އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންގެ ސަލާމަތާއި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަލުން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަންނަނީ ސިޔާސަތުތަކާއި އިސްތިރާޖުތަކާއި އެކި ޕްރޮގްރާމްތައް މެދުވެރިކޮށް މި ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން އަމަލީ ގޮތުން މަސައްކަތްތައް ކުރަމުންނެވެ. އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ކުށްވެރިން ޒިންމާދާރުކުރުވުމާއި އަދަބު ނުލިބި ދޫވެގެންދާ ދިއުން ނިމުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އަނިޔާގެ މައްސަލަތައް ރިޕޯޓުކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި ގެވެށި އަނިޔާ ލިބޭ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ހަމައެއާ އެކު، އަނިޔާ ލިބޭ މީހުންގެ ކަރާމާތް ދަމަހައްޓައި، އިންސާފު ގާއިމްކޮށްދީ، ފިޔަވަޅުތައް އެޅުމަށް އެންމެ ކުރީ ސަފުގައި ހިދުމަތްދޭ ފަރާތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޝަރުއީ ދާއިރާގެ ގާބިލުކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަނިޔާ ހުއްޓުވުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައިވާއިރު، މި ލަނޑުދަނޑި ހާސިލްކުރުމަށް އަންހެނުން ބާރުވެރިކުރުވައި ނިޒާމީ ގޮތުން ހުރި ހުރަސްތައް ނައްތާލައި، އަންހެނުންގެ ހައްގުތައް ފުރިހަމައަށް ލިބިގަނެ، އަންހެނުންގެ ފުރިހަމަ ގާބިލުކަން ދެއްކުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތްތައް އަޅުގަނޑުމެން މި އަންނަނީ ކުރިއަށް ގެންދަމުން،" ރައީސް ވިދާޅުވި އެވެ. 

ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ވެސް ބިރެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާތަކުން ރައްކާތެރިވެގެންވާ މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށާއި އެފަދަ ގައުމަކާއި ދުނިޔެއެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް ރައީސް ގޮވާލެއްވި އެވެ. 

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަގުވާމީ މި ދުވަސް ފާހަގަކުރަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަށެވެ. މީގެ އިތުރުން، ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރަ ކަހަލަ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހުއްޓުވައި، އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރުމަށް ބާރުއެޅުމަކީ ވެސް މި ދުވަހުގެ މައިގަނޑު މަގުސަދެވެ.