ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިން/ ބަފައިންނަށް ދައުލަތުންދޭ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު އެންމެ ގިނަވެގެން ލިބޭނީ 12،000ރ. ކަމަށް ކަނޑައަޅައި ގަވާއިދު މިއަދު އަލުން އިސްލާހުކޮށްފި އެވެ.
އެންސްޕާ އިން އެ އިސްލާހު މި ގެނައީ ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ދޭއިރު އެ އަށް ވުރެ އިތުރުވާ ނަމަ އިނާޔަތް ދޭނީ ކުއްޖަކަށް 1،000ރ. ގެ މަގުން ކަމަށް ކަނޑައަޅައި އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ ސީލިންގަކީ 15،000ރ. ކަމަށް އިއްޔެ ގެޒެޓު ކުރުމަށް ފަހު އެވެ.
ނަމަވެސް ގަވާއިދު އަލުން އިސްލާހުކޮށް މިހާރު ވަނީ އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ ސީލިންގަކީ 12،000ރ. ކަމަށް ބަދަލުކޮށް އަލުން މިއަދު ގެޒެޓު ކޮށްފަ އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ.
އެ އުސޫލަށް އަމަލުކުރަން ފަށާނީ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން އަންނަ ޖެނުއަރީ 1 ގަ އެވެ.
އެކަނި ކުދިން ބަލަހައްޓާ މައިންނާއިބަފައިންނަށް މީގެ ކުރިން އިނާޔަތުގެ ގޮތުގައި ދެމުން އައީ މަހެއްގެ މައްްޗަށް ކޮންމެ ކުއްޖަކަށް 1،000ރ. އެވެ. އަދި އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000ރ. އެވެ.
ގަވާއިދަށް މި ފަހަރު ދެން ގެނައި ބަދަލަކީ އެހީ ހޯދަން ހުށަހަޅާ މީހާގެ ނަމުގައި އޮންނަ ބޭންކު އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް ވެސް އެހީ ހޯދަން ހުށަހަޅާ ފަރާތުން އެދޭ ނަމަ ފައިސާ ޖަމާކޮށްދޭ ގޮތަށް ހަމަޖެއްސުމެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ އިނާޔަތް އިތުރު ކޮށްދެއްވުމަކިީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
ރައީސް ވައުދުވެވަޑައިގަތީ އެންމެ ގިނަވެގެން އެކަކަށް ދެވޭނެ އަދަދަކީ 12،000ރ. ކަމަށް ހަމަޖެއްސެވުމަށެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓްގައި 211 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެ އިނާޔަތް ލިބެންޖެހޭ 5،878 މީހުން އެބަ ތިއްބެވެ.