އެމްއެފްޑީއޭގައި ޑީޖޭއެއް ނެތްތާ ހަ އަހަރު.
09 ފެބުރުއަރީ 2025 - 14:32
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އިންޓަވިއު ކުރުމަށްފަހު، އެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މަޑުޖައްސާލައިފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ އަހަރު އެމްއެފްޑީއޭގެ ޑީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ހަތަރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލި އެވެ. އަދި މިދިޔަ އަހަރު އެ މަގާމުގެ އިންޓަވިއު އާއި އެގްޒާމް ވެސް ކުރިއަށް ގެންދިޔަ އެވެ.
އެކަމަކު މަގާމަށް ކުރިމަތިލި މީހުންނަށް ލިބުނު މާކްސް އާންމު ކުރުމުގެ ކުރިން ސީއެސްސީން ވަނީ އެމްއެފްޑީއޭގެ ގާނޫނަށް އިސްލާހެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެ މަގާމަށް މީހަކު އައްޔަން ކުރުމުގެ މަސައްކަތް މެދުކަނޑާލައިފަ އެވެ.
އެ އިދާރާގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޝަރީފާ އާދަމް މަނިކެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ 2019 ގަ އެވެ.
އޭގެ ފަހުން އެ މަގާމަށް ކުރިމަތިލާން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުޅުވާލުމުން އޭރު އެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. ސާޖިދާ އަށް އެ މަގާމަށް އައްޔަން ކުރުމަށް ހެލްތު މިނިސްޓްރީން 2020 ވަނަ އަހަރު ނިންމުމަށްފަހު އެ ނިންމުން ބަދަލުކުރީ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން އުޅޭ ކަމަށް ބުނެ އެވެ.
އެކަމަކު ދެވަނަ ފަހަރަށް އެ މަގާމަށް މީހަކު ހޯދަން އަނެއްކާވެސް އޭރު އިއުލާންކުރި އެވެ. އެ މައްސަލަ ސާޖިދާގެ ފަރާތްޕުޅުން އޭރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ވެސް ނިންމީ އެކަމަނާއަށް އެ މަގާމު ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން އެ ދެ ކޯޓުން ވެސް ނިންމި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ ސާޖިދާއަށް އެ މަގާމު ނުދޭން އޭރުގެ ސަރުކާރުން ނިންމީ ރައީސް މުއިއްޒުގެ އަނބިކަނބަލުންނަށް ވާތީ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެކަމަނާއާ މެދު ތަފާތު ކޮށްފައިވާ ކަމަށް ބުނެފައި ވިޔަސް، ތަފާތު ކުރި ގޮތެއް ބުނެ ނުދެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ ފަތް
10 February 2025
ތި ދާއިރާއަށް އެއްމެ ގާބިލްވާނީ ސާޖިދާ މެޑަމް. އެކަމަނާ ހުރީ އެ ދާއިރާވެސް ކިޔަވައިގެން. އިތުރަށް ލަސްނުކޮށް އެކަމަނާއަށް ދެއްވާ
ތިއްޔޮބް އިދްރީސް
10 February 2025
ވަކި ކީހަކަށް މަގާމް ނުދޭން އެމްޑީޕީ އިން އުޅުނީމަ ވީ ގޮތް މިއީ
ސިއްބަތް އަޡިޒް
10 February 2025
ސާޖިދާ މެޑަމް އަށް ތި މަގާމް އިބޫ ވެރިކަމުގަ ދިން ނަމަ މިހެން ނުވީހެއްނު
އައުތަމް
10 February 2025
ތި މަގާމަށް އެއްމެ ގާބިލްވާނީ މެޑަމް ސާޖީ
ހަމަދު ސަލީމް
10 February 2025
ގާބިލް މީހެއް ލާންވާނީ ލަސްވިޔަސް
ބޭނުންވާމީހާ
10 February 2025
ބޭނުންވާ މީހާ ނުނެގޭތީވެ ލަސްކުރަނީ.
ޒަމީލާ
10 February 2025
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ސެކެޓްރީ ޖެނެރަލާ ކައުންސިލް ޖެނެރަލާ ވަޒީފާ ދޭ ޑިރެކްޓަރ ޖެނެރަލަކީ ހުސް މިދިޔަ ސަރުކާރުގަ އައްޔަނުކޮށްފަތިބި ލޯޔަލިސްޓުން. ހީވޭތަ މިސަރުކާރަށް ފަސޭހައެއް ކޮށްފާނެހެން އެމީހުން. އެ އެންމެން ބޭރުކޮށް އާބަޔަކު ލައިގެން މިތަން ރަނގަޅުވާނީ.
ާއަހުމަދު09
09 February 2025
ތިޔައީ ބޭނުންތަނެއްނޫން އަވަހައް ވުވާލައްވާ
އައްލާބެއްޔާ 2
09 February 2025
އެހެންވީމާ ޑިރެކްޓާ ޖެނެރަލް އަކީ ބޭކާރު ބޮލެއް. ހުރިހާ މުއައަސަސާއަކުން ޑިރެކްޓާ ޖެނެރަލްގެ މަގާމު އުވާލުމަށް ދަންނަވަން.
ޑރ ވާންޗޯ
09 February 2025
ޑީޖީ ނެތިގެން ނޫނީ ހުރެގެން އައިތަފާތަކީ ކޮބައިތޯ؟.
ދޮން ހަސަނު
09 February 2025
ތަފާތު އިގޭނޭ އެތާ މަސައްކަތް ކުރާ މީހުންނަށް. ކަމެއްގައި ގޮތް ނިންމެނީކީނޫން. ސީނިއަރ މެނޭޖްމަންޓް ކޮމިޓީ އަކުން ތަން ހިންގަނީ. ހުރިހާ ކަމެއް އޮތޯ ބޮންސުންލާފަ.