އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޒުވާން ކުދިންގެ ރައްކާތެރިކަމަށްޓަކައި ޖެނަރޭޝަނަލް ބޭން އެއް ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެހެން ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި، ޒުވާން ކުދިން ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސައިބާ ބުލީ އާއި ގްރޫމިންގެ ތެރެއަށް ވެސް ކުދިން ވަންނަމުންދާ ކަމަށާއި އެހެންވެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ މުޅި ދުނިޔޭގައި އެކަން ގޮސްފައި އޮތް ހިސާބު. ސައިބާ ބުލީއިންއަކީ ވަރަށް ނުރައްކާތެރި ކަމެއް. ޒުވާން ކުދިން ތުއްތު ކުދިން މިކަމުގެ ތެރެއަށް ގޮސްފައި މުޅި ދުނިޔޭގައި ވެސް އޮތް މައްސަަލައެއް. ހަމަ އެގޮތަށް އޮންލައިން ގްރޫމިންއަކީ ވެސް އޭގެ ސަބަބުން އަންނަ ވަރަށް ނުރައްކާތެރި ކަމެއް،" ބައެއް ޕްލެޓްފޯމުތަކަކީ ކުދިންނަށް ވަރަށް ނުރައްކާތެރި ކޮންޓެންޓަށް އެކްސްޕޯސްވެފައިވާ ތަނެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވެފައި އަދި އެހާ ކުޑަ މުޖުތަމައެއް އޮތް ތަނަކަށްވާއިރު އެ ކުދިން ސަލާމަތްކުރުމަކީ ސަރުކާރާއި އިދާރާތަކުގެ ޒިންމާއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެހެންވެ، ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ސޯޝަލް މީޑިއާގެ އެޕްތައް، ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުންނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި ފިޔަވަޅުތައް އަޅަން ގަސްދުކުރަން،"
ރައީސް ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތައް އެޅުއްވުމުގައި ރާއްޖެއިން މިސާލެއްގެ ގޮތުގައި ބަލާނީ އޮސްޓްރޭލިއާ އެވެ.
މިދިޔަ އަހަރު އޮސްޓްރޭލިއާގައި ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކާއި އިންސްޓަގްރާމާއި ފޭސްބުކް އަދި އެކްސް އާއި ރެޑިޓާއި ޔޫޓިއުބް މަނާކޮށްފަ އެވެ. އެކަން ތަންފީޒުކުރުމުގެ ގޮތުން އެކައުންޓް ހުޅުވާއިރު އުމުރު ކަށަވަރުކުރުމަށް ސެލްފީއަކާއި އައިޑެންޓިޓީ ކާޑު އަދި ބޭންކް އެކައުންޓް ލިންކު ކުރުން ފަދަ ކަންކަން ކުރަން ޖެހޭނެ އެވެ.
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭ ގޮތް ހަދަން ޓެކް ކުންފުނިތަކަށް ލާޒިމްކޮށްފައި ވާއިރު އެކަމުގައި ފެއިލްވެއްޖެ ކުންފުންޏެއް 33 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެ އެވެ.
އެހެންވެ، ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް މި އެޕްތަކަށް ވަނުން މަނާކުރާ ގޮތަށް ހަދާއިރު އެކަންކަމަށް ރިއާޔަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވެ އެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ރާއްޖޭގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ސޯޝަލް އެޕްތައް ހިންގާ ކުންފުނިތަކާ މުއާމަލާތް ކުރައްވާނެ ކަމަށެވެ.
މިކަމުގައި އޮސްޓްރޭލިއާ އިން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު މިންގަނޑެއްގެ ގޮތުގައި ދެކެން. އެހެންވީމަ އޮސްޓްރޭލިއާ އިން އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި ފިޔަވަޅުތައް އެޅުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުކަމުގައި ވިޔަސް އަދި ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރާ ހިންގާ ކުޖންފުނިތަކާ މުއާމަލާތްކޮށްގެން ކުރަންޖެހޭ ކަންތައްތަކަމުގައި ވިޔަސް އޮސްޓްރޭލިއާގެ މިންގަނޑުތައް ރާއްޖޭގައި ތައާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދަން ގަސްދުކުރަން.
ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފިޔަވަޅުތައް ރާއްޖޭގައި ތަންފީޒުކުރައްވަން ފެއްޓެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ފިޔަވަޅުތަކުގެ މާނައަކީ ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުން ނޫން ކަމަށާއި މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ވެސް މޯލްޑިވްސް 2.0 ކަމަށެވެ. ޑިޖިޓަލް ސޮސައިޓީއަކަށް ރާއްޖެ ހެދުމަށް ނިންމާފައިވާއިރު އިންޓަނެޓަކީ ވަރަށް މުހިއްމު ކަމަކަށްވާނެ ކަމަށާއި ޑިޖިޓަލް ޕްލެޓްފޯމުތަކުން ތައުލީމު ހާސިލުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ކުދިންނަށް ވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަކު މި ފިޔަވަަޅަކީ ސައިބާ ބުލީއިންނާ ދެކޮޅަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.