24 ފެބުރުއަރީ 2025 - 10:06
މެންޗެސްޓާ ޔުނައިޓެޑްގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ލޯނު އުސޫލުން ރެއާލް ބެޓިސް އަށް ބަދަލުވެ އެ ޓީމުގައި ވިދަމުން އަންނަ އޮންޓޮނީ އަށް ރޭގެ މެޗުގައި ދެއްކީ ރަތްކާޑާ އެކު މަޑުޖެހުމެއް އަތުވެއްޖެ އެވެ.
ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި އެންޓޮނީ އަށް ނުކުޅެވެނީ، ބެޓިސް އިން ރޭ 2-1 އިން ގެޓާފޭ ބަލިކުރި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޭނާ ކުރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ. އަންނަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ވަނީ ސަސްޕެންޑް ވެފަ އެވެ.
ރޭގެ މެޗުގައި ވެސް އޭނާ މޮޅަށް ކުޅުނެވެ. ބެޓިސްގެ ފުރަތަމަ ލަނޑު ޖަހަން އިސްކޯ އާލޯކޮން އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ވެސް އެންޓޯނީ އެވެ. އެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން ތިން ގޯލު ޖަހައި، ދެ ގޯލު އެސިސްޓް ކޮށްފަ އެވެ. އަދި ތިން މެޗުގެ މޭން އޮފް ދަ މެޗް އެވޯޑް ވެސް އޭނާ ހޯދި އެވެ.
ނެދަލެންޑްސްގެ އަޔެކްސް އިން 107 މިލިއަން ޑޮލަރަށް އެރިކް ޓެން ހާގް ޔުނައިޓެޑަށް ގެނައި އެންޓޮނީ އަށް، ޔުނައިޓެޑްގައި އެންމެ ރަނގަޅު ކުޅުން ނުދެއްކި، ރުބެން އަމޯރިމްގެ ކޯޗު ކަމުގައި ވެސް މާ ގިނަ ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް ލޯނުގައި މެނުއެލް ޕެލެގްރިނީގެ ބެޓިސް އާއެކު އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކައި އަލުން އުންމީދު އާކުރަމުންނެވެ.
ޖެނުއަރީ ޓްރާންސްފާގައި މި ސީޒަންގެ ނިޔަލަށް ލޯނު އުސޫލުން ގެނައި އެންޓޮނީ ނެތުމަކީ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަ އިރު ބެޓިސް އަށް ލިބުނު ބޮޑު ގެއްލުމެކެވެ. އޭނާގެ މިހާރު ހުރި ފޯމާ އެކު، ރެއާލާ ދެކޮޅަށް ކުޅޭ މެޗަކީ ފުޓްބޯޅަ ސަޕޯޓަރުން ވެސް ބަލައިލާން އެންމެ އިންތިޒާރު ކުރި އެއް މެޗެވެ.
ލަލީގާ ތާވަލްގައި ރެއާލް ބެޓިސް އޮތީ 25 މެޗުން ހޯދި 35 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ. ރެއާލް މެޑްރިޑް އޮތީ 54 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ ވެސް ވަނީ 54 ޕޮއިންޓް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy