ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންވާ ގޮތަށް ފޭސްބުކް އަދި އިންސްޓަގްރާމް ފަރުމާކޮށްފައިވާ ކަމަށް ބުނެ އެމެރިކާގެ އެކި ސްޓޭޓްތަކުން ކުރި ބޮޑެތި ދައުވާތަކާ ގުޅިގެން، ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް މެޓާ ކުންފުނިން 17-18 ބިލިއަން ޑޮލަރާ ދެމެދުގެ ބަދަލެއް ދޭން އެއްބަސްވެއްޖެ އެވެ.

 މި ތާރީހީ އެއްބަސްވުމާ އެކު ވަނީ، މެޓާގެ ސީއީއޯ މާކް ޒަކަބާގް ކޯޓަށް ހާޒިރުވާންޖެހޭ ފެޑެރަލް ޝަރީއަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މި ބަދަލުގެ ފައިސާ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެމެރިކާގެ އެކި ސްޓޭޓްތަކަށް ބަހާލައިގެން ދޭނެ އެވެ. ކެލިފޯނިއާއަށް 1.5 ބިލިއަން ޑޮލަރު، ނިއު ޖާޒީއަށް 525 މިލިއަން ޑޮލަރު އަދި މެސެޗުސެޓްސްއަށް 366 މިލިއަން ޑޮލަރު ލިބޭނެ އެވެ. މި ފައިސާ ހޭދަކުރާނީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތަކަށެވެ.

މި އެއްބަސްވުމުގައި އެމެރިކާގެ 47 ސްޓޭޓެއް ހިމެނޭއިރު، ފްލޮރިޑާ އަދި ނިއު މެކްސިކޯ އިން ވަނީ މިއީ ކުޑަ އަދަބެއް ކަމަށް ބުނެ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދައިފަ އެވެ.

އެޕްތަކަށް ބޮޑެތި ބަދަލުތައް ގެންނާނެ

މި އެއްބަސްވުމުގެ ދަށުން، 18 އަހަރުން ދަށުގެ ކުދިން ރައްކާތެރިކުރުމަށް މެޓާއިން ފޭސްބުކް އަދި އިންސްޓަގްރާމަށް ބަދަލުތައް ގެންނަން މަޖުބޫރުވާނެ އެވެ. އެއީ؛

  • ދުވާލަކު 2 ގަޑިއިރުގެ ލިމިޓް: ކުދިންނަށް އެޕް ބޭނުންކުރެވޭނީ ދުވާލަކު ގިނަވެގެން 2 ގަޑިއިރަށް. މިއަށް ބަދަލު ގެނެވޭނީ ހަމައެކަނި ބެލެނިވެރިންނަށް.
  • ދަންވަރަށް އެޕް ބްލޮކްވުން: ދަންވަރު 12:00 އިން ހެނދުނު 6:00 އަށް ފީޑްސް، ސްޓޯރީސް އަދި ރީލްސް ފަދަ ބައިތައް އެއްކޮށް ބްލޮކްވާނެ.
  • ނޮޓިފިކޭޝަން މިއުޓްވުން: ސްކޫލް ގަޑިތަކުގަ އާއި (ހެނދުނު 8:0 އިން މެންދުރުފަހު 3:00 އަށް) ރޭގަނޑު ނިދާ ގަޑީގައި (10:00 އިން ހެނދުނު 7:00 އަށް) އެއްވެސް ނޮޓިފިކޭޝަނެއް ނާންނާނެ.
  • އުމުރު ކަށަވަރުކުރުން: ކުޑަކުދިން އުމުރު އޮޅުވާލައިގެން އެޕްތަކަށް ވަނުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ.

މި ބަދަލުތައް ގެންނަން އެއްބަސްވި ނަމަވެސް، މެޓާއިން ވަނީ އެ ކުންފުނިން އެއްވެސް ގޯސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެފަ އެވެ.