ކުންފުނީގެ ހިއްސާދާރުންނަކީ ފިލްމީތަރި ނަހުލާ އާއި އޭނާގެ ފިރިމީހާ ސިނާން
ބައި ޓަނުގެ މިޔަރު މަސް ވަގަށް ބޭރުކުރަން އުޅުނު ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފިލްމީތަރި ނަހުލާ އާއި ސިނާން
30 ޖެނުއަރީ 2025 - 22:57
ރާއްޖެ އިން ބައި ޓަނުގެ މިޔަރު މަސް ވަގަށް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ސިއްރުކުރަން ނިންމި ނިންމުން ކަސްޓަމްސް އިން އެންމެ ފަހުން ބަދަލުކޮށް، އެ ކުންފުނީގެ ނަން މިރޭ އާންމުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކާ ގުޅިގެން ކަސްޓަމްސް އިން ފުރަތަމަ ބުނީ ރާއްޖެ އިން 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ސިއްރުކުރީ އެއީ މި ވަގުތު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.
އެކަމަކު، އެ މައްސަލާގައި މިރޭ ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ އިދާރާ އިން ބަލައި ފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑިމަސް ހުރި 45 ފޮށިގަނޑު ފެނިފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ޝިޕްމެންޓް ކަސްޓަމްސް އަށް ޑިކްލެއާ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް ވެސް ބުންޏެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓަރީ ޕޯޓަލް އިން ދައްކާ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ މަޝްހޫރު ފިލްމީތަރި ފާތިމަތު ނަހުލާ އާއި އޭނާގެ ފިރިމީހާ ހުސައިން ސިނާނެވެ. ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓަރީ ކޮށްފައި ވަނީ 2005 ގަ އެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބަލައި އަދި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ތަކެތި ނައްތާލާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން، މިޔަރަކީ ރާއްޖެއިން ބޭރުކުރުން މަނާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެކެެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވަނީ އެ ތަކެތި ބޭރުކުރަން އުޅުނީ ލޮނު މަހުގެ ގޮތުގައި ކަމަށެވެ. އެކަމަކު، މެރިން ރިސާޗް ސެންޓަރުން އިތުރަށް ޓެސްޓު ހެދުމަށް ފަހު، އެއީ މިޔަރު މަހާއި މަޑި މަސް ކަމަށް ކަށަވަރުކޮށް ދީފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން ހިފުމާއި ބޭނުން ކުރުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުން ވެސް މަނާ ބާވަތްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމިޒް
02 February 2025
ފާތިމަތު ނަހުލާ އަކީ މަޝްހޫރު ފިލްމީތަރިއެއްތަ!
ދަލި
01 February 2025
މާކުރިން ކުރުސީ ބުނެފި ތިވާހަކަ
އައިމިނާ
31 January 2025
ދޮގުހަދަން ކެރޭނެ.
ކައުންސެލަރު.....
31 January 2025
މާދަމާ ކަންނޭނގެ މިކުދިން ކޯޓަށް މައްސަލަ ވައްދާނީ، އަހުންގެ ހައްގު ގެލިއްޖެޔޭ ފަޟީހަތް ވެއްޖެޔޭ ޕަބްލިކުގަ ފޮޓޯޖަހައިފިޔޭ އެހެންވީމާ ގެއްލުމުގެ ބަދަލަށް 25 މިލިއަން ރުފިޔާ ނަގައިދޭށޭ ކިޔާފާ. ދެންފަހެ މިކަން އެފަރާތަށް ކޯޓުން ކާމިޔާބު ވެދާހުއްޓެވެ. އިންސާފަކީ ފަހެ ވަކިންދެން ކޮންއެއްޗެއް ހެއްޔެވެ؟
ފިލްމުގެ ނަން
31 January 2025
ޝާކް ސްމަގުލިން ބޭވަފާ
ހަޖާމްބެ
31 January 2025
ނަހުލާ ދެން "ސްމަގުލަރ" ކިޔާ ފިލްމެއް ހަދަންފެނޭ. އެ ފިލްމުގަ އުޅެންޖެހޭނީ ނަހުލާގެ ދެމަފިރިން.
ރޯދި ކުޑޭ
31 January 2025
ނަހޫގެ ފިލްމުތައް ވަރަށް ރީތި@
ކެކެކެކެކެކެކެކެކެކެ
31 January 2025
މިހާރު އެބަ ވިސްނޭ ކޮންމެ ވެރިއެއް ފަހަތުގަ މި ކުދިން ތިބޭތިބުން!
ރަދީފްއޮފިސަލް
31 January 2025
"އެ މިޔަރު މަސް" މިނަމުގަ ފިލްމެއް އުފައްދާނަން.ވ.ވެދުން
މަންޑިފޯލި
31 January 2025
ދެން ޝަރީއަތަށް ދާނެތަ. އެ ވާހަކއެއް ނެތެއްނު ބުނެފައެއް.