ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިން/ބަފައިންނަށް ދައުލަތުންދޭ އިނާޔަތް، ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ގެ ރޭޓުން ދޭ ގޮތަށް އެންސްޕާގެ ގަވާއިދު ބަދަލުކޮށްފި އެވެ.

އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މީގެ ކުރިން އިނާޔަތުގެ ގޮތުގައި ދެމުން އައީ މަހެއްގެ މައްްޗަށް ކޮންމެ ކުއްޖަކަށް 1،000ރ. އެވެ. އަދި އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000ރ. އެވެ.

އެކަމަކު، މިއަދު ގެޒެޓްކުރި އިސްލާހުގައިވާ ގޮތުން ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ދޭއިރު އެ އަށް ވުރެ އިތުރުވާ ނަމަ އިނާޔަތް ދޭނީ ކުއްޖަކަށް 1،000ރ. ގެ މަގުންނެވެ. ނަމަވެސް އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ ސީލިންގަކީ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން 15،000ރ. އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 180،000ރ. އެވެ.

އަންނަ ޖެނުއަރީ އެކަކުން ފެށިގެން އަމަލުކުރާ ގޮތަށް ގެނައި އެ އިސްލާހުގައިވާ އަނެއް ބަދަލަކީ އެހީ ހޯދަން ހުށަހަޅާ މީހާގެ ނަމުގައި އޮންނަ ބޭންކު އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް ވެސް އެހީ ހޯދަން ހުށަހަޅާ ފަރާތުން އެދޭ ނަމަ ފައިސާ ޖަމާކޮށްދޭ ގޮތަށް ހަމަޖެއްސުމެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ އިނާޔަތް އިތުރު ކޮށްދެއްވުމަކިީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

ނަމަވެސް އޭރު ވައުދުވެވަޑައިގަތީ އެންމެ ގިނަވެގެން އެކަކަށް ދެވޭނެ އަދަދަކީ 12،000ރ. ކަމަށް ހަމަޖެއްސެވުމަށެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓްގައި 211 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެ އިނާޔަތް ލިބެންޖެހޭ 5،878 މީހުން އެބަ ތިއްބެވެ.