ ކުރިން 100 ވަރަކަށް މިލިއަންގެ ބަދަލެއް ދިނީމަ ޖީބަށްލާނެ އެތިކޮޅެއް ލިބޭނެޡ
ހަސަންރަހާ
30 January 2025
މީނާ އާއި ހަވާލުކުރަންވީ ދައުލަތުގެ ރިއަލް އެސްޓޭޓް ކުނުފުންޏެއް! ދެނ2 ހަވާލު ކުރަންވީ ރަން ވިޔާފާރި އެއް!
މުސްތފާބެ
30 January 2025
ޝަހީމް ވެސް ދަސްކޮށްފި ދޯ ! ގަޑުކޮށް ލާރި ގަޑެއް ދަމާއި ގަނެވޭނެ ފޮމިއުލާރ !
އަލީ!!
30 January 2025
އިމާރާތެއްހަމަ އެހާ މުހިންމުތޯ؟ ޒަކާތަށް ބޭނުންވާ ފައިސާ ނޫންތޯ މުހިންމީ..!