އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ބިލެއް ނިއު ޒީލެންޑުގައި ވެސް ހުށަހަޅައިފި އެވެ.
ބޮޑުވަޒީރު ކްރިސްޓޮފަ ލަކްސަން ހުށަހެޅުއްވި "އޮންލައިން ސޭފްޓީ ބިލް" ގެ ބޭނުމަކީ ކުޑަކުދިންނަށް އޮންލައިން ވަސީލަތްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުންނާއި، ސޯޝަލް މީޑިއާއަށް ދެވިހިފުމުންނާއި، ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމެވެ.
ބިލްގެ މުހިންމު ބައިތައް:
- އުމުރުން 16 އަހަރު ނުފުރޭ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓް ހެދުން މަނާވާނެ.
- ޓިކްޓޮކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ފޭސްބުކް، ޔޫޓިއުބް އަދި އެކްސް މަނާވާނެ.
- ޓެކްނޮލޮޖީ ކުންފުނިތަކުން ކަސްޓަމަރުންގެ އުމުރު ކަށަވަރުކުރަންޖެހޭނެ. މީގެ ތެރޭގައި މޫނުން އުމުރު އަންދާޒާކުރާ ޓޫލްތަކާއި، ޑިޖިޓަލް އައިޑީ ނުވަތަ ރަސްމީ ލިޔެކިޔުންތައް ބޭނުންކުރަންޖެހޭނެ.
- މި ގާނޫނަށް އަމަލުނުކުރާ ކުންފުނިތައް، އެ ކުންފުންޏެއްގެ މުޅި ދުނިޔޭގެ އާމްދަނީގެ 10 ޕަސެންޓާ ހަމައަށް ޖޫރިމަނާ ކުރެވޭނެ.
ނިއު ޒީލެންޑް ސަރުކާރުން ބުނި ގޮތުގައި، އެ ގައުމުގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކު ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނައިރު ސޯޝަލް މީޑިއާގައި ހޭދަކުރެ އެވެ. ބޮޑުވަޒީރު ލަކްސަން ވިދާޅުވީ، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ކަންކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އެގައުމުގެ 40 ޕަސެންޓް ކުދިން ސޯޝަލް މީޑިއާ ވުޖޫދުވީތީ ވެސް ދެރަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަނުގެ ބައެއް ޕާޓީތަކުން މި ބިލާ ދެކޮޅު ހަދާތީ، މިއީ ފާސްކުރަން އުނދަގޫ ބިލަކަށް ވާނެ ކަމަށް ބެލެވެ އެވެ. ނިއު ޒީލަންޑުގެ އިތުރުން، އޮސްޓްރޭލިއާއިން ވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް ފާސްކޮށް އަމަލުކުރަން ފަށައިފަ އެވެ. އަދި އެހެން އެތައް ގައުމެއްގައި މިކަން ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.