ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭސީސީގެ މެންބަރުން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 ފެބުރުއަރީ 2025 - 14:49
ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެ އަށް ކުރިއެރުމެއް ނުލިބި، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ތިން ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން މިއަދު އާންމުކުރި ސީޕީއައި ނުވަތަ ކޮރަޕްޝަން އޮތް ކަމަށް މީހުން ގަބޫލުކުރާ މިންގަނޑުގައި ރާއްޖެ އޮތީ 38 ޕޮއިންޓާ އެކު 180 ގައުމުގެ ތެރެއިން 96 ވަނައިގަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕޮއިންޓުގެ ވެއްޓުމެކެވެ. ކުރީ އަހަރު ރާއްޖެ އޮތީ 39 ޕޮއިންޓުގަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ނަތީޖާއާ އެކު ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެ ބައި ގައުމުގެ ތެރޭގައި ކަމަށެވެ.
މި ނަތީޖާއިން ހާމަވަނީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މާ ބޮޑު ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިވާ ނުވާ ކަން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެ އެވެ.
ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާ ސިޔާސީ އަދި ދައުލަތުގެ އިސް މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ކުރަން ޖެހޭ ތަހުގީގު ކުރުމާއި ދައުވާކުރުން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެ އެވެ.
ކޮރަޕްޝަން ހިންގާ މީހުން ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިޔާސީ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
12 February 2025
އެއް އަހަރުން 3 ދަރަޖަ ދަށަށް! 5 އަހަރުން 15 ދަރަޖަބާ؟ ނޫނީ ފުލަށް ބާ؟؟
މަނޭ
12 February 2025
އަހަރެމެން ސްޓޭންޑާރޑަކަށް ބަލަންޖެހޭބާ މިމީހުން ބުނާ އެއްޗެއް
ކަރަޕްކަރެކްކަރޮޕްޝަން
12 February 2025
ސިޔާސީ މީހުން ގިނަވި ވަރަކަށް ކުރާނެ ކަމެއް ނެތީމާ ދެން ކުރެވޭނީ ގޯސް ކަންކަން...
ޔަހޫދީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް
12 February 2025
ތިޔަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ދައްކާވާހަކަ ކަލޭމެން ގަބޫލުކުރާތީ މަށަށް ދެރައީ
ލުހޭ
12 February 2025
ނުވަދިހައިން ސައްތަ ރައްޔިތުން ވައްކަމާއި ކޮރަޕްޝަން އޮތުމަށް އެދިގެން އެކަންކުރާ ގައުމެއްގައި ތިއޮތް މިންވަރުވެސް ރަނގަޅެއް ނޫން. އެންމެ ފަހަތުން ނެގޭ 10 ގައުމުގެތެރޭގައި އޮތްނަމަ އެއީ ރަނގަޅު މިންވަރު ކަމަށް ބެލޭނެ.
ޗަރުކޭށީ
11 February 2025
އެމްޑީޕީ ވެރިކަމުގައި ނެތިއްޔާ ތިހުރިހާ ކަމެއްގައިވެސް ރާއްޖެ ދާނީ ފަހަތަށް. ތިއީ އެބައިމީހުންގެ ގޮފިތަކެއް
ބްލަޑް
11 February 2025
ކޮން ރައީސެއްގެ ވެރިކަމުގަތޯ ކޮރަޕްޝަން އިންޑެކްސް އެންމެ މަތިވީ؟
މޫސާޒަމީރު ދީދީ
11 February 2025
ރަށުގާ ހުރި ސަރުކާރުގެ ކުންފުންޏެއްގާ ހިނގާ ކަރަޕްށަން އެންޓި ކަރަޕްށަން ކަމިށަން ހިމެނޭހެން ދައުލަތުގެ އިދާރާތަކަށް އީމޭލުގެ ޒަރީއާއިން ރިޕޯޓުކުރާތާ އެތައް ހަފްތާއެއް ވެއްޖެ. އަޅާވެސް ނުލާ. އެހެންވީމަ ކަރަޕްށަން އިންޑެކުސްގަ ރާއްޖެ އަދިވެސް ދާނީ ފަހަތަށް
ސަންގައްޕާ
11 February 2025
ތިޔަ ހިސާބެއްޖަހައި ދިރާސާއެއްކުރި ބަޔަކު ތިއޮތީ ގޯހުން ގޯހަށް ރޯނުބައިކޮށް ރާއްޖެ އިންޑެކުސްގައި ޖަހާފަ. ރަގަޅަށް ބަލައިފިނަމަ ރާއްޖެ އޮންނާނީ ލިސްޓުގެ ފަހަތުންވެސް ނެއްޓި ފުލަށް ވެއްޓިފަ. އަހަރުމެން މިތިބީ އެންމެމަތިން ފެށިގެން އެންމެ ތިރިއަށް އެކިއެކި ނަންނަމުގައި އެކއެކި ގިންތީގައި ކަރަޕްޓުވެ ތޮށިލާފައި.
ކަނބިލި
11 February 2025
ކޮންމެ ސަރުކާރެއް އޮތަސް ސިޔާސީ މީހުން ކުރާ ވައްކަން މަދެއް ނުވޭ. މި ނިޒާމުގެ ތެރެއަށް ވަންނަ ނުފޫޒުހުރި މީހުންގެ ޖީބުތައް ފުރިބާރުވާނެ. އިދިކޮޅުން ވައްކަމޭ ގޮވާއިރު އެވެރިންވެސް ކުރީ ވައްކަން. ވައްކަމުގެ ދޮރު ބަންދުވަނީ ވެރިކަމުން ފައިބާ ހިސާބުން. ދެން މަސައްކަތް މިކުރަނީ އެދޮރު އަވަހަށް ހުޅުވަން. މި މަސައްކަތުގައި ބޭނުން ހިފަނީ އާންމު ރައްޔިތުން. އެމީހުންނަކަށް ނޭގޭ ވާނުވާއެއް. ވެރިކަން އަނބުރާ ލިބުނީވެސް އެވެރިން ތިބޭނީ މަގުމަތީގައި.