ކޮވިޑްގެ ތަޖުރިބާއިން މަތީ ތައުލީމަށް އަންނާނީ ކޮން ބަދަލެއް؟

ކޮވިޑް-19އާ އެކު އެކި ދާއިރާތަކަށް އަންނަ ބޮޑެތި ބަދަލުތައް އެބަ ފެނެ އެވެ. ޓެކްނޮލޮޖީގެ ބޭނުންތެރިކަން، އޭގެ ކުރިން އެކަމާ މެދު ވިސްނާލާފައި ނެތް އެތައް ބަޔަކަށް، އެނގުނެވެ. އޭގެ ތެރެއިން މަތީ ތައުލީމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު، ތަޖުރިބާކާރުންގެ މެދުގައި މިހާރު ވަނީ ބަހުސް ފެށިފަ އެވެ.


މަތީ ތައުލީމް ފޯރުކޮށްދިނުމުގައި 27 އަހަރު ހޭދަކުރައްވާފައިވާ ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ކޮވިޑް-19 އިން އެނގުނު އެންމެ ބޮޑު އެއްޗަކީ، ކޮންމެ ދުވަހެއްގެ ދިރިއުޅުން އާ ހަރުފަތަކަށް ގެންދަން ޖެހޭ ކަމެވެ. ކުރިއަށް އޮތް ތަނުގައި ކިޔަވައިދޭއިރު، ވަކި ހާއްސަ ބައިތަކެއް ހިމަނައި ޓެކްނޮލޮޖީއަށް އިސްކަން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ބަލިން ރައްކާތެރިވާން އެންމެން ގޭގައި ތިބެން ޖެހުމާ އެކު ފެނުނީ ޓެކްނޮލޮޖީގެ ބޭނުން ހިފަން މަޖުބޫރުވި ތަން ކަމަށެވެ.

ކޮވިޑް-19 އިން އެނގުނު އެއް ކަމަކީ، ކޮންމެ ވަގުތެއްގައި ވެސް އާންމު ދިރިއުޅުން ހުއްޓުމަކަށް އަތުވެދާނެ ކަމެވެ. ގެއިން ބޭރަށް ނުނިކުމެވި، ބަންދުގައި އެތައް ދުވަހަކު ވެސް ތިބެން ޖެހިދާނެ ކަމެވެ. އެކަމަކު ޓެކްނޮލޮޖީ ކުރިއަށް ގޮސްފައި އޮތް މިންވަރުން، ގޭގައި ތިބެގެން ވެސް އެތައް މަސައްކަތެއް ކުރެވެ އެވެ. އަދި ކިޔެވުމަށް ހުއްޓުމެއް ނައިސް، ކުރިއަށް ދެވޭނެ މަގު ވެސް، ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު އޮތީ ތަނަވަސްވެފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކޮވިޑް-19 ކަހަލަ ކުއްލި ހާލަތެއްގައި ކިޔަވައިދޭނެ ގޮތްތައް ބަލައި ކޯސްތައް ޑިޒައިންކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ވެސް ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދަން ޖެހޭނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖިގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ތައުލީމާއި ތަމްރީނުގެ ގޮތުން ބަދަލު ގެންނަން ދެ ގޮތަކަށް ވިސްނިދާނެ ކަމަށެވެ. ފުރަތަމަ ކަމަކީ އަމިއްލަ ހައިސިއްޔަތުން އަދި އޯގަނިޒޭޝަން ނުވަތަ އިންޑަސްޓްރީ ފެންވަރުގައި ކުރެވިދާނެ ކަންކަމެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑަސްޓްރީ ބައްޓަން ވާނީ އެ ދާއިރާގައި ތިބޭ މީހުން ބޭނުންވާ ގޮތަކަށް ކަމަށް ވާތީ ކޯސްތައް ވެސް އެ އުސޫލުން ބައްޓަން ކުރެވިދާނެ އެވެ.

އެމްއެންޔޫ އިން މިދިޔަ އަހަރު ބޭއްވި ދަސްވެނިވުމުގައި ބައިވެރިވި ބައެއް ދަރިވަރުން.---ފޮޓޯތައް: ރައީސް އޮފީސް

އަމިއްލަ ހައިސިއްޔަތުން، އަމިއްލަ މީހާ ކުރިއަށް ދާން ކުރެވިދާނެ ބައިވަރު ކަންކަން ހުރެ އެވެ. އޭގެ މިސާލެއްގެ ގޮތުން ޑރ. ނަޖީބު ދެއްކެވީ، ވަޒީފާގައި ކުރިއަށްދިއުމަށް އާ ހުނަރުތައް ދަސްކުރުމާއި މީހާގެ ކިބައިގައި މިހާރު ހުރި ހުނަރުތައް ދެނެގަނެވި އެކަން ތަރައްގީކުރުމެވެ.

"އޭރުން އިންޑިވިޖުއަލް މީހާގެ ޕާސްޕެކްޓިވް އިން އެ މީހާގެ އެމްޕްލޮއިބިލިޓީ ހައި ވާނެ. އެމްޕްލޮއިބިލިޓީ އެމީހާގެ އަމިއްލައަށް އިމްޕްރޫވް ކުރުން މުހިއްމު ވެއްޖެ. ކޮވިޑުގެ ހާލަތަށް ފަހު މާކެޓު ހުޅުވިގެން އިންޑަސްޓްރީތަކާއި ބިޒްނަސްތައް ހުޅުވިގެން ނޭނގޭ ކިހާ ވަގުތެއް ކަމެއް ނަގާނީ އަސްލު އައިޑިއަލް، ރަނގަޅު ޖޮބެއް ލިބޭނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޖީބް ވިދާޅުވީ ކޮވިޑް-19 އަށް ފަހު ވިޔަފާރިތައް އެ ފަށަނީ އާ ހާލަތެއްގައި ކަމަށެވެ. ވަޒީފާގެ ބާޒާރަށް ފުރުސަތު ހުޅުވޭ ގޮތް ވެސް ތަފާތު ވާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މަތީ ތައުލީމް ދޭ ތަންތަނުން ކޯސްތަކުގެ ކޮންޓެންޓަށް ވެސް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ފަންނީ ދާއިރާއަށް މީހުން ތަމްރީނުކުރާ ސަރުކާރުގެ އިދާރާ، ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވީ އެ ތަނުން ހިންގާ ކޯސްތައް ބޮޑަށް އަމާޒުކޮށްފައިވަނީ ދަސްކުރުމުގެ ބަޔަށް ކަމަށެވެ. ކޯހުގެ 70 ޕަސެންޓް ޕްރެކްޓިކަލް ހިމެނޭއިރު ތިއަރީ ކިޔަވައިދެނީ 30 ޕަސެންޓެވެ. އެކަމުގެ ސަބަބުން، މަސައްކަތުގެ މާހައުލަށް އަންނަ ބަދަލުތަކަށް ދަރިވަރުން ވަރަށް ބޮޑަށް ހޭނިގެންދާ ކަމަށް ވިދާޅުވި އެވެ.

"އެކަޑެމިކް ތަންތަން ހުންނަ ގޮތަށް ވުރެ ފްލެކްސިބްލްކޮށް މިތަނުގެ ކޯސްތައް ހުންނަނީ. ކޯހުގެ ބޮޑު ބައި ޕްރެކްޓިކަލް އިނީމަ މަސައްކަތް ކުރަން ބޮޑަށް ހަމަ ދަސްކޮށްދޭނީ. އެހެންވެ އިކޮނޮމީއަށް އަންނަ ކޮންމެ ޗޭންޖެއް، ސިސްޓަމް ތެރެއަށް ވަދެގެން އެބަ ދޭ،" ނާސިރު ވިދާޅުވި އެވެ.

ސައިރެކްސް ކޮލެޖް: ޝަރީފް ވިދާޅުވަނީ ކޯސްތަކުގައި ހިމެނޭ ބައިތަކަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް -- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެތަނުން ވެސް މިހާރު އަންނަނީ، ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަން ހާއްސަ ސަމާލުކަމެއްދީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ވެސް ވަކި ކޯސްތަކެއް ފާހަގަކޮށް ވަނީ ކިޔަވައިދޭން ވެސް ފަށައިފަ އެވެ.

ނާސިރު ވިދާޅުވި ގޮތުގައި ވަޒީފާ ލިބޭނީ އިގުތިސޯދު ކުރައަރައި ދާ ވަރަކަށެވެ. އެކަމަކު ވަޒީފާ ނުލިބިފައި ތިބި މީހުންނަށް އާމްދަނީ ލިބޭނެ އެހެން ގޮތްތައް ދަސްކޮށްދިނުމަކީ ވެސް މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ.

"އިންޖީނިއަރިންގެ ތިން މަހުގެ ކޯހުގެ ބަދަލުގައި އެއް މަހުގެ ކޯސް ފެށިދާނެ. އޭރުން ރަށުގައި އޮޑިދޯނީގައި މަސައްކަތް ކުރެވިދާނެ. ގިނަ މީހުންނަށް ނުތިބޭނެ އެގޮތަށް ގިނަ ދުވަހު ކިޔަވާކަށް،" ނާސިރު ވިދާޅުވި އެވެ.

ކޮވިޑް-19 އަކީ ފިލާވަޅެކެވެ. އެ ފިލާވަޅު ތައުލީމީ ދާއިރާގެ ކޮންމެ ބަޔަކަށް ވެސް ލިބޭނެ އެވެ. އެހެންކަމުން މަތީ ތައުލީމު މިހާރު ދެމުން އަންނަ ގޮތާއި ކިޔަވައިދޭ ބައިތަކަށް ވެސް، ކުރިއަށް އޮތް ތަނުގައި ބަދަލުތަކެއް އައުން ކައިރި އެވެ.