23 ފެބުރުއަރީ 2025 - 09:32
މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ހެދި ކުޑަގިރީއަށް މިދިޔަ ދެ އަހަރުގެ ތެރޭގައި 50،000 އަށް ވުރެ ގިނަ މީހުން ދަތުރު ދިޔަ އެ ރަށް ބަލަހައްޓާ އެޗްޑީސީން ބުނެފި އެވެ.
ކުޑަގިރިއަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލާއި ޗެއާމަން އަހުމަދު ނާސިފުގެ އިތުރުން ބޯޑު މެމްބަރުން ވަނީ އިއްޔެ ކުޑަގިރިއަށް ޒިޔާރާތް ކުރައްވައި އިންތިޒާމުތައް ބައްލަވާލައްވައިފަ އެވެ.
ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމުގެ ގޮތުން ރަށުގައި ބިޔަ ގަސްތައް އިންދުމުގެ ޕްރޮގްރާމެއް ވެސް އިއްޔެ ކުރިއަށް ބޭއްވި އެވެ.
އެޗްޑީސީން ބުނީ، ކުޑަގިރި ބޭނުންކުރަން ފެށި ފަހުން މިދިޔަ ދެ އަހަރުގެ ތެރޭގައި 54،724 މީހުން ކުޑަގިރިއަށް ޒިޔާރާތްކުރިއިރު އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު ގިނަ ބަޔަކު ހިތްހަމަޖެހޭ ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި އެ ރަށުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު ކަސްޓަމަރުންގެ ހިތްހަމަޖެހުން ހުރީ 70 ޕަސެންޓުން މަތީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ ޒަމާނީ ވަސީލަތްތަކާ އެކު ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި އެބަ ހުރި ކަމަށެވެ. އެކަމަކު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ކުޑަގިރިއަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފާއި އިސްވެރިން އެ ރަށަށް ވަޑައިގެން ބައްލަވާލައްވަނީ.
އެ މަސައްކަތުގެ ދަށުން ވަނީ ކުޑަގިރިއަށް ދަތުރު ދިއުމާއި އެތަނުގެ ވަސީލަތްތައް ބުކްކުރުމަށް ފަސޭހަ ކުރުމަށް ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައި ކަމަށާއި އެ ކައުންޓަރުން ކުޑަގިރިއާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އަންނަ އޭޕްރޫލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ރެއެއްގެ 11:30 އަށް އިތުރުކުރުމަށް ނިންމާފައިވެ އެވެ. އޭގެ ބޭނުމަކީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ރާއްޖެއަށް ޓޫރިސްޓުން ޝައުގުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ޑައިވް ސެންޓަރެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީ އާއި އެމްޓީސީސީއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހެދި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވީ ފެބްރުއަރީ 11، 2023 ގަ އެވެ. ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ ދުވާލަކު 500-600 މީހުންނަށް އެ ރަށުން ހިދުމަތް ދެވޭނެ ގޮތަށެވެ.
ކުޑަގިރީގައި ހަތް ބީޗާ އެކު 13 ހަޓު ހުރެ އެވެ. މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކާއި މިސްކިތަކާއި ކްލިނިކަކާއި ފިހާރަ އާއި ޕްރައިވެޓް ރޫމާއި ޗޭންޖިން ރޫމާއި ފާހަނާ ހުރެ އެވެ. އެކި ކަހަލަ ރެކްރިއޭޝަން ހަރަކާތްތައް އޮވެ އެވެ. އިވެންޓުތައް ބާއްވަން ވެސް އެ ރަށަށް ކުއްޔަށް ދެ އެވެ.
މާލެ އިން އެ ރަށަށް ދޯނި ފެރީގައި ދެވެނީ ގަޑިއެއްހާއިރުންނެވެ. މާލެ އާއި ހުޅުމާލެއިން ވެސް އެ ރަށަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
23 February 2025
އެމްޓީސީސީ އާއި ގުޅިގެން ސްޕީޑް ބޯޓު ފެރީ އިންތިޒާމް ކުރެވިއްޖިއްޔާ މާގިނަ މީހުން ދާނެ. ކޮންމެ ދުވަހެއްގަ ނޫނަސް ހަފްތާ ބަންދާ ރަސްމީ ބަންދު ދުވަސްތަކާ ސްކޫލް ޗުއްޓީފަދަ ދުވަސް ތަކުގަ ސްޕީޑު ފެރީ ހަމަޖައްސަވާ ދެއްވުން އެދެން. ގެއްލުމެއް ނުވާނެ.
އެކްސްް
23 February 2025
ޝުކުރިއްޔާ ކުރީ ސަރުކާރު
މަބުނީ
23 February 2025
ޕިކުނިކުދާވަރަށްވުރެ ދުރު. ހިލޭގެންގޮސްދޭތީ މީހުންދަނީ.
އިހްސާސް
23 February 2025
ހެޔޮނުވާނެ ކުޑަގިރިއަށް ފަތުރުވެރިން ނާރުވާތި.
ބަލާތި
23 February 2025
ކުޑަގިރި މާބޮޑަށް ދުރީ ދަތުރުދާން ފޭދޫ ފިނޮޅު އިރުން އޮތް ފަޅު ހިއްކާ އެތަނުގައި ޗައިނީސް އިންޑަސްޓްރިއަލް ޕޭރކް ހަދާ އަދި ޕާރކްގެ ވަކި ބައެއް އެއީ މާލޭގެ ޕިކްނިކް ސިޓީ އަކަށް ހަދާ އެތަން މާލެ އަައި ހުޅުމާލެ އެއީ ބްރިޖުން ގުޅުވާލާ ދަތުރު ދާންޖެހޭ ތަނަކަށް ހަދާށޭ އެއިރުން ތިޔާ ފައިދާ ކުރަނިވި ވިޔާފާރީގެ ގޮތުން ދރކޮޅު ޖެހޭ ކަމަކަށް ވާނީ..
ބިީޗު ބޯއީ
23 February 2025
ކަލޯ އެންމެ ކައުންޓަރު ގަނޑެއްދޯ؟
ކޮލަމާހުއްޓާ
23 February 2025
ރޫމްތަކުގެ އަގު ވަރަށް ބޮޑު. ކުޑަކޮށްލަ ދިނުން އެދެެން.
ސަސި
23 February 2025
54000 މީހުންތެރޭ އަޅުގަނޑު ނުހިމެނޭ ވާހަކަ އުފަލާއެކު ފާހަގަކުރަން.
ބޮސްް
23 February 2025
ކަންނެތް ކަމުން ނުދަނީއެއްނު..