މަރޭގެ ފޯނުން ނެގި މޯޑުގެ އެންމެ ފަހުގެ ފޮޓޯތައް.
13 ފެބުރުއަރީ 2025 - 12:08
ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) އާއި ކުޅިވަރު ހިންގުންތެރިޔާ އަހުމަދު މަރުޒޫގް (މަރޭ) އަކީ ޒަމާނުއްސުރެ ގާތް ދެ އެކުވެރިންނެވެ. ވަރަށް ގިނައިން އެކުގައި ކޮފީ ބޯން ދެ އެވެ. ޓްވިޓަރުގައި ދެ މީހުން ދެމީހުންނަށް ސަމާސާ ޕޯސްޓްކުރެ އެވެ. ކަމެއް ދިމާވެއްޖެ ނަމަ އެކެއް އަނެކަކަށް އެހީތެރިވެ އެވެ.
އިއްޔެ ހެނދުނު 10:15 ހާއިރު މަރޭ އަށް މޯޑުގެ ފޯނު ކޯލެއް އަ އެވެ. އެދުނީ މަރޭގެ އަންހެނުން އާއިޝަތު އަފްރާ (އަނާ) ގެ ސެލޫނުން ބޯކޮށަން އެޕޮއިންޓެއް ހޯދައިދޭށެވެ. މޯޑު ބޭނުންވެފައި ހުރީ ބޯކޮށައި ނަލަވެލައިގެން އޭނާގެ ވީޑިއޯއެއް ވެސް ނަގާށެވެ. އަމިއްލަ ބޭނުމަކު އެވެ. އެހެންވެ ބޯކޮށަން ދިއުމުގެ ކުރިން މަރޭއާ އެކު 'ޑިފެކްޓޯ' ފިހާރަށް ގޮސް ނޫކުލައިގެ ޓީޝާޓެއް ވެސް ގަތެވެ.
ބޯކޮށައި ނިންމައި މެންދުރު 1 ޖަހާކަށް ހާއިރު މޯޑު އަނެއްކާ ވެސް މަރޭ އަށް ފޯނުކުރި އެވެ. އެދުނީ ކޮފީއެއް ބޯލަން ސިމްފަނީ ރެސްޓޯރަންޓަށް ދިއުމަށެވެ. މޯޑާއި މަރޭ، ބައެއް އެކުވެރިންނާ އެކު ވަރަށް ގިނައިން ކޮފީ ބޯން ސިންފަންޏަށް އަރަ އެވެ.
މަރޭ (ކ) އާއި މޯޑު: ވަރަށް ގާތް ދެ އެކުވެރިން.
އިއްޔެ ކޮފީގެ މައިގަނޑު މައުލޫއަކީ މޯޑުގެ އާ ހެއާސްޓައިލަށެވެ. އަރިމަތިން ވަރަށް ރީއްޗަށް ތުނިކޮށް ނަގާފައިވާ ކަޓާ އެކު، މޯޑު ފެންނަނީ ކުރިއަށް ވުރެ ވެސް ޒުވާންކޮށް، ތާޒާކޮށެވެ. އެހެންވެ މަރޭ ހަނދާނަކަށާ އެއްކޮށް މޯޑުގެ ދެ ތިން ފޮޓޯ ނެގި އެވެ. ކަން ދިމާކުރި ގޮތުން އެ ފޮޓޯ ވެގެންދިޔައީ މި ދުނިޔޭގައި މޯޑުގެ އެންމެ ފަހުގެ ހަނދާނަށެވެ.
އޭގެ ސާޅީސް ފަސް ވަރަކަށް މިނެޓު ފަހުން މޯޑު ދުނިޔެ ދޫކުރީ އެވެ.
"ހަޔާތަކީ ވަރަށް ނާޒުކު އެއްޗެކެވެ،" މަރޭ އަށް ބުނެވުނީ އެހެންނެވެ.
ކޮފީ ނިންމާފައި މޯޑު ގެޔާ ދިމާލަށް މިސްރާބު ޖެހީ މެންދުރު ދޭއް ޖަހަން އުޅެނިކޮށެވެ. މަރޭ ދިޔައީ ދަރިފުޅު ސްކޫލަށް ލާށެވެ. ކުޑަކުޑަ އިރުކޮޅެއް ތެރޭ މަރޭ އަށް ގުޅާފައި މޯޑު އެދުނީ ވަރަށް ސަކަރާތްވެއްޖެ ކަމަށާއި ވަރަށް އަވަހަށް ގޭގެ ފަސް ވަނަ ބުރިއަށް އައިސްދިނުމަށެވެ.
"އެ ހިސާބުން އެނގިއްޖެ ކަމެއް ގޯސްވީކަން،" މަރޭ ބުންޏެވެ.
"އެ ނޫނީ ދުވަހަކު ވެސް ނުބުނާނެ މައްޗަށް އަރަން. ލިފްޓެއް ވެސް ނުހުންތީއާ އެކު،"
މަރޭ އަށް އެ ގެއާ ހަމަޔަށް ނުދެވެނީސް ލިބުނީ މޯޑު ސޯފާއަށް ވެއްޓިފައި އޮތް ޚަބަރެވެ. އޭނާ ވެސް ގޮސް، މޯޑުގެ އަންހެނުންނާ ވެގެން ސީޕީއާރު ވެސް ދިނެވެ. އެކަމަކު އޭރު އޭނާގެ އަތްފައި ވަނީ ފިނިފަ އެވެ. "ހަމަހިމޭންކަންމަތީ ލޯ މަރާލައިގެން"ނެވެ.
މޯޑުގެ މަރަކީ، އޭނާގެ އާއިލާ އާއި އެކުވެރިންނަށް ލިބުނު ފުން ހިތާމައެއް އެކަންޏެއް ނޫނެވެ. އޭނާ އެ ދިޔައީ އެތައް ދިވެހީންނަށް ރޮއްވާލައިފަ އެވެ. އެއީ ދިވެހި މިއުޒިކުގެ ފަހުރެކެވެ. ދިވެހި ފަންނުވެރިކަމަށް އެތައް ހިދުމަތްތަކެއް ކޮށްދީފައިވާ މިއުޒީޝަނެކެވެ.
މަރޭ މިއަދު އެދެނީ އޭނާގެ އެކުވެރިޔާ އަށް އެންމެ ފަހުގެ ވަދާއު ކިޔަން، އެންމެން ވެސް އައިސްދިނުމަށެވެ. މޯޑުގެ މޫނުދެއްކުން އޮންނާނީ މިއަދު މެންދުރުފަހު 1 އިން 3 އަށް އިސްލާމީ މަރުކަޒުގަ އެވެ. ކަށުނަމާދު އޮންނާނީ އަސުރު ނަމާދަށް ފަހު އެވެ. ވަޅުވާލީ އާސަހަރާ މިސްކިތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
23 February 2025
މަރޭ 8 ނުވަތަ 9 ވަރަކަށް އަހރު މޯޑް އަށް ވުރެން ހަގު ވާނެ އެކަމަކު މަރޭ މޯޑް އަށް ވުރެން ދޮށީ ހެން ހީވަނީ! އޭޖް އިޒް ޖަސް އަ ނަމްބަރ ފޯ ސަމް ޕީޕަލް އެކަމަކު އެހާ ޒުވާން ކޮށް ހުރި މޯޑް ނިޔާވީ މަ ދޯ ދެރައީ 60 އަހަރު ގެ ޒުވާނެއް! ކުރިން ހަދާންވަނީ 1962 ގަ ޢޭނަ އުފަންވި ކަމަށް އޭނަ އައިޑީ ގަ އިން ހެން !
ވަރަށްދެރަ
13 February 2025
ރާއްޖޭގައި ހިތުގެ ބަލިތައް ގިނަކަމާއެކު މީހުން މިކަމާ އެހާ ހޭލުންތެރިއެއްނޫން. ޙާޓު އެޓޭކު ޖެހުމުގެ ކުރިން އަލާމާތް ތަކެއް ހުންނާނެ. މިކަމަށް ހޭލުންތެރިވެ ކޮންމެ އަހަރަކު ޓެސްޓު ހެދުމަށް ނަސޭހަތްތެރިވަަން. ޚާއްސަކޮށް އާއިލާގަ ހިތުގެ ބަލި މީހުންތިބިއްޔާ އުމުރުން ސާޅީސް ނުވިޔަސް މިޒަމާނުގަ ޓެސްޓު ކުރަންޖެހޭ. ދުވަހަކު ސިގިރެޓު ނުބުޔަސް ޓެސްޓުކުރޭ ކުދިންނޭ.
ހިތާމަކުރަން
13 February 2025
އާއްމުކޮށް ހާޓް އެޓޭކަކީ ކުރިން ސައިންތަކެއް އައުމަށްފަހު ޖެހޭއެއްޗެއް. 40އ މައްޗަށް ދިޔާމަ އާމްކޮށް އަހަރަކު 1 ފަހަރުނަމަވެސް ޗެކަޕް ހެދުން މުހިންމު ހާއްސަކޮށް އެކިއެކި މައްސަލަތައް ހުންނަމީހުން
އެކޮއި
13 February 2025
ބޯކޮށައި ނަލަކޮށްލެވުނީ މަރަށް. އެކަމަކު އޭނާއަށް އެކަމެއް ނޭނގޭ. މީ އޭނާ ފަދައިން އަހަރެމެންގެވެސް ޙާލަތު. މަރު އަންނާނީ ބުނެފައެއްނޫން. އަހަރެމެންނަށް މިއުޅެވެނީ އަބަދުވެސް ދުނިޔޭވީ ކަންތައްތަކުގައި ވަގުތުނެތިގެން. އުޚްރަވީ ޙަޔާތާމެދު ވިސްނާލާނެ ވަގުތުކޮޅެއް ގިނަދުވަސްތަކުގައިނުވޭ. ނަމާދެއް ކޮށްލެވުނަސް މިކުރެވެނީ ނަމަކަށް. މަރުޙޫމްގެ ފާފަފުއްސަވާ ޢަފޫކުރައްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށީ. އާމީން
އައިމިނާ
13 February 2025
މައްޔިތާއަށް ހެޔޮރަޙުމަތްލައްވާށި.
އައިމިނާ
13 February 2025
ދަންނަ އެހެން ފަރާތެއްވެސް ކޮފީއެއްގަ އިންދާ ހާޓްއެޓޭކެއް ޖެހުނު.
ގެދާނޯމޮސް
13 February 2025
ދުވަހަކުވެސް ކަޅުކޮފީއެއް ނުބޮމެވެ: ސަބަބަކީ ހަމަނިދިން ބޭކާރު ވަގުތުތަށް ކަޅުކޮފީން ދަމާލެވޭތީ އެވެ. ލަވަކިޔާ / މިއުޒިޝަނުންވިޔަސް ގިނަވަގުތު ކަންކަމުގައި ހޭދަކުރާ މީހުން ފުރިހަމަ ނިދިހަމަ ކުރުމަކީ ހިތަށް ވަރައްމުހިންމު ކަމެކެވެ. އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. 67.2
raajje
13 February 2025
ހެޔޮހާލުގައިހުރީ ކޮފީބުއިމަށްފަހު 45 ވަރަކަށްމިނެޓުތެރޭގައި މިހާދިސާދިމާވީ، މިބުނީ މަރުވާންވީމާ މަރުނުވާނެޔެކޭނޫން ނަމަވެސް ފުޑުއިންޑަސްޓުރީއަކީ މިހާރު ކެމިކަންއިންޑަސްޓުރީއެއް އެހެންނޫންތޯ، ކާބޯތަކެތީގައި ޔަގީންކަމެއްނޯވޭ، މިފަދަ ކުށްލިމަރުތައް ވަރަށް ރަނގަަޅަށް ތަހުގީގުކޮށް ފައިލްކުރެވެންޖެހޭ، މިހެންބުނާއިރުވެސް އެނގޭ މިރާއްޖޭގައިމިކަންވަމުންނުދާކަން އަދިމީންޒަމާނަކު މިކަންނުވެސްވާނެކަން
ކުރިން
13 February 2025
ހާޓުއެޓޭކަކީ އަދި ފުޑް ޕޮއިޒަނިންއިން ޖެހޭ އެއްޗެއް ނޫން.
ކައުންސެލަރު...
13 February 2025
މަރުވެދާނެ ކޮންމެވަގުތަކުވެސް......... މިކޮމެންޓް ގޯސްކޮށް ނުނެގުން އެދެން. މޯޑްއަކީވެސް ސިނގިރެޓް ވަރަށްގިނައިން ބުއިފަރާތެއް. ދުންފަތުން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ވަރަށްބޮޑު. އެއާއެކު ދުންފަތުގެ އިސްތިޢުމާލުކުރާ ވަރަށްގިނަ ފަރާތްތައް ހަމަ ކުއްލިއަކަށް މަރުވެފައިވާކަން ފާހަގަކުރަން. ދަރިންނޭ ހޭއަރާ. ދުންފަތަކީ ވަގުތީ އަރާމެއްނަމަވެސް ހަތުރެއް. މަރުހޫމްގެ ފުރާނައަށް ހެޔޮރަހުމަތް ލައްވާށި. އާމީން
އޯކޭނޯކޭ
13 February 2025
ރަނގަޅު ވާހަކައެއް އެކަމަކު ސަރުކާރަށް ފެނުނީ ވޭޕް އެކަނި ގޯސްކަމަށް. ސިނގިރޭޓު އޯކޭ.
އޮނަރަބްލް އަފީފު ދީދީ
13 February 2025
ހިތްގައިމު ދިވެހި ލައެއް އަޑުއަހާލަން ބޭނުން ނަމަ ފުރަތަމަވެސް ހަދާނަށް އަންނަނީ އަދި ހޯދާލެވެނީވެސް ޒީރޯ ޑިގްރީ ނާޝިދު، މެޒޯ މުޙައްމަދު އަދި ދޮހޮއްކޮ އާއި ހޮޅުދޫ އަބުދުﷲ ގެ ލަވަ ތަކުގެ މަތިން. މިހުރިހާ ލަވަކިއުންތެރިންވެސް އަހަރުމެން ދޫކޮށް ދިޔަކަމަށްވިޔަސް އެމީހުން ވަނީ އަހަރުމެނަށް ނުހަނު ރީތި ލަވަތަކެއް ދޫކޮށްފަ. ހުރިހާ ބޭފުޅުންނަށްވެސް ފާފަފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.