ބޭސްފިހާރައެއްގެ ބޭރުން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 ފެބުރުއަރީ 2025 - 15:11
ބޭހުގެ އަގު ކޮންޓްރޯލް ކުރުމުން އާއްމުންނަށް ދަތިތައް ކުރިމަތިވާން ފެށި ކަމަށާއި އެކަމަކު އެކަމަށް ފަހަތަށް ނުޖެހި، މި އަހަރު އިތުރު ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މި އަހަރުގެ ދައުރު ހުޅުވަން އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އާސަންދަ ނިޒާމުން ނާޖައިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުން ދިޔަކަން ސަރުކާރަށް ޔަގީން ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެ ނިޒާމު ހަރުދަނާކުރަން މިދިޔަ އަހަރު މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ ތެރޭގައި؛
- ބަލްކް ޕްރޮކިއުމަންޓް ތެރެއިން ފުރަތަމަ ފަހަރަށް ފެންވަރު ރަނގަޅު ބޭސް ގެންނަން ފެށި.
- ބޭހުގެ އަގު ކޮންޓްރޯލްކުރުން.
ރައީސް މުއިއްޒު ވިދާޅުވީ، ބޭހުގެ ނަހަމަ ވިޔަފާރި އާއި ނިޒާމުގެ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު މިދިޔަ އަހަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ހެދި ގޮތުން އާއްމުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ކަމަށާއި އެކަމަކު އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި، ކުރިއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަނީ.-- ފޮޓޯ: މަޖިލިސް
"މި އަހަރުގެ ތެރޭގައި މިގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނަން. އާސަންދަ އިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތި ނުވާނެކަން ކަށަވަރު ކުރާނަން. ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ އިންސާފުވެރި ގޮތް އަބަދު ވެސް އެންމެ އިސްކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ބޭހުގެ މައްސަލަ ހައްލުކުރުމަށް ބަލާއިރު، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯގެ ބޭސްފިހާރަތަކުގައި ބޭސް ހުރީ އެންމެ އެކަށީގެންވާ މިންވަރެއްގައެއް ނޫނެވެ. އެކަން ރަނގަޅު ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ވެސް އިތުރު ހަރަދެއް ނުވަތަ ދަތުރެއް ނުކޮށް، ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރަން މި އަހަރު މުހިއްމު ހިދުމަތްތަކެއް ތައާރަފްކުރާނެކަން ފާހަގަކުރެއްވި އެވެ.
އާސަންދަ ހިދުމަތްދޭ ކޮންމެ ބޭސްފިހާރައަކީ އާއްމުންގެ ދުޅަހެޔޮކަމަށް ހިދުމަތްކުރާ ތަނަކަށް ވާކަން ކަށަވަރުކުރާނެ ކަމަށާއި އެ ނިޒާމުގެ ދަށުން ފޯރުކޮށްދޭ ބޭހަކީ، ރައީސް ވިދާޅުވި ގޮތުގައި އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ އަގުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ ދިވެހިންގެ ދުޅަހެޔޮކަމަކަށް ކުރާ ހޭދައަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެމްބަރު
07 February 2025
ރައީސްއެވެ. އާސަންދައިން އަގު ކޮންޓްރޯލް ކުރަންޖެހެނީ ހަމައެކަނީ ބޭހުގެ ތޯއެވެ. އާސަންދަދޭ ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމަށް ނަގާ ފީ ކޮންޓްރޯލް ކުރާކަށްނުޖެހޭތޯ. ދެކަމަކީވެސް ސިއްހަތާ ގުޅިފައިވާ ކަންތައްނޫންތޯ. އާސަންދަ ދޭ ބޭސްފިހާރައިން ބޭނުން އަގެއްގައި ބޭސް ނުވިއްކޭއިރު އާސަންދަ ދޭ ކްލިނިކުން ބޭނުން އަގެއްގައި ޑޮކްޓަރަށް ދެއްކެންވީ ކީއްވެބާ
އަހައްމީ
07 February 2025
އާސަންދައިން ފާމަސީތަކަށް ބޭސް ވިއްކާނެ އަގުހުށާގޮތަކީ ރޭގަޑުނިދީމާ ހުވަފެނުން ފެންނަ އަގެތްގައި އަގުތަށް ބަދަލު ކުރަނީއެވެ. ރާއްޖެއަށް ބޭސްއެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީތަކާއި މަސްވަރާ ކުރުމެތްނެތެވެ. ހޯލުސޭލްކޮށް ގަންނަ އަގަށްވުރެން އަގުހެޔޮކޮށް އާސަދައަށް ބޭސް ދޫކުރަނީ ކިހެނަކުންތޯ ؟މިސާލަކަށް އެސްޓީއޯއިން ފާމަސީތަކަށް ތައިރޯޑް ބޭސް ހޯލްސޭލްކުރަނީ 0.33 ލާރިއަށް، ފާމަސީތަކުން އާސަންދައަށް ބޭސް ދޫކުރަންޖެހެނީ 0.28 ލާރިއަށެވެ. މީއަޖައިބަކީ ؟
ހޮޓްކިންގ
07 February 2025
ބޭހެއް އެކައްޗެއްވެސް ނުލިބޭ. ބޭނުމީ ހީނާ އެތަނުން ވަކިކުރަން. ކުރިން ލިބެމުންދިޔަ ލުއިފަސޭހަތަކާއި ބޭސްކޮޅުވެސް ނުލިބި މުޅިން މަރައިފި އެމީހަކު އެތަނަށް ލީފަހުން.
ހާމަ333
07 February 2025
ދިވެހީންވެސް އިންޑިއާ އަށްދޭ ...ބޭހުން މުއްސަދިވާންވެގެން 200 ޕަސެންޓު 500 ޕަަސެންޓު ފައިދާ ލާފަ ރާއްޖެ ގެންނަ ބޭސް ވިއްކާފަ ކޯޗެކޭ މިކިޔަނީ....އަތަށް ގޮވީ ކުރާ ވައްކަން
މަހްމޫދު777
07 February 2025
ހިތަދޫ ރިއަލްފާމަސީ އަބުހަރީ ފާމަސީންވެސް ބޭސް ނެތް ކަމަށްބުނެ އާސަންދައަށް ބައެއް ބޭސް ދޫނުކުރޭ...އެކަމަކު ގަންނަން ދިޔައީމަ ދޭ ބޮޑުއަގުގަ...ހާއްސަކޮށް ކޮލެސްޓްރޯލް ޑައިބެޓިކް އަދި ލޭގެ ބޭސްތައް...
ސާމިރީ
07 February 2025
ތިޔަ ފިޔަވަޅުނާޅައި ތިބީ ރައްޔިތުންނަށް ޖެއްސުމަށްތޯއެވެ؟
އަޝްކޮލާލާ
06 February 2025
ރައްޔިތުންނަށް އެންމެފައިދާ ހުރިގޮތް އިސްކުރާނެ ނަމަ މަނިކުފާނު ކުންފުނިތަކަށް ތިޔަ ވައްދާ ކަމުގެ އެއްވެސް ތަޖުރިބާއެއް އަދި ތިމާއަށް މިކުރެވެނީ ކީއްކަން ދިހަބާރަ މީހުން ބުންޏަސް ނޭގޭފަދަ ކޮހުން ނުލާނެއެވެ. މަނިކުފާނުގެ ވަޒީރުކަމަށް ކަނޑުކޮހުން ނުލާނެއެވެ. މިއީ މަނިކުފާނުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވޭ ކަންތަކެވެ.
އިބުރާ
06 February 2025
ބާޒާރުން 10ރުފިޔާ އަށް ލިބެން ހުންނަ ބޭސްފުޅި އާސަންދައިގެ ދަށުން 6ރުފިޔާ އަށް ވިއްކަން އެންގީމައެއް އެކަމެއް ނުވާނެ. ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ އަގު ކޮންޓްރޯލްކޮށްފަ ބޭސްފިހާރަ ތަކުން ވިއްކަންވީ އެންމެ މަތީ އަގު ކަނޑައަޅަން ޖެހޭނީ
ހަވަނަ
06 February 2025
ބޭކާރު ވާހަކަ ނުދައްކާ.. އެސް ޓީ އޯއަށް ބޭނުންވާ ބޭސް ގެނެއްސަ ތިވާހަކަ ދައްކާ... ކޮންމެ ކަމެއް ކުރާނަމޭ ނުބުނެ ކޮށް ބަލަ..
އެންމެ ބޮޑަށް އުނދަގޫ ކުރައްވަނީ މަނިކުފާނު
06 February 2025
ޢާއްމުންނަށް ދަތިވާން ފެށީ މަނިކުފާނު ވެރިކަމަށް ވަޑައިގަތްފަހުންނެވެ.