ވިލާ ކޮލެޖުގެ އޮންލައިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމް، ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް ރޭންކިން ޕްލެޓްފޯމް ކަމަށްވާ ކިއުއެސް (ކިއުއެސް) އޮންލައިން އެމްބީއޭ ރޭންކިންގްސް 2026 ގައި ރޭންކްކޮށްފި އެވެ.
އެއީ ރާއްޖޭގެ މަތީ ތައުލީމުދޭ މުއައްސަސާއަކުން ހިންގާ ޕްރޮގްރާމެއް ކިއުއެސް ވޯލްޑް ސަބްޖެކްޓް ރޭންކިންގައި ރޭންކް ކުރި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 27 ގައުމެއްގެ ޔުނިވާސިޓީތަކުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމްތައް ހިމެނުނު މި ރޭންކިންސްގައި ދުނިޔޭގެ ނަން މަޝްހޫރު ބިޒްނަސް ސްކޫލްތަކުގެ އޮންލައިން އެމްބީއޭތައް ހިމެނެ އެވެ. މި ރޭންކިންސްގައި ވިލާ ކޮލެޖް ދަރަޖަކޮށްފައިވަނީ ޖުމްލަ ރޭންކިންއަށް ބަލާއިރު ދުނިޔޭގެ ޓޮޕް 150 އޮންލައިން އެމްބީއޭގެ ތެރޭގަ އެވެ.
މި ރޭންކިންގައި ވިލާ ކޮލެޖު ވަނީ އުނގެނުމުގެ ތަޖުރިބާ ވަޒަންކުރާ "ކްލާސް އެކްސްޕީރިއަންސް" ގެ މިންގަނޑުން، އޭޝިއާ ޕެސިފިކް ސަރަޙައްދުން ދުނިޔޭގެ އެއްވަނަ ރޭންކު ހޯދައިފަ އެވެ. ވިލާ ކޮލެޖުން ބުނީ އެއީ އޮންލައިންކޮށް ކިޔަވައިދޭއިރު ވެސް ދަރިވަރުންނަށް އެންމެ ފުރިހަމަ އެހީތެރިކަމާއި އުނގެނުމަށް ފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް އެ ކޮލެޖުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އެ ރޭންކިން ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއި ލައިވް ކްލާސްތަކާއި ކޯހުގެ ހުރިހާ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކާއި އަދި ލެކްޗަރާއިންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާ މިންވަރަށް ވަނީ ބަލައިފަ އެވެ.
އޭގެ އިތުރުން ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގުރާމް ވަނީ "ފެކަލްޓީ އެންޑް ޓީޗިން" އާއި "އެމްޕްލޯޔަބިލިޓީ" މި ދެ ދާއިރާއިން އޭޝިއާ ޕެސިފިކް ސަރަޙައްދުން 12 ވަނަ ދަރަޖައިގައި ގިންތި ކޮށްފަ އެވެ. މި ކެޓަގަރީގައި ގިންތި ކުރުމުގައި ބަލާފައިވަނީ ފެންވަރު ރަގަޅު ލެކްޗަރާއިންގެ އިރުޝާދުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބުމާއި ދަރިވަރުންނާއި ލެކްޗަރާއިންގެ ނިސްބަތަށެވެ. އަދި ވިލާ ކޮލެޖްގެ ދަރިވަރުންނާ މެދު ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އިތުބާރު ލިބިފައިވާ މިންވަރާއި ދަސްވެނިންގެ ގާބިލުކަމާއި މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ މިންވަރަށް ވެސް ވަނީ ބަލައިފަ އެވެ.
ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމަކީ ވަޒީފާގައި ތިބެގެން ތައުލީމު ހާސިލުކުރާ ފަރާތްތަކަށް ބައިވެރިވެވޭނެހެން ބައްޓަންކޮށްފައިވާ ޕްރޮގްރާމެކެވެ. އަދި އޮންލައިންކޮށް އަދި ކުލާހަށް ހާޒިރުވެގެން ކިޔެވޭނެ ފުރުސަތު ލިބޭ މި ޕްރޮގްރާމްގައި ދަރިވަރުން ކިޔަވާނީ އުނގެނުމުގައި ޝާމިލުވާ ނިޒާމެއްގެ ތެރެއިން ކަމަށް ވިލާ ކޮލެޖުން ފާހަގަކުރެ އެވެ.
ވިލާ ކޮލެޖަކީ ކިޔުއެސްގެ ރޭޓިންގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ މަތީ ތައުލީމު ދޭ މުއައްސަސާއެވެ. އެގޮތުން އޮންލައިން ލާނިން އާއި އެންވަރަމެންޓަލް އިމްޕެކްޓް އަދި އެމްޕްލޯޔަބިލިޓީއިން ވިލާ ކޮލެޖު ވަނީ ފަސްތަރި ހޯދައިފަ އެވެ. އަދި އެ ކޮލެޖުން ވަނީ "ޓައިމްސް ހަޔާ އެޑިއުކޭޝަން" ގެ "އިމްޕެކްޓް ރޭންކިންގްސް 2025" ގައި ބައިވެރިވެ، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވިލާ ކޮލެޖުން އަދާކުރާ ދައުރު ވެސް ސާބިތުކޮށްދީފަ އެވެ.
އެގޮތުން އެ ކޮލެޖުން ވަނީ ވަޒަން ކުރެވުނު ހުރިހާ ލަނޑުދަނޑިއަކުން ވެސް ދުނިޔޭގެ އެވްރެޖަށް ވުރެ މަތިން ޕޮއިންޓު ހޯދައިފަ އެވެ. އަދި އެސްޑީޖީ 4 އާއި އެސްޑީޖީ 5 އާއި އެސްޑީޖީ 16 އަދި އެސްޑީޖީ 17 - އެ ލަނޑުދަނޑިތަކުން ދުނިޔޭގެ އެންމެ ރަނގަޅު 25 ޕަސެންޓް މުއައްސަސާތަކުގެ ތެރޭގައި ވިލާ ކޮލެޖް ހިމެނިފައިވެ އެވެ.
ޓައިމްސް ހަޔާ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގްސް އަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޔުނިވާސިޓީތަކުން އަދާކުރާ ދައުރުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާތައް އިވެލުއޭޓްކުރާ ގްލޯބަލް ފްރޭމްވޯކެކެވެ.