މުނިފޫހިފިލުވުން / މެޒޯ މުހައްމަދު މާޖިދު

މެޒޯ: ދާނޭހޭ ތިހަނދާން ފިލާ

"އަސްލު މުޅި މިއުޒިކީ ކެރިއާ އަށް މަ ފަހުރުވެރިވަން."

ދިވެހި މިއުޒިކްގެ ލެޖެންޑު، މުހައްމަދު މާޖިދު (މެޒޯ މޯޑް) ޝޯއެއްގައި ލަވަކިޔަނީ.

12 ފެބުރުއަރީ 2025 - 23:04

6 comments

ދިވެހި މިއުޒިކްގެ ލެޖެންޑު، މުހައްމަދު މާޖިދު (މެޒޯ މޯޑް) ގެ ކުއްލި ވަކިވުމުން ގިނަ ބަޔަކަށް ލިބުނީ ސިހުމެކެވެ. ހަނދާނަށް އައީ އޭނާ ކިޔާފައިވާ "ދާނޭހޭ ތި ހަނދާންފިލާ" އާއި މި ކަހަލަ ރީތި، އެތައް ލަވައެކެވެ. އޭނާ ކިޔާފައި ވަނީ ހަނދާނުން ފިލައިގެން ނުދާހެނާ ރީތި ލަވަތަކެވެ.

އުމުރުން 59 އަހަރުގައި މެޒޯ މިއަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

މީގެ ގާތްގަނޑަކަށް ތިން ވަރަކަށް މަސް ދުވަސް ކުރިން މެޒޯ "މިހާރު"ގެ ޕޮޑްކާސްޓް "މިވާހަކަ" އަށް ހާއްސަ އިންޓަވިއުއެއް ދިނެވެ.

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހޮސްޓު ކުރައްވާ އެ ޕޮޑްކާސްޓުގައި މެޒޯ ވަނީ އޭނާ މިއުޒިކީ ހަޔާތާއި އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާ ކޮށްފަ އެވެ. ގައުމާއި ސިޔާސީ ކަންކަމުގައި އޭނާގެ ވިސްނުމާއި ޝުއޫރު ފާޅުކުރި އެވެ.

މެޒޯ ބުނި ގޮތުގައި، ލަވަކިޔުމާއި މިއުޒިކް ކުޅުމަކީ އޭނާ އުފަންވީ އިރު ވެސް ހުރި ހުނަރެކެވެ. އެކަމުގެ ތެރޭގައި ނޫޅޭ އިރެއް އޭނާގެ ހަނދާނަކު ނެތެވެ. އާއިލާގެ ތެރެއިން އުފެދުނު އެ ޝައުގުވެރިކަމުގައި އަބަދުވެސް ދެމިހުރީ އެވެ.

މިއުޒިކީ ދުނިޔެއަށް މެޒޯ ތައާރަފުކޮށްދިނީ އޭނާގެ ބޭބެ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަދޮން އަބްދުއްސައްތާރެވެ. އޭނާގެ ހިންގެވި މަޝްހޫރު މިއުޒިކް ގްރޫޕެއް ކަމުގައިވީ ކްލަބް ކޯބްރާޒް އަކީ މެޒޯގެ ފެށުމެވެ. އޭރު އޭނާގެ އުމުރުން އެންމެ ނުވަ އަހަރެވެ. އެ ގްރޫޕާ އެކު އޭނާ މިއުޒިކް ކުޅެން ފުރަތަމަ ދިޔައީ ރިސޯޓުތަކަށެވެ.

"މަގު މައްޗަށް އީދަށް ނުކުމެވިފައި ހުންނާނީ އުމުރުން ހަތް އަހަރުގައި، އޭރު ވެސް ގިޓާގައި ކޯޑު އަޅަން އެނގޭ. ބެރުގައި ހަމައަށް ޖަހަން އެނގޭ، ދެން އޭރަށް ވާ ވަރަށް. ޕިކަޕެއް ނޫން، ދަމާގާޑިޔަލުގައި އީދުގައި މަގުމައްޗަށް ނުކުނަން،" މެޒޯގެ އޭރުގެ ހަނދާންތައް "މިހާރު" ޕޮޑްކާސްޓަށް ކިޔައިދެމުން ބުނެފައި ވެ އެވެ.

އޭރު އެ މީހުން ޝޯތައް ދީ އުޅުނީ ދަމާގާޑިޔަލުގަ އެވެ. ދަމާގާޑިޔަލަށް ސައުންޑް ސިސްޓަމު އަރުވައިގެން ފަހަރަކު ގެއަކަށް މަޑުކޮށް 15 ރުފިޔާގެ މަގުން ޝޯތައް ކުޅެމުން ގެންދިޔައީ އެވެ.

އޭނާގެ 48 އަހަރުވީ ދިގު ކެރިއަރުގައި ހަތަރު އަލްބަމަކާ އެކު 40 އަށް ވުރެ ގިނަ އަމިއްލަ ރާގުގެ ލަވަތައް އުފެއްދި އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "މެޒޯ" ބޭންޑާ އެކު ނުކުތުމުގެ ކުރިން ކްލަބް ކޯބްރާޒް އާއި ކްރީމް އޮފް އެސިޑް އަދި އޭރުގެ މަޝްހޫރު ކުއިކް ސޭންޑާއި ޓުވެންޓިއަތު ސެންޗުރީ ބީސީ އަށް ވެސް މެޒޯ މިއުޒިކް ކުޅުނެވެ.

"އަސްލު މުޅި މިއުޒިކީ ކެރިއާއަށް މަ ފަހުރުވެރިވަން،" މެޒޯ ބުންޏެވެ.

އޭނާގެ ލަވަތަކުން އެންމެ ހާއްސަ ލަވަޔަކީ ކޮބައިތޯ އެހުމުން ޖަވާބުގައި މެޒޯ ބުނީ އެހެން ވަކި ލަވައެއް ބުނަން ދަތި ކަމަށެވެ. ހުރިހާ ލަވައެއް ވެސް އޭނާ އަށް ހާއްސަ އެވެ.

މެޒޯ މޯޑް މިދިޔަ އަހަރުގެ މެދުތެރޭގައި "މިހާރު" ގެ "މިވާހަކަ" ޕޮޑްކާސްޓް ޝޯގައި ޕްރެޒެންޓަރު ކުޑޫއާ އެކު.---ފޮޓޯ: ނިޝާން އަލީ | މިހާރު

"ހަމަ ހުވާ ދޮގެއް ނުހަދާ މި ބުނީ، އެއް ލަވައެއްގެ ނަން ހިތަށް ވެސް ނާދޭ،" އޭނާ ބުންޏެވެ.

"ވިސްނާ، ވިސްނާ އެއީ ހަގީގަތުގައި ވެސް މަގޭ ބޮޑު ވިސްނުންގަނޑެއް. އޭރު އަހަރެން ހަމަ ހިތަށް އަރާ ވާހަކައެއް އެއީ،

"ސުވާލެއް ހީވޭ އޮއްސެނީއޭ ހަނދާއި ތަރިތަކާއި އިރާ ވެސް އެކު، ހުރިހާ އެއްޗެއް އޮއްސެނީއޭ. ހީވޭ ހުއްޓިފައިވާހެން ކާއިނާތުގެ ހިނގުން، ހީވޭ ކޮސް ގޮވޭހެން. މަށަށް މަ މީ މޮޔައެކޭ ވެސް ހިތަށް އަރައޭ، އެންމެ މި ތިބީ މޮޔަވެފައޭ، އެންމެ ނަށާހެން ވެސް މަށަށް ހީވެޔޭ. އެއީ ހަމަ މަގޭ ޑައިރެކްޓު އިހުސާސް."

ރިސޯޓް މިއުޒިކްގައި ދިވެހި މިއުޒީޝަނުންނަށް އޮތް ފުރުސަތުތައް ހަނިވާތީ، އެކަން ބަދަލުކުރަން އެންމެ ގިނައިން ވަކާލާތު ކޮށްދިން އެކަކީ ވެސް މެޒޯ އެވެ. ލިބުނު ކޮންމެ ފުރުސަތެއްގައި އެ ވާހަކަ ދެއްކި އެވެ.

"ދިވެހިންނަށް އޮންނަ ފުރުސަތު ކުޑަވެ، ބޭރުގެ މީހާ އަތްމައްޗަށް ދަނީ،" އޭނާ ބުންޏެވެ.

އެންމެ ބޮޑު އެއް ޗެލެންޖަކީ އޭނާ ބުނެފައިވާ ގޮތުގައި، ލިބޭ އާމްދަނީގެ ފަރަގެވެ. ބޭރުގެ މިއުޒީޝަނަކާއި ދިވެހި މިއުޒީޝަކަށް ދޭން ޖެހޭ އާމްދަނީ ހާސްބައި ތަފާތެވެ. ރިސޯޓުތަކުން ގިނަ ފަހަރަށް އަގުހެޔޮ ދިމާލަށް ދިއުމުން ދިވެހި މިއުޒީޝަނުންނަށް އޮންނަ ފުރުސަތު ގެއްލެނީ އެވެ.

"ދެ ފަރާތުގެ ވެސް އޮންނާނެ، ރިސޯޓު ހިންގާ ފަރާތުގެ ވެސް އޮންނާނެ ވެލިޑް، ހަގީގަތުގައި ވެސް އަޑުއަހަން ޖެހޭ ވާހަކަތަކެއް. އެ މީހުންގެ އެންޓަޓެއިންމަންޓަކީ އެ މީހުނަށް މަސްޓެއް ވެސް މެ. އެކަން ވެސް އަމާންކޮށް، ސްމޫތުކޮށް ދާން ޖެހޭނެ. އަހަރެމެންގެ ދަތުރުފަތުރު މި ހުރި ގޮތާއި އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ރިސޯޓު އޯނަރު ބޭނުންވާ ގޮތް މުޅިން ދެގޮތަކަށް ވެދާނެ،" މިހާރުގެ ޕޮޑްކާސްޓުގައި މެޒޯ ބުނެފައިވެ އެވެ.

"ވަކި ކޮޅެއް ބަދުނާމުކޮށް، ބުނަނީއެއް ނޫން ނަމަވެސް، ފުރުސަތު ވަރަށް ބޮޑަށް ގެއްލިފައި މި އޮތީ ދިވެހި މިއުޒީޝަނުންނަށް."

ލަވަ އާއި މިއުޒިކްގެ އިތުރުން މެޒޯ އަކީ ގައުމުގައި ހިނގި ސިޔާސީ ބޮޑެތި ކަންކަމުގައި ވެސް، އިސްލާހަށް މަސައްކަތްކުރި އެކިއެކި ބޭފުޅުންނާ އެކު މަސައްކަތްކުރި މީހެކެވެ. މެޒޯ އަމިއްލަ އަށް ވެސް ބުނި ގޮތުގައި، އޭނާ އަކީ ވަރަށް ގައުމީ މީހެކެވެ. އެހެންވެ، މިއަދު މި ވަކިވީ މިއުޒިކީ ލެޖެންޑެއްގެ އިތުރުން ގައުމު ދެކެ ވަރަށް ލޯބިވި ދަރިއެކެވެ.

މެޒޯގެ "މާކަނޑުގެ މެދުތެރެއިން" އަޑުއަހާލުމުން މި ވަތަނީ އިހުސާސް އެންމެންނަށް ވެސް ކުރެވޭނެ އެވެ.

6 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 84%
icon angry icon angry 5%
icon wow icon wow 5%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޫސުއްބެ

14 February 2025

މި ލަވާގައި އެބަ ބުނޭ " ދާދި ކުރު އުމުރެއް ލިބިފައިވާ ކަން ނުވިސްނާ އިނދެވުނެ" 2.50 މިނިޓްގެ ތަންކޮޅުގަ - މީ ވަރަށް މުހިއްމު މެސެޖެއް

The name is already taken The name is available. Register?

ޖާބިރު

13 February 2025

ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބައެއް،،،

The name is already taken The name is available. Register?

އެހަނދާން

13 February 2025

ގައުމުދެކެ ލޯބިވާ ހިތްތިރި އިސްލާހަށް މަސައްކަށް ކުރި އަމިއްލަ އުފެއްދުން ތަކުގެ ރީތި ރީތި ލަވަތަކެއް ކިޔާދިން ރީތި ރީތި މީހެއް މެޒޯއަކީ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

13 February 2025

މުހައްމަދުގެ ފާފަ ފުއްސަވައި ހެޔޮ ރްހަމަތް ލައްވާށީ.ރާއްޖޭގަ ހުރި ހަމައެކަނި ''އަސްލު ލަވަ ކިޔުންތެރިޔަކީ'' މެޒޯ މުހައްމަދުކަމަށް އަހަރެން ގަބޫލުކުރަނީ.އޭނަގެ ޕްރެޒެންޓޭޝަން އަދި އިންޓަވިއުތަކުގަ ޖަވާބު ދީފަ ހުންނަގޮތް އެއީ ހަމަ ކްލެސިކް.މެޒޯގެ ''ގުގުރި'' އަލްބަމް އެއީ މާސްޓަރޕީސްއެއް.އަހަރުމެންގެ ޓީނޭޖް ދުވަސްވަރު މާލޭގެ ކޮންމެ ދިމާލަކުން ވެސް އިވުނީ ''ގުގުރި'' އަލްބަމްގެ ރީތި ލަވަތައް.ތޭންކްސް ބްރަދާ.ވީ ވިލް މިސް ޔޫ.ވ.ވެދުން

The name is already taken The name is available. Register?

މުހައްމަދު.

13 February 2025

ރާއްޖެ ދުށް އެންމެ ކުޅަދާނަ ދިވެހި މިއުޒިކްގެ ލެޖެންޑު ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ އަދި ސުވަރުގޭގެ މަތިވެރި ނިއުމަށް ލައްވާށި. އާމީން.

The name is already taken The name is available. Register?

ކޮތަރޭ

12 February 2025

މެޒޯ މުހައްމަދުގެ ފާފަ ފުއްސަވާ ހެޔޮ ރަހްމަތް ލައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454