ބިން ހިއްކާފައިވާ ސަރަހައްދެއް . ޕީއެސްއައިޕީއަށް ކުރި ހޭދަ މިދިޔަ އަހަރަށް ވުރެ ކުޑަ -- ފޮޓޯ: މިހާރު
25 ފެބުރުއަރީ 2025 - 12:47
ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން މި އަހަރުގެ މިހާތަނަށް 325 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ 40 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 13 ގެ ނިޔަލަށް އެފަދަ ޕްރޮޖެކްޓްތަކަށް 819 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ އެއާޕޯޓު މަޝްރޫއުތަކާއި ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށެވެ. އެއާޕޯޓު މަޝްރޫއުތަކަށް 208 މިލިއަން ރުފިޔާ ހޭދަކުރި އިރު ބިން ހިއްކުމަށް 74 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ވަނީ 28 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފްސީލެއް ނެތެވެ.
މިދިޔަ އަހަރުތަކުގެ ބަޖެޓުގައި ވަކިވަކި ރަށްރަށުގައި ހިންގާ ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ނަމާއި އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓާއި އެ ޕްރޮޖެކްޓްތައް މިހާރު އޮތް ސްޓޭޖް ވެސް އެނގެ އެވެ. ނަމަވެސް އާ ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި އޭގެ ތަފްސީލުތައް ހިމަނާފައެއް ނުވެ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ސަރުކާރުން އަލަށް ހިމެނި ޕްރޮޖެކްޓްތަކަށް ތިން ބިލިއަން ރުފިޔާ ބަޖެޓުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިފާއު އައްބާސް
25 February 2025
ބަޖެޓް ހަމަޔަކަށް އަޅުވަން ކޮންމެހެން ކުރަންޖެހޭ ހަރަދު މިއަދުގެ ސަރުކާރުން ކުރާ ކަމުގެ ހެކި މިއީ. ދެން ދާނީ ރަނގަޅަށް. ބަޖެޓަށް ލުއި ވެގެން ދާނެ.
ދީމާ ސަވާދު
25 February 2025
އިގްތިސާދު ހަމަޔަކަށް އަޅުވަން ކުރާ މަސައްކަތް މި ފެންނަނީ އެކި ގޮތްގޮތުން.
މުހައްމަދު ސަނީހް
25 February 2025
މިހެންވެ ބުނަނީ ސަރުކާރުން ހަރަދު ކުޑަކޮށް ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވާނެޔޭ.