އެންސްޕާ އޮފީސް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 ފެބުރުއަރީ 2025 - 13:38
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
އެންސްޕާ އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވެ، އޭރު ކުއްޔަށް ނެގި އިމާރާތުގެ އެއްބަސްވުން ބާތިލް ކުރުމަށްފަހު އަލުން އިއުލާނުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެކަމަށް ތަރުހީބެއް ނުލިބި ފިނޭންސުން އަލުން އިއްޔެ ކުރި އިއުލާނުގައި ބުނީ ފަސް އަހަރުގެ މުއްދަތަކަށް އެންސްޕާގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކަމަށް އިއުލާނުގައިވެ އެވެ. އެކަމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެ އެވެ.
ބިޑު ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު މެންދުރު 1:00 ގެ ކުރިންނެވެ. ބިޑު ހުޅުވާނީ ޖެހިގެން އަންނަ 11 ވަނަ ދުވަހު އެވެ.
އެންސްޕާ ހިންގަން ފުރަތަމަ ކުއްޔަށް ނެގީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެ ކަމަށްވާ މއ. ސީރާޒީ ގެއިން ތިން ފްލޯ އެވެ. އެކަމަކު އެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް އެގެއިން ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ.
އެ މައްސަލާގައި ފާޑުކިޔުން އަމާޒުވީ އެންސްޕާ ހިންގުމަށްޓަކައި ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ހަމައެކަނި ކުންފުނި ކަމަށްވާ މޯލްޑިވްސް މީޑިއާ ހައުސް އިން ކުއްޔަށް ދޫކުރާ ތަނެއްގައި އެންސްޕާ ހިންގުމަށް ޓެންޑަ ބޯޑުން ނިންމުމުންނެވެ.
އެ ގޭގައި އެންސްޕާ ހިންގަން މިދިޔަ އޮގަސްޓް މަހު އެވޯޑްކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތަށް އެތަނުގެ ކުއްޔަކީ 34.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފަހުން ފާޑުކިޔުން އަމާޒުވުމުން އެއްބަސްވުން ނިމުމަކަށް ގެނަ އެވެ.
އެންސްޕާ މިހާރު ހިންގަމުން ދަނީ "މޫކައި ސުއިޓްސް" ގަ އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން ކުރިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
27 February 2025
އިތުރު މީހުން އެޕަލައިކުރަނީދޯ؟
ކަލޭނޭހީވޭ
27 February 2025
ކުރިންވެސް ހަމައެއްވެސް ގޯހެއް ހިނގާަފައެއް ނެތް. ކުރުސި ކިޔާމީހަކު ހަމަ ފިތުނަ ކުރަނީ. އަޑުއިވެނީ އޮއްސި ކާ އިއްސެއާ ހަވާލުކޮށްފިކަމަށް ބޮޑު ލާރިގަނޑެއްދީފަ، ކުރުސި އެއްކޮށް ހޯދައި ފުނޑާލަން. ނުވާނަމަ ކުރުސި ޓްވިޓާގައި މިބޮޑު ވަބާއެއް ނުޖެހުނީއްސޭ.
ފޮރި
27 February 2025
ދިމްޔާތުގަ ނެތްތަ ރަގަޅު ތަނެއް!