ރައީސް ޑރ. މުހައްމަދު މުއިއްޒު: މަތީ ތައުލީމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ވަނީ ތަސްދީގުކުރައްވައިފައި.-- ފޮޓޯ: ރައީސް އޮފީސް
09 ނޮވެމްބަރ 2025 - 19:19
ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ޝަރުތު ދަށްކޮށް، 15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށް ވުރެ ބޮޑަށް ހުޅުވާލައި ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އެ އިސްލާހާ އެކު ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ވުން ހިމަނާފައިވެ އެވެ.
ރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ކޮލެޖެއް، ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، ދެން ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ؛
• ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިއުން
• އެ ކޮލެޖެއްގައި ހިންގާ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުން
• ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓުކޮށް ނުވަތަ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުން
• ބައިނަލްއަގުވާމީ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގަ އާއި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަސް ހޭދަކޮށްފައިވުން
• ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް، ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން
• އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން
• އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްފައިވުން
އެ ބިލް ތަސްދީގުކޮށް، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހަދަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.
އެ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
10 November 2025
ދެން ފަހެ
އަބްޑޫޅް +
10 November 2025
ޙޫމް.
އަބްޑޫޅް +
10 November 2025
ދުވަސްކޮޅަކުން ދެން ހުންނާނީ، "އެދުރުދައިތަ ޔުނިވަރުސިޓީ" (ޔުނިވަރުސިޓީ އޮފު އެދުރުދައިތަ).
ފީތާ
09 November 2025
މިގައުމަށް ކިޔަންވީ ސޭކުސްތާނެއްނޫން. މިގައުމަށް ކިޔާންވީ ފޭކުސްތާނު.
ފަރީދުއްދީން
09 November 2025
އަހަރުގުނައިގެން މަކުތަބުތައް ޖާމިއާތަކަށް ބަދަލުކުރުމަކީ އެއްވެސްގޮތެއްނޫން. ބަލަންޖެހޭނީ ކޮލެޓީއަށް. ކޮލެޓީ ހުރިއްޔާ ހަމަ ބޮޑެތި ދިރާސީ މަރުކަޒުތައް ހުޅުވާންވީ ޖާމިއާތަކުގެ ނަމުގެ. ދެން ހަމަ ކުއްލިއްޔާތައްވެސް އެތަނުގެތެރޭގާ ހެދުނުގޮތަކަށް ހަދާންވީ އުންސުރު ހަމަވާގޮތަށް.
އައްބެ
10 November 2025
ހެޑްލައިން ކިޔައިގެން ކޮމެންޓުނުކޮށް މިލިޔުން ރަނގަޅަށް ކިޔާލިނަމަ އެނގޭނެ އަހަރަށް އެކަނި ނޫންކަން ބަލަނީ. އަހަރެންވެސް ބޭނުން މިޤައުމުގައި އިތުރު ޕްރައިވެޓް ޔުނިވަރސިޓީތައް އުފެދެން. ސަރުކާރުން ހިންގާ ތަންތަނަށްވުރެ ބޭރު ޤައުމުތަކުގައިވެސް ޕްރައިވެޓް ތަންތަނުގެ ކޮލިޓީއާއި ވަސީލަތްތައް ރަނގަޅު އަގު ބޮޑުވިނަމަވެސް.
އަލްއުސްތާޒް
09 November 2025
ރާއްޖޭގައި އެމް އެން ޔޫ އަދި ވިލާ ކޮލެޖު ފިޔަވާ ތި ހުރިހާ އާ އިސްލާހުތައް ފެތޭ ތަނެއް ނެތް.. ކުރިން އޮތް ގާނޫނުގައި މުއްދަތު 20 އަހަރު ފިޔަވާ އިތުރު ޝަރުތެއް ގާނޫމުގައި ބަޔާންކޮށްފައިވެސް ނެތް. ޢެހްންވީމާ ދެން އުފެދޭ ޔުނިވާރސިޓީތައް ވާނީ ފެންވަރު ރަނގަޅު ތަންތަނަށް. ކޮލެޖުތައްވެސް ޔުނިވާރސިޓީއަކަށް ބަދަލުވަން ގިނަ ގުނަ ރަނގަޅު އިސްލާހީ ބަދަލުތަކެއްގެންނަން ޖެހޭނެ. މި އިސްލާހުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމަށް ހެޔޮބަދަލެއް އަންނާނެކަމަށް ފެނޭ.
މުލޭ
09 November 2025
ނަމެއް އޮތީމަ ނިމުނީދޯ. މިރާއްޖޭގެ ހުރިހާ ކަމެއް ވެސް ދަނީ މިހެން. ދެން ފެންނާނެ 100 އަކަފޫޓު ހަމަނުވާ ދެ ކޮޓަރީގައި ވެސް ޔުނިވަރސިޓީ ހިންގާތަން.
ޕުރޮފެސަރު ބާބަކިއު
09 November 2025
އަޅުގަނޑު ތިކަމާ ވަރަށް ފުންކޮށް އެބަވިސްނަން.
ފާށަނާކިލެގެ
09 November 2025
މަޖީދިއްޔާއަށް މިއޮށް 100 އަހަރުވަނީ. ކީއްވަނީ އެތަން ޔުނިވާސިޓީއަކަށް ބަދަލުކޮށްލިއްޔާ. އެންމެކުޑަމިނުން ނަމުންނަމަވެސް.
ގަމާރިސްތާން
10 November 2025
ބަލަ ސްކޫލް ޔުނިވަރސިޓީ އަކަށް ވާ ވާހަކައެއް ނޫނޭ މި ދައްކަނީ!
ހަސަން ކުރުސީ
09 November 2025
ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝަރުތު އެކަންޏެއްނޫން ޔުނިވާސިޓީއަށް ވަދެވޭ ޝަރުތުވެސް ދަށްކުރާންވީ. އެއީ ގުރޭޑު 7 ން ފާސްވެއްޖިއްޔާ ޔުނިވާސިޓީއަށް ވަދެވޭގޮތަށް. ސުޕަމެޖޯރިޓީއެއް އޮވެފާ މިފަދަބިލެއް މަޖުލީހަށް ލައިގެން ފާސްކޮށްލުމަކީ އެއްވެސްކަމެއްނޫން.
13322
09 November 2025
ދެން މިގައުމުގަ ހުންނާނީ ހުސް ފެންވަރެއްނެތް ޔުނިވަރސިޓީސް މިހާރުވެސް އެޑިއުކޭޝަން ގަޑުބަޑު ކުރަނީ، އެކެޑެމިކުކޮށް ނުކިޔަވާ، ބައިޕާސްކޮށްފަ އެކި ޕްރޮފެޝަނަލް މީހުނައް އެބަވެގަނޭ، ދެންކޮން އުންމީދެއްއޮތް ތަނެއްމީ، ހުސް ކޮރޮޕްޝަން
ސަސި
09 November 2025
ކިހާ އުފާވެރި ހަބަރެއް، ދެން ވިއްކާ ސެޓްފިކެޓްގަ ވެސް އޮންނާނީ ކޮންމެވެސް ޔުނިވާރސިޓީއެއްގެ ނަމެއް ދޯ