އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް އެ ފުރުސަތު ސަރުކާރުން ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ދޭ ސަމާލުކަން މިއަދު އަލުން އާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ފުރިހަމަ ގާބިލުކަން ހާމަކޮށް، ކުރިއަރައިގެން ދިއުމަށް މަގުފަހިކޮށްދޭނެ ސިޔާސަތުތައް އެކުލަވާލައި ފުރުސަތުތައް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
"އަދި ރައްކާތެރި، އެހީތެރި މާހައުލެއްގައި މާދަމާގެ ލީޑަރުންގެ ގޮތުގައި އެ ކުދިން ނުކުމެ، ގައުމީ ތަރައްގީގައި އަމަލީގޮތުން ބައިވެރިވުމުގެ މަގު ތަނަވަސްކޮށްދިނުން."
ރައީސް ވިދާޅުވީ މިފަދަ އަމާޒުތަކެއް ހާސިލުކުރެވޭނީ އާއިލާތަކާއި މުޖުތަމައުތަކުން ފެށިގެން އެންމެހާ ކަމާބެހޭ ފަރާތްތައް ހިމެނޭހެން މުޅި މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ.
މިއަދު އަންހެން ދަރިންނަށް ކުރެވޭ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަ، އެކުވެރި އަދި ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.