ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ރެފިއުޖީން އުޅޭ ކޭމްޕަކުން މީހުން ހުސްކުރުމަށް ފަހު މީހުން ވަނަ ނުދޭން އިޒްރޭލު ސިފައިން އެތަނުގައި ވަށައިގެން އެތުރިގެން. -- ފޮޓޯ: އޭއެފްޕީ
25 ފެބުރުއަރީ 2025 - 06:39
އިޒްރޭލުން ޣައްޒާގައި ދެމުން ގެންދިޔަ ހަމަލާތައް މެދުކަނޑާލާފައި އޮތަސް، ހިފާފައިވާ ހުޅަނގު އައްސޭރި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަދަައި ވަކިކުރަން، އެތަނުގެ ފަލަސްތީނު ރައްޔިތުން ގަދަކަމުން ގެދޮރުން ނެރުމުގެ މަސައްކަތް ފުޅާކޮށްފި އެވެ.
ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ބުނީ އިޒްރޭލުގެ ގިނަ އަދަދެއްގެ ޓޭންކުތަކާއި ސިފައިން ވަދެ އާދަޔާ ހިލާފަށް އަސްކަރިއްޔާގެ ބާރު ހުޅަނގު އައްސޭރީގައި ފުޅާކޮށްފައިވާ ކަމަށެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގެ އެއް ބަައި ނުވަތަ އެއްކޮށް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަދާނެ ކަމަށް އިޒްރޭލުގެ ލީޑަރުން ތަކުރާރުކޮށް ބުނަމުން ދާއިރު މިއީ ފަލަސްތީނުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި އޮތް ކަމެކެވެ.
ޣައްޒާގައި އިޒްރޭލާއި ހަމާސްގެ ހަމަލާތައް މެދުކަނޑާލުމާ ދިމާކޮށް ފެށި އަސްކަރީ އޮޕަރޭޝަންގައި ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި އިޒްރޭލު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ތިން ރެފިއުޖީ ކޭމްޕެއް ހުސްކޮށް، ޖެނިންގައި ޓޭންކްތައް އަތުރައިފަ އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ރެފިއުޖީން އުޅޭ ކޭމްޕަކުން މީހުން ހުސްކުރުމަށް އިޒްރޭލު ސިފައިން ޓޭންކާ އެކު ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
އިސްލާމިކް ޖިހާދުން ބުނީ އިޒްރޭލުގެ ޓޭންކްތައް އެ ސަރަހައްދަށް ގިނަ އަދަދަކަށް އަލަށް ގެނައުމާއި އެތައް ހާސް ބަޔަކު ގެދޮރުން ނެރެލުމުން، "ބާރުގެ ބޭނުންކޮށްގެން ހުޅަނގު އައްސޭރި ހިފުމުގެ މަސައްކަތް އިޒްރޭލުން ފަށާފައިވާކަން" ސާފުކޮށް އެނގޭ ކަމަށެވެ.
ހަމާސްއާ އެކު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތުން ބުނީ ފަލަސްތީނު ރައްޔިތުން ގަދަކަމުން ވަޒަނުން ބޭރުކޮށް ހިންގަމުންދަނީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
ފަލަސްތީނުގެ ވަކި ސަރަހައްދެއް ކަމަށްވާ ހުޅަނގު އައްސޭރީގައި ވަނީ ޣައްޒާގެ ހަމަލާތަކާ އެކު ހަމަނުޖެހުންތައް އިތުރުވެފަ އެވެ. އަދި އިޒްރޭލުގެ ހައްދުފަނައެޅި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ގެންދަނީ ހުޅަނގު އައްސޭރި އަތުލުމަށް ތަކުރާރުކޮށް ގޮވަމުންނެވެ.
ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް ފެށި ފަހުން އިޒްރޭލު ސިފައިން އަދި އެތަނުގައި ގަދަވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 900 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
25 February 2025
ކޮބާ މަހްމޫދު އައްބާސްގެ ވަރުގަދަ ސިފައިންގެ ލަޝްކަރު. ހުޅަގު އައްސޭރީގެ މުޖާހިދުންނަށް ބިރު ދައްކާ ހައްޔަރު ކުރުން އައްބާސް ކުރާހާ ކަމަކީ. އަމިއްލަ ރައްޔިތުން މަރާ ގެދޮރުން ބޭރުކުރާ އިރު މި ލަޝްކަރު ނިދާފަ
ކާމިލް ދީދީ
25 February 2025
ގާޒާއަށް އިޒްރޭލުން ހަމަލަ ދެމުންގެންދިޔައިރު މިމީހުން ހީކުރީ އިޒްރޭލުން އެހިސާބުން ނިންމާލާނެކަމަށް. ފަލަސްތީނުގެ އެތައް ޖަމާއަތްތަކުން ހަމާސްއަށް އެހީތެރިކަމެއްނުދިން. މިއަދު މިއޮތީ އެމީހުނާ ލައިގެންފަ. އެއްބައިވަންތަކަން ނެތްނަމަ ވާނެ ހަތަރެތި މިއޮއްގެންވަނީ