ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 މާޗް 2025 - 11:48
ވިލާ ކޮލެޖުން މި އަހަރުގެ މޭ މަހުގެ އިންޓޭކަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މޭ މަހުގެ އިންޓޭކަށް އެ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހެވެ.
ވިލާ ކޮލެޖުގެ މެއި މަހުގެ އިންޓޭކުގައި މާސްޓާސް ފެންވަރުގެ 30 ކޯހާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 27 ކޯހާއި ޑިގްރީ ފެންވަރުގެ 51 ކޯހާއި ޑިޕްލޮމާ ފެންވަރުގެ 54 ކޯހާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހާއި ސެޓްފިކެޓް 3 ފެންވަރުގެ 18 ކޯހާއި ސެޓްފިކެޓް ލެވެލް ދޭއްގެ އެއް ކޯހަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:
އިންފޮމޭޝަން ޓެކްނޮލޮޖީ. - ކޮމްޕިއުޓާ ސައިންސް. - ޓީޗިން، އެޑިއުކޭޝަން. - ޝަރީއާ، ލޯ. - ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތައް. - ބިޒްނަސް މެނޭޖްމަންޓް. - އޭވިއޭޝަން މެނޭޖްމެންޓް. - އިންޓަނޭޝަނަލް ބިޒްނަސް. - އިކޮނޮމިކްސް. - އެކައުންޓިން އެންޑް ފައިނޭންސް. - ބޭންކިން އެންޑް ފައިނޭންސް، މާކެޓިން. - ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސްތައް
މޭ އިންޓޭކުގައި ރިސާޗް، ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން އާއި ހެލްތު ސާވިސަސް މެނޭޖްނަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އަދި ސައިބަޖާޔާ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސި ވިލާތުގެ ޕޯޓްސްމޯތް ޔުނިވާސިޓީން ވެލިޑޭޓުކޮށް ހިންގާ ޕްރޮގުރާމުތަކެކެވެ. އެ ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯރޓްސްމޯތް ޔުނިވާސިޓީ އަށް ގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގައި ޑިގްރީގެ ފަހު އަހަރު ބައިވެރިވެވޭނެ އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި އެ ކޮލެޖުގެ އެންމެ ބޮޑު ފޯކަސް އަކީ ކިޔަވައިގެން ނިކުންނަ ގްރެޖުއޭޓުންނަކީ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން އަދި މަސައްކަތުގެ އަހުލާގީ މިންގަޑުން ބެލިކަމުގައި ވިޔަސް ދުނިޔޭގެ ވަޒފާގެ ބާޒާރަށް ގާބިލު ބަޔަކު އުފެއްދުން ކަމަށެވެ. އެގޮތުން ކިޔަވައި ދިނުމުގެ އެކި މަރުހަލާތަކުގައި ދަރިވަރުންނާއި އިންޑަސްޓްރ އާއި ގުޅުވާލަދީ، އިންޑަސްޓްރީ އެކްސްޕޯޝާ ލިބޭނެ އިންތިޒާމް ހުރިހާ ޕްރޮގްރާމެއްގައި ވެސް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ޑރ. އަލީ ނަޖީބު ވިދާޅުވީ، ވިލާ ކޮލެޖުގައި އޮގްމެންޓެޑް ރިއަލިޓީ، ވާޗުއަލް ރިއަލިޓީ އަދި އެކްސްޓެންޑެޑް ރިއަލިޓީ ފަދަ ޒަމާނީ ވަސލަތްތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެ ކޮލެޖުގައި އެކި ދާއިރާތަކުގެ ޕްރޮގްރާމަތަކަށް ހާއްސަ 11 ލެބް ގާއިމުކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްގައި ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ނައިފަރު ކެމްޕަސް، ގަން ކެމްޕަސް، ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސް، ހިތަދޫ ކެމްޕަސް އަދި ކުޅުދުއްފުށި ކެމްޕަހުގައި ވެސް ކުރިއަށް ގެންދާނެ އެވެ.
ވިލާ ކޮލެޖަކީ ކިއުއެސް ރޭޓިންގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ރާއްޖޭގައި ހަމައެކަނި އިންސްޓިޓިއުޓެވެ. އެ ކޮލެޖުން ވަނީ ކިއުއެސް ސްޓާ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy