އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށް، އެފަދަ ފިޔަވަޅެއް އެޅި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފުރަތަމަ ގައުމަކަށް ފްރާންސް ވެއްޖެ އެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަރަށް ބޮޑަށް ތާއީދުކުރެއްވި މި ބިލު ގާނޫނަކަށް ހެއްދެވުމަށްޓަކައި މިހާރު ވަނީ ސޮއިކުރައްވައި ތަސްދީގުކުރައްވައިފަ އެވެ.
ބިލު ފާސްވުމާ ގުޅިގެން ރައީސް މެކްރޮން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފެށޭ އާ ދިރާސީ އަހަރާއެކު 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ސިކުނޑިއަކީ ވިއްކާލެވޭނެ އެއްޗެއް ނޫން. އަދި އެކުދިންގެ އިހުސާސްތަކަކީ އެމެރިކާގެ ޕްލެޓްފޯމްތަކުން ނުވަތަ ޗައިނާގެ އަލްގޮރިދަމްތަކުން ކުޅެވިގެންވާނެ އެއްޗެއް ނޫން،" މި އަހަރުގެ ޖެނުއަރީ މަހު ދެއްވި ވީޑިއޯ މެސެޖެއްގައި މެކްރޮން ވިދާޅުވެފައިވެ އެވެ.
މި އާ ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ފްރާންސްގެ އޮޑިއޯވިޒުއަލް އެންޑް ޑިޖިޓަލް ކޮމިއުނިކޭޝަންސް ރެގިއުލޭޓަރ (އާކޮމް) އަށެވެ. މި ގާނޫނު ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް، އެކްސް، ސްނެޕްޗެޓް އަދި ޔޫޓިއުބް ފަދަ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ހިނގާނެ އެވެ.
އާކޮމް އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފްރާންސްގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ދުވާލަކު އެވްރެޖްކޮށް 1 ގަޑިއިރާއި 21 މިނެޓު ޓިކްޓޮކްގައި ހޭދަކުރެ އެވެ. އަދި އެ ޕްލެޓްފޯމްގެ ރެކޮމެންޑޭޝަން އަލްގޮރިދަމްގެ ސަބަބުން ކުދިންނަށް ނަފްސާނީ މައްސަލަތައް މެދުވެރިވާ އަދި ނުރައްކާތެރި "އެކްސްޓްރީމް" ވީޑިއޯތައް ގިނައިން ދައްކާކަން ރެގިއުލޭޓަރުން ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް، މި ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ކުންފުނިތަކުން، ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. ފްރާންސް ސަރުކާރުން ވަނީ އުމުރު ކަށަވަރުކުރާނެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފަ އެވެ.
މިއީ އޮސްޓްރޭލިއާއިން މިދިޔަ އަހަރުގެ ފަހުކޮޅު، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފަހުން، ގައުމީ ފެންވަރުގައި މިފަދަ ފިޔަވަޅެއް އެޅި ދެވަނަ ގައުމެވެ. އިނގިރޭސިވިލާތުން ވެސް ކުރިއަށް އޮތް އަހަރު މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، ސްޕެއިން، ގްރީސް އަދި ޑެންމާކުން ވެސް އަންނަނީ ސޯޝަލް މީޑިއާ ބޭނުންކުރެވޭ އެންމެ ދަށް އުމުރު ކަނޑައެޅުމަށް ތައްޔާރުވަމުންނެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑެއާ ލެޔެންވެސް ވަނީ "ސޯޝަލް މީޑިއާއަކީ ކުޅޭކުޅޭ އެއްޗެއް ނޫން" ކަމަށް ވިދާޅުވެ، ކާރު އުފައްދާ މީހުން ކާރުގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ފަދައިން، އޮންލައިން ޕްލެޓްފޯމްތަކުން ވެސް ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
މި ނިންމުމަށް ފްރާންސްގެ ގިނަ ބެލެނިވެރިން މަރުހަބާ ކިޔާފައި ވިޔަސް، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ވަނީ ހަމައެކަނި މަނާކުރުމުން ނުފުދޭނެ ކަމަށާއި، ސޯޝަލް މީޑިއާ ކުންފުނިތަކުގެ "އެޑިކްޓިވް" ފީޗާތައް ބަދަލުކުރަންޖެހޭ ކަމަށް ބުނެފަ އެވެ. އަދި ބައެއް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ކުޑަކުދިން ވަނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ތައުލީމީ މައުލޫމާތު ހޯދުމަށް އެޅިދާނެ ފިޔަވަޅެއް ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.