މޯލްޑިވިއަންގެ މަތިންދާ ބޯޓެއް. އެއާލައިންއިން ބޭނުން ކުރާ ޑޭޝް-8 ގެ މަތިންދާ ބޯޓެއް ވިއްކާލަން ވަނީ ޖަހާފައި
07 ފެބުރުއަރީ 2025 - 09:43
މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރަމުން އަންނަ ޑޭޝް-8 (ޑީއެޗްސީ-8) ގެ މަތިންދާބޯޓެއް ވިއްކާލަން އިއުލާނުކޮށްފި އެވެ.
ގައުމީ އެއާލައިން ހިންގާ، މޯލްޑިވިއަން އިން ކުރި އިއުލާނުގައި ވަނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފަ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މިމަހުގެ 28 ގަ އެވެ.
އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލަން އިއުލާނުކުރި އިރު ޑިޕޮސިޓެއްގެ ގޮތުގައި އެއްލައްކަ ޑޮލަރު ހުށަހަޅަން ޖެހެ އެވެ. އަދި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓް ޑިޕޮސިޓެއްގެ ގޮތުގައި ތިން ލައްކަ ޑޮލަރު ހުށަހަޅަން ޖެހެ އެވެ. އެ މުއާމަލާތް ހިންގަން ކަނޑައަޅާފައިވަނީ ޑޮލަރުންނެވެ.
މޯލްޑިވިއަން އިން މިދިޔަ އަހަރު ވެސް އެއް ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް ވިއްކާލި އެވެ. އެއާލައިން 2000 ވަނަ އަހަރު އޮޕަރޭޝަނަށް އައިސް އެންމެ ފުރަތަމަ ބޭނުން ކުރީ ޑޭޝް-8 ގެ މަތިންދާބޯޓުތަކެވެ. އެ ބޯޓުތައް އުފެއްދުން 2010 ވަނަ އަހަރު ވަނީ ހުއްޓާލައިފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ޑޭޝް-8 ގެ ބޯޓުތައް ބާވެ، އާ ކުރުމުގެ މަސައްކަތް އެއާލައިނުން ފަށާފައިވާ އިރު ޑޮމެސްޓިކް ހުރިހާ ދަތުރަކަށް އޭޓީއާރްގެ ބޯޓުތަކަށް ބަދަލުކުރަމުން އަންނަ ކަމަށެވެ.
ވަރަށް އަވަހަށް އޭޓީއާރްގެ އިތުރު ބޯޓެއް ގެނެސް ފްލީޓަށް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އޭޓީއާރްގެ އާ ބޯޓުތައް ގެންނަ ވަރަކުން ޑޭޝް-8 ގެ ބޯޓުތައް ވިއްކާލަމުންދާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ 2023 ވަނަ އަހަރު ކުރީކޮޅު "ބްރޭންޑް ނިއު" ތިން އޭޓީއާރް މަތިންދާބޯޓު ގެނެސްފަ އެވެ. މިދިޔަ އަހަރު އެއް ބޯޓު ގެނެސްފައިވާ އިރު އަންނަ މަހު އާ ބޯޓެއް ގެންނާނެ އެވެ. އިތުރު ތިން ބޯޓާ އެކު، އޭޓީއާރްގެ އަދަދު 8 އަށް އިތުރު ކުރާނެ ކަމަށް އެއާލައިނުން ބުންޏެވެ.
ބޯޓުތައް އާ ކުރުމަށް މިހާތަނަށް 70 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހޭދަކުރި އިރު 8 ބޯޓު ގެންނަން ގާތްގަނޑަކަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އައިއޭއެސް އިން ލަފާކުރެ އެވެ.
އެއާލައިނުގެ ފްލީޓުގައި މިވަގުތު 25 އެއާކްރާފްޓު ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ޑޭޝް-8 އާއި އޭޓީއާރް އާއި އެއާބަސް އޭ330 އާއި އޭ320 ބޯޓެއްވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
08 February 2025
ނެތްތަ ރުފިޔާއިން އަގު ކިޔާލެވޭކަށް. ތިނަ ގަނެފަ އަހަރުން ރަށު ކުޑަކުދިންގެ ބަގީޗާގައި ބާއްވަން ގަސްތުކުރަނީ. ދެން އެޔަށް ޓިކެޓު ވިއްކައިގެން ކުދިން އަރުވާނީ. އެހެންޔާފަހެ މިހާރު ތިޔަ މަތީގައި އުދުއްސަން ހެޔޮނުވާނެތާ ތިހާ ބާވީމައެއް.
ފަހުދު.
07 February 2025
އޭ330 ވެސް އެއީ އުފެއްދުން ހުއްޓާލާފަ އޮތް މޮޑެލެއްގެ ބޯޓެއް ނޫންތޭ
އަންނި
07 February 2025
ތިހުރިހާ ޚަރަދެއް އިންޑިޔާއިން ހިލޭ ކޮށްދޭނެ،
އޭޓީއާރ
07 February 2025
ބްރޭންޑު ނިއު ބޯޓްތަކަކީ ސީދާ ކުންފުންނަށް އޯޑަރު ދީގެން، އޯޑަރަށް ތައްޔާރުކޮށް، އެތަކެއް އަހަރު ފަހުން ލިބޭ އެއްޗެއްް. މޯލްޑިވިއަން ގެ އެ ކެޕާސިޓީ ހުރިކަމާއިމެދު ސުވާލު އުފެދޭ. ބޭނުންކޮށްފައި ހުރި ބޯޓްތައް ރީފަބްރިޝްޑް ކޮށްގެން ގެނައުމާއި ބްރޭންޑު ނިއު އާއި ތަފާތު.
އެއަރ ބަސް
08 February 2025
މި އޭޓީއާރ ތަކަކީހަމަ ބުރޭންޑު ނިއު
އަހުމާސް
07 February 2025
އެއާބަސް އޭ330 އާއި އޭ320 އަކީ ކުއްޔަށްގެނެސްފައިވާ ބޯޓުތަކެއް
މަޅި
09 February 2025
ލީސް ޕާރޗޭސް ކިޔާއެއްޗެ އިނގޭތަ
ސަންގު އާދަނު
07 February 2025
އަހަރެންނައް ގަނެވުނީސް ރުފިޔާ އިން ވިއްކާނަމަ.