ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރާއާ އެކު ސްޕޯޓްސް މިނިސްޓްރީ އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
17 ފެބުރުއަރީ 2025 - 13:31
ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯގެ އެހީގައި މީހުން ތަމްރީނު ކުރުމަށާއި ކުޅިވަރުގެ އެހެން ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި ސްޕޯޓްސް މިނިސްޓްރީން ސޮއިކޮށްފި އެވެ.
އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ އެންމެ ހާއްސަ ދާއިރާއަކީ ކުޅިވަރުގެ ޓެކްނިކަލް މީހުން ތަމްރީނު ކުރުމުގެ ދާއިރާ އެވެ. އޭގެ ތެރެއިން ވެސް ހާއްސަކޮށް ސްޕޯޓްސް މެޑިސިން ސްޕެޝަލިސްޓުން އަދި އެންޓި ޑޯޕިން އޮފިސަރުން ތަމްރީނު ކުރުން ހިމެނެ އެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ މިއީ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށާއި ދެ ގައުމުގެ އެކުވެރިކަން ބަދަހި ކުރުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ.
ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރާއާ އެކު ސްޕޯޓްސް މިނިސްޓްރީ އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
"މި ޕާޓްނާޝިޕްގެ ތެރެއިން އަޅުގަނޑުމެން ފޯކަސް ކުރާނީ ސްޕޯޓްސް މެޑިސިން، އެންޓި ޑޯޕިން އިނިޝިއޭޓިވްސް، އެތުލީޓް ޓްރެއިނިން ޕްރޮގްރާމްސް، އަދި ސްޕޯޓްސް އިންފްރާސްޓްރަކްޗާ ތަރައްގީކުރުން ފަދަ މުހިންމު ދާއިރާތަކަށް،" މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ އިންޑަވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުންގެ އިތުރުން ޓީމު ސްޕޯޓްސްތަކުގެ ތަމްރީނުތައް ވެސް ފުޖިއާން ޕްރޮވިސްންސްގެ އެހީ ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ 2040 ގެ އޮލިމްޕިކް ގޭމްސްއިން މެޑައްޔެއް ހޯދުމުގެ އަމާޒުގައި އެކުލަވާލާފައިވާ ރާއްޖޭގެ ސްޕޯޓްސް ޑިވެލޮޕްމެންޓް ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތުގައި ފުޖިއާން ޕްރޮވިންސާ އެކު ސޮއި ކުރި އެއްބަސްވުމަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާފިއު ސިފަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy