މިދިޔަ އަހަރު ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
20 ފެބުރުއަރީ 2025 - 12:41
މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރު ލައިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް 28 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އީދުގެ އުފާ ފާޅުކުރަން، މިދިޔަ އަހަރު ވެސް ވަނީ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލައިފަ އެވެ. އެކަން ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރެވެ. އެ ފަހަރު ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ވެސް ބޮކިތަކުން ޒީނަތްތެރިކޮށްފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި އާދަމް ޝަރީފު ވިދާޅުވީ މިއަހަރުގެ އީދަށް ވެސް ރަށްރަށް ދިއްލާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިފަހަރު ލައިޓު ގެންނަނީ އިތުރު 36 ރަށަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށް ކިހާ ހަރަދެއް ހިނގާތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާދަމް ޝަރީފް ވަނީ 28 މިލިއަން ރުފިޔާ، އެކަމަށް ހޭދަވިޔަސް އެކަމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"ލައިޓުތަކަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެއްޗެހި. މާލެއަކަށް ނުގެންނަން. ކުރިން ގެނައި ރަށްރަށަށް ނުގެންނަން. އެހެންވީމަ މިއަހަރު 36 ރަށަށް ހޭދަވާނެ ކަމަށް އެންމެ ގިނަވެގެން ވެސް ހޭދަވާނެ ކަމަށް ބެލެވެނީ 28 މިލިއަން،"
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ތަހުޒީބު، ރީއްޗަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެކެވެ. އަދި އީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާ ބައެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
ފިތުރު އީދަށް ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ގެންނަ އީދު ލައިޓުތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުން ކަހަލަ ކަންކަން ވެސް ހިމެނޭ ލައިޓުތަކެއް ކަމުން، އެކަމަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަން ހާމަވާ ކަމެކެވެ.
"އަޅުގަނޑުމެން މި ގެންނަ އީދު ލައިޓުތަކަކީ ދެ ކަމަކަށް ފޯކަސްކުރާ ލައިޓުތަކެއް. އެއްކަމަކީ ވަރަށް ބޮޑަށް އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުމާއި އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަމާއި އަހަމިއްޔަތުކަން އަދި ދިވެހިންގެ ތެރޭގައި އެ ލޯތްބާއި އިހުތިމާރު އޮތް ކަން ފާހަގަވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލައިޓުތައް، އެންމެ ފުރަތަމަ މާލެއަށް ތައާރަފު ކުރުމާ އެކު އެހެން ރަށްރަށުން ވެސް ވަނީ ލައިޓު ހޯދަން ބޭނުންވެގެން އެދިފަ އެވެ.
ފިތުރު އީދަށް އެކި ކުލަކުލައިގެ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އެއާ އެކު ދިވެހިންނަކީ ވަރަށް ބޮޑަށް އީދު ފާހަގަކުރާ ބަޔަކަށް ވުމުން، މިކަން މާލޭގައި ތައާރަފުކުރުމުން ޑިމާންޑު ވަރަށް ބޮޑުވި. އެކަން ތައާރަފުކުރުމުން މިދިޔަ އަހަރު ރަށްތަކުން ވެސް ރިކުއެސްޓް ކުރި އިތުރަށް ލައިޓު ބޭނުންވާތީ،"
އާޑަމް ޝަރީފް ވިދާޅުވީ މިއީ ހަމައެކަނި އީދުގެ ތިން ދުވަހު ދިއްލުމަށް ގެންނަ ލައިޓުތަކެއް ނޫން ކަމަށެވެ. ބައެއް ރަށްތަކުން ވަނީ އީދުގެ އިތުރުން ވެސް ޖުލައި 26 އާއި ގައުމީ ދުވަސް ފަދަ ހާއްސަ ދުވަސްތަކުގައި ވެސް މި ލައިޓުތަކުގެ އެކި ބައިތައް ބޭނުންކޮށްގެން ރަށް ދިއްލާލާފައި ކަމަށް ވިދާޅުވި އެވެ.
މިފަހަރު ލައިޓު ގެންނަނީ ކުރިން ލައިޓު ނުލިބޭ އިތުރު 36 ރަށަށެވެ. މިއީ ރައްޔިތުންގެ ހިތްހަމަޖެހުމަށް ކުރަންޖެހޭ ހަރަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ ހިތްހަމަޖެހުމަށް މިކުރާ ހޭދައަކީ އޭގެ ޒާތުގައި ވަރަށް މުހިއްމު ކަމެއް ކަމަށް،" އެ ޕްރެސްގައި އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
22 February 2025
ބޮކިތަކާއި ގިޑިގެތަކާއި އެއީ ފުރަމާލެ އާއި ބޭރުގެ ދުނިޔޭގެ ކަމެއް. ބީރަށްޓެހި ރަށްފުށުގަ ތިބޭނީ ގަބުޅި ކަތީބުން. ގަބުޅި ކަތީބުންގެ ހައްގުމިންވަރަކީ ގަބުޅިކޮޅު، މަސްކޮޅު، ކާށިކޮޅު. ގަބުޅިޔެކޭ ނުހިތާ ތިބެގަ.
ސާބަހޭ11
21 February 2025
ސުބްޙާނަﷲ. ގައުމުގަ ފިސާރި ރުފިޔާ އެބައޮތޭ ދޯ.
ސިފަތުﷲ
21 February 2025
މިކަހަލަ ކަންކަމަށް ހަމަ ހަރަދު ކުރަންވީ. މިގައުމު ހަމަޖެހޭނީ އޭރަށް. ފުރިހަމަތަށް ތާއިދު
އަޒްލީލް މުހައްމަދު
21 February 2025
މިދިޔަ ކޮން ސަރުކާރަކުންތޯ މިހެން ހިތްހަމަޖެހޭ ކަންކަން ކުރީ ރައްޔިތުންނަ؟ މިކަންކަން ނުކުރުމުން މިއަދު ބައިބައި ވެފަ މިތިބީ
އިއްލަބޭ
21 February 2025
28 މިލިއަން!! އައިއެމްއެފް ހިތައް އަރާނެ މިވާ ގައުމެކޭ. އާސަންދަ ދޭކަށް ރުފިޔާއެއް ނެތް، އާއްމުކޮއް ކުރިން ދައްޗެއް ނެތި ލިބުނު ބޭސްތައް ނުލިބޭ، ރައްޔިތު މީހާ ރަށު ބިޑި އަނބުރާލަ އަނބުރާލާ. އެކަމު 28 މިލިއަން އެތަޅާލަނީ އީދު ލައިޓާ ބޮކިފައްޗަށް. ސާބަހޭ މުއީޒު. ޟިރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ އިސްރާފު ބޮޑު، ނުބައި ވެރިކަމެއް ކޮއްލާފަ ފައިބާތި. ބާކީ 3 އަހަރެއް ހާ ދުވަސް. އަހަރުމެން މިތިބީ ގުނާލަ ގުނާލާ
ނޯނާ
21 February 2025
އާން މިކަމުން ވެސް ބައެއްގެ ޖީބު ފުރޭނެ ވިއްޔާ
ޝަހުދު އިސްމާއިލް
21 February 2025
އިދިކޮޅުން ބުނެފާނެ މީ ބޭކާރު ހަރަދެކޭ. ނޫން އެޔަށްވުރެ މީގެން އަންނަ އެހެން ފައިދާ ބޮޑު. ނެތް ގުޅުން އިތުރުވެ ވީދިފައިވާ އަހުވަތްތެރިކަން އައުވާނެ
ޕްލީސް ކަމް ބެކް
21 February 2025
އަހަރެންގެ އަނބިމީހާ އަހަރެން ކައިރިން ވަރިވެގެން ދަރިންކޮޅު ގޮވައިގެން ދިޔައީ އަހަރެންގެ ރަށުގައި އީދު ބޮކި ނުދިއްލާތީ! މި ފަހަރު އަހަރެމެން ރަށަށް ބޮކިފަތި ލިބިއްޖެއްޔާ އެގޮއްޔެ އަނބުރާ އައިސްދާނެ ކަމުގެ އުންމީދު އެބައޮތް!
އަފާފް ސައީދު
21 February 2025
މިވެސް އަދުގެ ރައީސްގެ މުހިއްމު ވައުދެއް. މީގެ ސަބަބުން އާއިލާތަކުގެ ގުޅުން ބަދަހިވާނެ
ދަލޭކަ ދައިތަ
21 February 2025
ނިކަން ކުރުކޮށް، މިކަން ހުއްޓުވަންޖެހޭ. މީ ރައްޔިތުންގެ ފައިސާއިން އިސްރާފުކުރުން ނުވަތަ ވައްކަންކުރުން. ކޮރަޕްޝަން މެކުހަށްޖަހާފައޮތީ ނަމުން ރައްޔިތުންނަށް ކަންކަންކޮށްދޭކަމަށް ދަށްކައިގެން.
ފެނަކަޔޯ
21 February 2025
28 މިލިއަން: އެއީ ގާތްގަނޑަކަށް 56 ރަށެއްގެ ހުރި އިންޖީނުގެ ތެރެއިން ރަށަކުން އިންޖީނެއް އޯވާހޯލުކޮށްލާނެ ސްޕެއާ ރާއްޖޭން ބޭރުން ގެނެވޭނެ ލާރި.
އަދުރުމަދުރު
21 February 2025
ކުރީ ސަރުކާރުން ލާރި ގަނޑު ކާލާގެން އާސަންދަވެސް ހުއްޓިއްޖެ. ސަރުކާރު މުވައްޒިފުންނަށް އިތުރު ގަޑީ ފައިސާ ދިނުން ހުއްޓިއްޖެ. އެކަމަކު ބޮކި ދިއްލާ ނާޗަރަންކީ ކުޅެ އައިޑޮލް ތަކާ ބޮޑުބެރުތައް ބާއްވަން ފައިސާ ހުރޭ