24 ފެބުރުއަރީ 2025 - 11:52
މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އިން 10 ޕަސެންޓު ކުޑަކުރަން ނުފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގައި އަސާސީ މުސާރަ 12،000 އަށް ވުރެ މަތިން ލިބޭ ނަމަ 10 ޕަސެންޓު އުނި ކުރުމަށާއި މަޖިލީހަށް ފެންނަ ނަމަ ޝަރުއީ ދާއިރާ އާއި މަޖިލިހުގެ މެންބަރުންގެ މުސާރައިން ވެސް 10 ޕަސެންޓް ކުޑަ ކުރަން ބޭނުންފުޅުވާތީ މަޖިލިހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ އެދިވަޑައިގެންފަ އެވެ.
އެކަމަކު، އެ މައްސަލަ ދިރާސާކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުގައި ވަނީ މި އިދާރާތަކުގެ މުސާރަ ކުޑަކުރެވެން އޮތީ ގުޅުން ހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.
އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރަ އެއް ހަމަކުރުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށް ވާއިރު، ގާނޫނަށް ބަދަލު ނުގެނެސް މުސާރަ ކުޑަކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ކޮމިޓީން ނިންމި އެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނޭހެން މަޖިލީހުގެ މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ މިވަގުތަށް ކުޑަކުރަން ނުުފެންނަ ކޮމިޓީން ނިންމީ އެވެ.
އެހެންވެ، ގުޅުން ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވުމުން، އެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ވެސް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ އިދާރާތައް އެއްކޮށްލައިގެން މިހާރަށް ވުރެ ހަރުދަނާކަމާ އެކު، އިދާރާތައް ހިންގައި ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ވެސް ކޮމިޓީން ނިންމި އެވެ. އަދި އެފަދަ ގޮތަކަށް އެއްކޮށްލައިގެން ހިންގޭނެ އިދާރާތައް ދަނެގަނެ، އެކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން އަވަސް ކުރުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.
ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އިއްތިފާގުންނެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސްބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ވެސް ނިންމަަވައިފަ އެވެ.
އެ ނިންމެވުމަށް ފަހު، އެ މަނިކުފާނު ވެސް ވަނީ އަމިިއްލަފުޅު މުސާރަ އިން 50 ޕަސެންޓް ނުނެންގެވުމަށް ނިންމަވައިފަ އެވެ. އެއާ އެކު، ރައީސަށް ލިބިވަޑައިގަންނަވާނީ 50،000ރ. ގެ މުސާރައެކެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން ޕީސީބީ އިން ވަނީ ކުންފުނިތަކުގެ ވެރިންގެ މުސާރަ ވެސް ލިމިޓު ކޮށްފަ އެވެ. ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000ރ. ކަމަށް ކަނޑައަޅާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
25 February 2025
މި މަޖިލިސް މެމްބަރުންގެ މުސާރަ ކަނޑައަޅަން ޖެހެނީ ރައްޔިތުން. ރައްޔިތުންގެ ޚާދިމުންނޭ ކިޔާފަ މިމީހުން އަމިއްލައަށް މުއްސަނދިވެ ޖީބަށް ބަރުކުރެވޭތޯ އުޅެނީ. ދާއިރާގެ ރައްޔިތަކު ކަމަކު ބުނެފިއްޔާ ބުނަނީ ކޮށްދޭކަށް ނުޖެހޭ، ތިމަންނަ ވޯޓް ގަނެގެންނޭ މި ގޮނޑި ލިބުނީ. އެހެންނޫނީ ކޮންމެ މުއައްސަސާއަކަށް އެމުއައްސަސާއަކުން އެތަނުގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅަން ޖެހޭނީ މަޖިލިސް މެމްބަރުން އެމީހުންގެ އަމިއްލަ މުސާރަ ކަނޑައަޅާގޮތަށް
ޢަލީ ހަސަ
25 February 2025
މެޖިސްޓްރޭޓުންގެ މުސާރަ ކުޑަކުރާކަށް ނުފެނޭތަ؟ 40،000 ޕްލަސް މުސާރަ ނަގާއިރު އަހަރެއް ނިމިގެން ދާއިރު އެއްމައްސަލަ ބަލާ ނިންމި ތަންތަން އެބަހުރި ނިޒާމު ރަނގަޅު ކުރަންޖެހޭ
ޛަުއިިއޖ
25 February 2025
ބޮޑުކުރަން ހިފާލަބަލަ ކުދިންނޭ
ގޮނުއަނގަ
24 February 2025
ތިބޭފުޅުންނަށް އެއްޗެއް ކުޑަކުރާނެ ކަމެއްނެތް. ތަޅާ ދުޅަކޮށްގެންވިޔަސް ބޮޑު ކުރެވޭތޯބައްލަވާ. ހުރިހާތަނެއްގެ ދަށުފަންތީގެ މުވައްޒަފުންގެ އޯޓީ އުނިކޮށްލާފަ ބަހައޓަވާ. އޯޓީވެސް ކުޑަކުރާނެ ކަމެއްނެތް.
އޮނަރަބަލް ބަޑިސީދި
24 February 2025
ރައްޔިތުން އަތުން ވޯޓު ގަނެގެން ހޮވިފައި ތިއްބެވި މެމްބަރުން ދައުރު ހަމަވުމުގެ ކުރީން ކުރި އިންވެސްޓު ހަމަ ކުރެވޭނެ ގޮތެއްވެސް ހޯދަން ޖެހޭނެ . އެއްކަލަ ގޭ ވަލު ދޮރާށިން މަހަކު އެއްފަހަރު ލިބެމުންދިޔަ 50000ރ މިހާރަކު ނުލިބޭ ކަމަށް ވަނީ .
ކަޅުތެޔޮ ރިޔާޒު
24 February 2025
.ދައުލަތުގެ އެހެން އިދާރާތަކާއި އަޅާ ބަލާއިރު މަޖިލީސް މެމަބަރުން ގެ މުސާރައެއް ބޮޑެއްނޫން. މާލޭ ސިޓީ 30 ބުޅާ ކޮންސަލްޓަންޓުން ގެ މުސާރަ އާޢި ކިޔާލަންވެސް ޖެހޭ .މިވަގުތު މުސާރަ ތަން ފުކޮށް މައްޗަށް ޖައްސާލި ނަމަ
މެއްކު
24 February 2025
ދެން އޮންނަ މަޖްލިސް އިންތިޚާބުގެ ކުރިން މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ ގޮތުގައި ދޭން ފެންނަ އަދަދެއް ރައްޔިތުން ފާސްކުރުން މުހިއްމު، މިގޮތުން ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގައި މަޖިލިސް މެމްބަރުންގެ މުސާރައާއިގުޅޭ އިތުރު ވޯޓެއް ނެގުމަކީ ކުރެވިދާނެކަމެއް، އިލެކްޝަން ކޮމިޝަނާއި ސަރުކާރާއި މަޖްލިސް ގުޅިގެން މި ކަން ކުރަންވެއްޖެހެން ހީވަނީ، މަޖްލިސް މެމްބަރުންނަށް އަމިއްލައަށް މުސާރަ ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއްނޫން،
ޔޫކޭ
24 February 2025
ޑިމޮކްރަސީގެ ފައްކާކަން މިފެންނަނީ، ހުޅަނގުން ގެންގުޅޭ ދެއުޅިއެއްނުވާ ޑިމޮކްރަސީއަކީ ފަސާދަޔާ ކޮރަޕްޝަނާ އަމިއްލަ އެދުން އޭގެ އަޑީގައި ވާ އެއްޗެއް
ފަޓާސް
24 February 2025
ރައްޔިތުންގެ މަޖިލިސް މުސާރަ ވޯޓުން ޖެހޭނީ ނިންމަން
ގޮނުއަނގަ
24 February 2025
އެކަހަލަ ވޯޓެއް ނުލައޭ. 500.00ރ އިން ނިންމާލާގޮތަށް ލާންޖެހޭވޯޓެއް ނަގާނީ. އެއީވެސް ކޮންމެ އަހަރަކު ބަޖެޓުން ޕާޓީތަކަށް ދަމައިގަންނަ 400 މިލިޔަން ރުފިޔާއިން ކާނެވަރަކަށް ކާންނަގާފައި ބާކީ އިންނަ ލާރިކޮޅެއް. ޕާޓީ ތަކަށް ބަޖެޓުން ދޭ ފައިސާއިން މެމްބަރަކަށް މަހަކަށް ޕާޓީތެރެއިން 50000.00 ރުފިޔާ ދިނަސް ޚަރަދުވާނީ ފަންސާ އެއް މިލިޔަން ރުފިޔާ ވިއްޔަ. 50000×12×85
ހެޕިނަސް އިންޑެކުސް
24 February 2025
އަމިއްލަ އެދުމުން ފޯވެގެން ތަޤައްޔަރުވެފައި ތިބި ބަޔަކު! ޤައުމަށް ހެޔޮއެދޭނެ އިޚްލާސްތެރިކަމެއް ނެތް ބަޔަކު! އިތުބާރެއް ނެތް ބަޔަކު!
ސޭޓު އިންޑެކްސް
24 February 2025
ހެޕިނެސް އިންޑެކްސް މިހާރު އޮތީ ރަބަރު ދޫވެފައި. ވޯޓަކީ ހިލޭ ލިބޭ އެއްޗެއް ނޫން.