ޓީރެކްސް ބީސީ، 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ތަށި އުފުލާލަނީ.-- ޕީއެސްއެމް
01 މާޗް 2025 - 15:32
އެމްބީއޭ ޗެމްޕިއަންޝިޕްގެ ތަށި މިލްކު ކުރަން ނުކުތް ކިންގްސް ބީސީ ބަލިކޮށް ޓީރެކްސް ބީސީ މުބާރާތުގެ ތަށި ހޯދައިފި އެވެ.
އެންމެ ފަހުން އެމްބީއޭ ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 2022 ވަނަ އަހަރެވެ. އެ އަހަރު ކިންގްސް ވަނީ ފައިނަލްގައި 81-70 އިން ޓީރެކްސް ބަލިކޮށްފަ އެވެ. އަދި އޭގެ ކުރިން 2019 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ކިންގްސް ހޯދީ ރެޕްޓާސްއާ ވާދަކޮށް 100-58 އިންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުން ޓީރެކްސް މޮޅުވީ 62-54 ޕޮއިންޓުންނެވެ. މުޅި މެޗުގައި ވެސް ޓީރެކްސް އިން ލީޑު ހިފަހައްޓާލި އިރު، އެޓީމު ޗެމްޕިއަންކަން ހޯދާފައި މިވަނީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ، މުޅި މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ޓީރެކްސްގެ ޕޮއިންޓް ގާޑް އިސްމާއިލް ވިލްދާން ޔޫސުފެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޓީރެކްސްގެ އައިކް އަހުމަދު މައުރޫފް އާއި މުހައްމަދު ނާފް އިރުފާންގެ އިތުރުން ކިންގްސްގެ އިސްމާއިލް ނަސީމް އާއި އަބްދުﷲ އަމްޒަރު މުހައްމަދު އަދި ރެޕްޓާސް ބީސީގެ އަހުމަދު ރާއިދެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ކުޅުން ކުރިއަށް ގެންދިޔައީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނުނު އިރު، ގްރޫޕް އޭގައި ވާދަކުރީ ރެޕްޓާސް އާއި ރޯޔަލްސްގެ އިތުރުން ޑީ ބީސީ އެވެ. ގްރޫޕް ބީގައި ހިމެނުނީ ކިންގްސް އާއި ޓަލޮންސްގެ އިތުރުން ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް (ޔޫއެން ފްރެންޑްސް) އެވެ. ގްރޫޕް ސީގައި ޓީރެކްސް އާއި ސްޓިންގާސް އަދި ފީނިކްސް ހިމެނުނު އިރު ގްރޫޕް ޑީގައި ހިމެނުނީ ރެޑްވިންގްސް އާއި ސްޕާޓަންސް އަދި ހުޅުމާލެ އެވެ.
މިއަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް މެޗް ކާމިޔާބު ކުރީ ޔޫއެން ފްރެންޑްސް އެވެ. އެޓީމު ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ސްޓިންގާސްއާ ވާދަކޮށް 99-92 ޕޮއިންޓުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫއެން ފްރެންޑްސްގެ އަހުމަދު ނަޖީލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
01 March 2025
އަދި ވެސް އޮވޭތަ ތިޔަ ( ބާސްކެޓް ) ކުޅިވަރު ، ފޫހި ކުޅިވަރެއް ، ދުވަހަކު ކުރިނާރާ ، ސަބަބަކީ ވަކިބަޔަކައް އޮންނަ ކުޅިވަރެއް ވީމަ ، ހޮހޯ