އިބްރާހީމްފުޅު މިއުޒިއަމް: ކުޑަރިކިލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލު ތަނެއް. - ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މާޗް 2025 - 09:22
ބ. ކުޑަރިކިލުގެ ތާރީހީ ހުކުރު މިސްކިތުން އަހަރެމެންނަށް ލިބުނީ މާޔޫސްކަމެވެ. ދިވެހީންގެ އިމާރާތްކުރުމުގެ ހުނަރު ދައްކުވައިދޭ އެ ގަދީމީ ބިނާ ހުރީ ވީރާނާވާން ދޫކޮށްލައިފަ އެވެ. ހިތަށް އެރި އެވެ. މި އަތޮޅުގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ދިވެހި ތާރީހާއި މަސައްކަތްތެރިކަން ދައްކުވައިދޭން މި މިސްކިތް މިއީ ކިހާ ރަނގަޅު ތަނަކަށް ވީސް ހެއްޔެވެ؟
އެ ވާހަކައިގައި ތިބެ އަހަރެމެން ދެން މިސްރާބު ޖެހީ މި ރަށު އަރުތަ ކިޔާ ގެޔާ ދިމާލަށެވެ. އެ ގޭގައި އިހުގެ އެއްޗެހި ރައްކާކޮށްފައި ހުންނަ ވާހަކައެއް އަޑުއިވިފައި އޮތުމުންނެވެ. މުޅި އެ ގެ ހާއްސަކޮށްފައި ވަނީ ތާރީހީ ތަކެތި އާސާރުކުރާ ތަނެއްގެ ގޮތުގައޭ ކިޔާތީ އަހަމެވެ.
ކޮންމެ އަކަސް އެ ގޭގެ ކައިރިއަށް ގޮސް، ގެ ބަލަހައްޓާ މީހާ، އިބްރާހީމް ލުތުފީގެ ނަމްބަރު ހޯދައިގެން ގުޅާލީމެވެ. އަހަރެމެން ހީކޮށްގެން ތިބީ ހުކުރު ދުވަހުގެ މެންދުރުކުރި ކަމުން، އޭނާގެ ޚަބަރެއް ނުވާނެ ކަމަށެވެ. އެކަމަކު ގުޅާލިތަނުން ފޯނު ނަގާފައި، އެބަ ޖައްސާލަމޭ ބުންޏެވެ. ދިހަ ވަރަކަށް މިނިޓު ފަހުން އޭނާ އައިސް ދޮރު ހުޅުވައިދިނެވެ.
"މިތަނަށް ކޮންމެ އިރަކު ވެސް ވަދެވޭ ހެއްޔެވެ؟" އަހާލީމެވެ.
"އާނ.. ނަމާދު ގަޑި ނޫން ކޮންމެ ވަގުތަކު ގުޅާލިޔަސް ހުޅުވައިދޭނަން."
އޭނާ ފަހަރަކު ބޮތްކެއް ދިއްލަމުން ތަން އަލިކުރަމުން ދިޔަ އެވެ. އޭރު އަވީގައި ތިބެފައި ކުއްލިއަކަށް ވަނުމުން އަހަރެމެންގެ ލޮލަށް ވެރިވި އަނދިރިކަން ވެސް ދިޔައީ ފިލަމުންނެވެ.
އަސްތާ.. މިއީ ހަމަ ފައްކާ ދާރުލްއާސާރެއް ނުން!" އަހަރެމެންގެ ގްރޫޕުގެ ބައިވެރިއަކު ބުންޏެވެ.
އެއީ ތެދެކެވެ. އެކި ޒަމާންތަކުގެ އާސާރުތަކެވެ. އެކި ދާއިރާތަކުގެ ހަނދާންތަކެވެ. އެކި މީސްމީހުންގެ ކޮށާރުތަކެވެ. ޖާގައިގެ ގޮތުން ކުޑަ ނަމަވެސް، ތަކެތީގެ ގޮތުން ވަރަށް މުއްސަންޖެވެ. މި ތަނުގެ ތެރެއިން ފެންނަނީ ދިވެހި ތާރީހުގެ އެކިއެކި ސަފުހާތަކެވެ. އެންމެ އިހު ޒަމާނުން ފެށިގެން، މެދު ޒަމާނާއި މި ޒަމާނުގެ އާސާރުތަކެވެ.
މިއީ ކުޑަރިކިލު އިބްރާހީމްފުޅު މިއުޒިއަމެވެ. މުޅި މާޅޮސްމަޑުލަށް މަޝްހޫރު މުދައްރިސް ކުޑަރިކިލު އަރުތަ، އިބްރާހީމްފުޅު އަބޫބަކުރު އޭނާގެ އަމިއްލަ ގޭގައި، އަމިއްލަ މަސައްކަތުން ބިނާކުރި ދާރުލްއާސާރެކެވެ. ބެލެވޭ ގޮތުގައި މިއީ ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް ދާރުލްއާސާރެވެ.
އިބްރާހީމް އަބޫބަކުރުފުޅު (ވ): އޭނާ އަކީ އިހުގެ ފަންނުތައް ދިރުވައި އާލާކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ބޭފުޅެއް.
މިތަނަކީ، އިބްރާހީމްފުޅު 1980ގެ އަހަރުތަކުގައި ސޯޝަލް ސްޓަޑީޒް މާއްދާ ކިޔަވައި ދިންއިރު، ދަރިވަރުންނަށް ބައެއް ކަންކަން ތަޖުރިބާކޮށްދޭށާއި ބައެއް ތަކެތި ދެއްކުމަށް ބޭނުންވެ، އޭރު ކުރި އުއްމީދެއް ހަގީގަތަކަށް ވުމެވެ. ތަފާތު ދަތިތަކާއި ހުރަސްތަކާ އެކު އޭނާ އަށް މިތަނުގެ ބިންގާ އެޅުނީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން މަޑުމަޑުން އެކި ތަންތަނުން އެއްޗެހި ހޯދައި ޖަމާކޮށް ދާރުލްއާސާރެއްގެ ކުލަޖައްސަން ފެށި އެވެ.
ސަގާފީ އެތައް މަސައްކަތެއް ވެސް ދަންނަ އިބްރާހީމްފުޅުގެ ހުނަރުވެރިކަން މިތަނުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި އިސްކަންދަރު ފޮންޓުގެ އަތުލިޔުމުން ލިޔަން ފަށާފައިވާ ހަތިމް ލޮލުގައި އަޅައިގަތެވެ. އޭގެ އިތުރުން ދިވެހި މަސައްކަތްތެރިކަން ދައްކުވައިދޭ، އެކި ގެތުންތައް ހިމެނޭ ފައްޓަރުބަޔާއި އުޅާބައިތައް ވެސް މިތަނުން ހުއްޓެވެ.
މިތަނުގައި ދިވެހީން އިހުގައި ބޭނުންކުރި ވަރަށް ގިނަ އާލާތްތަކާއި ތަކެތި ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ފޭލިވިޔާ މެޝިނާއި ގަސްކަވަރު މަށާ ރޮންދާ އާއި މަހަށް ދާއިރު ކާއެއްޗެހި އަޅާ ގޮނާއި އަޅިނަގާ އުނދުޅި އާއި ފާނޫޒު ފާހަގަކުރެވެ އެވެ. އިހުގައި ގެންގުޅުނު ބަންގާޅު ފޮށްޓާއި ކުޑަކުދިންނަށް ކިރުދޭން ބޭނުންކުރި ބުއްފުޅި އާއި ޗައިނާ ނުވަތަ ސީނުކަރައިން އޭރު ގެނެސްފައި ހުރި ސީނުތަށި މިތަނުގައި ދައްކާލަން ބަހައްޓާފައި ހުއްޓެވެ. މީގެ އިތުރުން މަޝްހޫރު އުތުރު ގަޑުބަޑުގެ ލީޑަރު ކުޅުދުއްފުށީ ބޮޑު މުހައްމަދުގެ ފޮޓޯ ޖެހި ކާތަށި ފާހަގަކުރެވެ އެވެ.
ރާއްޖޭގެ މަޝްހޫރު ޝަހުސިއްޔަތުންގެ ކޮށާރުތަކުގެ ތެރެއިން އެންމެ ހާއްސަވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރުގެ ކޮށާރެވެ. އެ ތަނުގައި، އެ މަނިކުފާނު ރައީސް އޮފީހުގައި ބޭނުންފުޅު ކުރެއްވި އޮފީސްގޮނޑިކޮޅު ހުއްޓެވެ. ނާސިރު ވެލާނާގޭގައި ލަވަ އަޑުއައްސަވަން ބޭނުންފުޅު ކުރެއްވި ގްރެމަފޯން ވެސް ރައްކާތެރިކަމާ އެކު، އިބްރާހީމްފުޅުގެ ދާރުލްއާސާރުގައި ބަހައްޓާފައި ހުއްޓެވެ.
"މިއީ ނީލަމުން ނެގި ތަކެތި،" ތަފްސީލް ދިނީ، އަހަރެމެންނަށް އެކި އެއްޗިސް ތައާރަފު ކޮށްދެމުން ދިޔަ ލުތުފީ އެވެ.
ނާސިރުގެ ދައުރުން ފެށިގެން ދައުލަތަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، މަރްހޫމް ސައިކުރާ އިބްރާހީމް ނައީމްގެ އަމިއްލަ ވަރަށް ގިނަ ތަކެތި ވެސް މިތަނުގައި ހުއްޓެވެ. ކުޅަދާނަ ޝާއިރު، އަދި ހުނަރުވެރި ވާހަކަލިޔުންތެރިޔާ ނައީމްގެ ގަލަންތަކާއި ނަމްބަރު އައިނާއި ބޫޓާއި ބައެއް ގަމީސް ވެސް އޭނާގެ ކޮށާރުގައި ހުއްޓެވެ.
ދިވެހި ތާރީހު ދިރާސާކުރެއްވި މަރްހޫމް މުހައްމަދު އިބްރާހީމް ލުތުފީގެ ބައެއް އަމިއްލަ ތަކެތި ވެސް ހުއްޓެވެ. އޭގެ ތެރޭގައި އޭނާގެ އަތުކުރީ ގަޑި އާއި ތަސްބީހަ އަދި ތުނބުޅި ބާލަން ބޭނުންކުރެއްވި އިހުގެ ކަރަންޓު ރޭޒަރު ހިމެނެ އެވެ. އެތަކެތި ހަދިޔާކުރެއްވީ ލުތުފީގެ އަނބިކަނބަލުންނެވެ.
މިތަނުގައި ހުރި ވަރަށް ގިނަ އެއްޗިއްސަކީ އިބްރާހީމްފުޅުގެ މި މަސައްކަތް ބަލައިގަނެ އެކި މީސްމީހުން ހަދިޔާކުރި އެއްޗިއްސެވެ. އޭގެ އިތުރުން އިބްރާހީމްފުޅު ރާއްޖޭގެ އެކި ހިސާބުން ހޯއްދަވައިގެން ގެނައި ވަރަށް ގިނަ އެއްޗިސް ވެސް ހިމެނެ އެވެ.
އިބްރާހީމް އަބޫބަކުރުފުޅުގެ ދާރުލްއާސާރު ބަލަހައްޓާ ލުތުފީ: އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް މެހެމާންދާރީއަދާކުރަނީ އޭނާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ތެރޭގައި ފަހުން އޭގެ އަގު އަރާނެ ބައެއް އެއްޗެހ ހިމެނެ އެވެ. އެންމެ ފާހަގަކުރެވުނީ ރާއްޖެ އަށް ފުޓްބޯޅައިން އަލަތު ރަން މެޑަލް ލިބުނުއިރުގެ މުހިއްމު ހަނދާނެކެވެ. ރާއްޖެ އާއި ސްރީ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ލަންކާ 1-0 އިން ބަލިކޮށް ރާއްޖެ ފައިނަލަށް ދިޔައިރު، އިބްރާހީމް ފަޒީލް (އޮއްޕޮ) ލައިގެން ހުރި ޖާޒީ އެވެ.
ޓެކްނޮލޮޖީއާ ގުޅޭ މުހިއްމު ތާރީހީ ތަކެތި ވެސް މިތަނުން ފެނުނެވެ. އޭގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރި ތާނަ ޓައިޕްރައިޓަރު ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރި ޒާތުގެ ފޮޓޯ ކެމެރާއެއް ވެސް އޮތެވެ. އެއީ މީގެ ގަރުނެއްހާ ދުވަސް ކުރިން ދުނިޔެ އަށް މަޝްހޫރުވި ރޮލެކޯޑް މަރުކާގެ ކެމެރާއެކެވެ.
މިތަނުގައި މި ރަށަށް ހާއްސަ ބައެއް އާސާރު ވެސް ހުއްޓެވެ. އޭގެ ތެރޭގައި މި ރަށުގައި މީހުން އެއްކުރަން އެންމެ ފަހަށް ބޭނުންކުރި ސަންގު ހިމެނެ އެވެ. އެފަދަ ކޮންމެ އެއްޗަކީ ވެސް މިއަދު ރަނެވެ. އެ ތަކެއްޗަކީ، މިތަން ހެދުމުގެ ބޭނުމަކަށްވި އެއް ސަބަބު ކަމަށްވާ، ދަރިވަރުންނަށް އިހުގެ ދިރިއުޅުން ތަޖުރިބާކޮށްލަން ނުލާހިކު އަގު ހުރި އެއްޗިއްސެވެ. އެކަމަކު މިއަދު މިތަނުން މުހިއްމު އެހެން ބޭނުމެއް އަންނަނީ ފުދެމުންނެވެ. އެއީ ޓޫރިސްޓުންނަށް ރާއްޖޭގެ ތާރީހު ދައްކައިދެވުމެވެ.
"އެންމެ ގިނައިން އަންނަނީ ބޭރު މީހުން،" ލުތުފީ ބުންޏެވެ.
"އެ އެންމެން ވެސް ތިބެނީ ވަރަށް ހިތްހަމަޖެހިފައި މިތަނުން ނުކުންނައިރު."
ހިތަށް އެރި އެވެ. ދިވެހި ތާރީހަށް އަމިއްލަ މީހަކު މި ކޮށްދެނީ ހާދަ އަގުހުރި ހިދުމަތެއްތާ އެވެ. މީގެ ބައިކުޅަބައިގެ ނަމަވެސް ހިދުމަތެއް އެހެރަ އާސާރީ މިސްކިތަށް ދައުލަތުން ކޮށްދޭ ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންގްލިސް
15 March 2025
އިނގިރޭސި ހަރުބަހެއް އިންނާނެ: 1 ޕިކްޗާ އިސް ވޯތު 5000 ވޯޑުސް. މިޔަކަހަލަ މަޒްމޫނެއްގަ ފޮޓޯ ނެތީމާ ވަރަށް ފަޅު.
ސަމޭދާން
14 March 2025
"ވަރަށް ގިނަ އެއްޗިސް." "އެއްޗެސް" މީ މިއަދު ޅަޖީލު "އެއްޗެހި" އަށް ބޭނުންކުރާ ލަފުޒެއްނަމަވެސް މީ މުޅިން ނުބައިގޮތެއް. ނޫހެއްގާ ފެނިގެންވާނެގޮތެއްނޫން.
މީހުން މެން
14 March 2025
އެތެރޭ ގެ ފޮޓޮ އެއް ނެތް ދޯ ، ހުސް ވާހަކަ ދޯ އޮތީ
ފުރިހަމަ
14 March 2025
އާޓިކަލް ފުރިހަމަ ވީސް..
ސަސި.
14 March 2025
އިބްރާހީމް އަބޫބަކުރުފުޅަކީ އަޅުގަނޑުގެ މުދައްރިސެއް. ސީދާ އެބޭފުޅާއިއެކު ތިތަން ބަލާލުމުގެ ފުރުސަތު ލިބުނު ތިތަނަށް ދިޔަ ދުވަހުވެސް ބުނީ އެތެރޭގަ ފޮޓޯ ނުނެގޭނެކަމަށް.
ޙުސެން ހުސެން
14 March 2025
ދެރައީ ތިޔަތަނުގެ އެތެރޭގެ ފޮޓޯގަނޑެއްވެސް ނޫހުގައި ޖަހާފައި ނެތީމަ. އާޓިކަލް އިތުރަށް ފުރިހަމަވީސއ ފޮޓޯ އެއް ލީ ނަމަ. މިސާލަކަށް މިހާރުގެ ކުދިންނަށް ސަންގު އެއީ ކޯއްޗެއްކަމެއް ނޭނގިދާނެ. އެކަމަކު ފޮޓޯއެއް އިން ނަމަ އިނގޭނެ.
އަލީ ފަހީމް
14 March 2025
އެތަނުގެ އެތެރޭގެ ފޮޓޯ ނެގުން މަނާ.
ނައިބު ކަލޭފާނު
14 March 2025
ޖައްސާލަން އެބަ ޖެހޭ ތިތަން ބަލާލަން،
ތެދު
14 March 2025
އެމްޑީޕީ ދެވަނަ ސަރުކާރުގައި މިސްކިތު މަތިވަޑާންގަނޑު އަދި ފުރާޅު ހައްދަވައިދެއްވި. މި ތާރީޚީ މިސްކިތުގެ އާކިޓެކްޗަރ އަކީ ދުނިޔެއިން ވެސް ނުފެންނަ ފަދަ އެ ޒަމާނުގެ ވިސްނުމަށް އިންގާބެއް ގެނެސްފައިވާނެ ޑިޒައިނެއް. ވަގުތު ކަށި ހަދާފައިވާ ޓެކްނޮލޮޖީ އަކީ އާދަޔާ ޚިލާފު އުފެއްދުމެއް. އާކިޓެކްޓް ނައިބު ކަލޭފާނުގެ ހުނަރުވެރި އުފެއްދުމެއް.