ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށްދޭން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މި ދުވަހަކީ ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިކުރުމަށާއި އެ ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްވަރަކާ އެކު އަޒުމްތައް އާކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި އެ ކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށްދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން މި ދަނީ ކަށަވަރު ކުރަމުންނެވެ. އަދި ހަމައެހެންމެ، އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތެވެ." ރައީސްގެ ހިތާބުގައިވެ އެވެ.
ޒަމާނީ ތައުލީމާއި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ރައީސްގެ ހިތާބުގައި ފާހަގަކުރެއްވި އެވެ.
މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ހައްގުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ކަމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރެއްވި އެވެ.
ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންނަށް އޯގާތެރިކަމާއި ލޯބި ބޭނުންވާއިރު އާއިލާގެ ތެރެއިންނާއި ސްކޫލް މާހައުލުން އެ ކުދިންނަށް ހިތްވަރުދީ ރަނގަޅު މަގު ދައްކައިދިނުމަކީ ކޮންމެ ބޮޑު މީހެއްގެ ވާޖިބެއްކަން ރައީސް ވަނީ ހަނދާން ކޮށްދެއްވައިފަ އެވެ.
"މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ގައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެ އެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް އަރިސްކުރައްވައިފަ އެވެ.