މީހުން / ރަމަޟާން 2025 މީހުން

ބުރޫނާ އަށް ފުރަތަމަ ނަޒަރުން ރާއްޖެ ދެކެ ވެވުނު ލޯބި ދޫކޮށް ނުދެވުނު!

15 މާޗް 2025 - 08:46

15 comments

އިޓަލީގައި ހުރެ ވަޒީފާއެއް ހޯދިއިރު ބުރޫނާ ޝަކޫލާ، ރާއްޖޭގައި ދިރިއުޅެން ޖެހިދާނެ ކަމަކަށް ހިތަކަށް ނާރަ އެވެ. ޓުއަ ގައިޑަކަށް ރާއްޖެ ދާން އޭނާ އަށް ހުށަހެޅީ ޓްރެވެލް އޭޖެންސީންނެވެ. ހަ މަހުގެ ކޮންޓްރެކްޓެއްގައި އަންނަން އެއްބަސްވި އިރު އިންޑިއާ ކަނޑުގައި އޮންނަ މި ގައުމު އެހާ ބޮޑަކަށް ނޭނގެ އެވެ.

އިންޓަނެޓްގެ ދުވަސްވަރަށް ނުވާތީ އޭނާ އަށް ބަލާލަން ލިބުނީ ފޮޓޯތަކެކެވެ. އޭގެ ތެރޭގައި އޭނާ ވަޒީފާ އަދާކުރަން ހަމަޖެހިފައި އޮތް އދ. މާފުށިވަރު ރިސޯޓް ހިމެނެ އެވެ. އެ ފުރުސަތު 1998 ގައި ބުރޫނާ އަށް ލިބުނީ މި ރިސޯޓަށް އޭރު ގިނައިން އިޓަލީގެ ޓޫރިސްޓުން އަންނާތީ އެވެ.

"ފްލައިޓުގައި އައި އިރު މަތިން ރާއްޖެ [ފުރަތަމަ] ފެނުމުން ލިބުނީ ވަރަށް ބޮޑު ސަޕްރައިޒެއް. ރަށްތައް ވަރަށް ރީތި. ކަނޑު މެދުގައި ރަށްތައް ވަކިވަކިން މިކަހަލަ މަންޒަރެއް އޭރު ދުވަހަކު ވެސް ނުފެނޭ. ފުރަތަމަ ވެސް ވަރަށް ލޯބިވި."

ބުރޫނާ، ފިރިމީހާ އިބްރާހިމާ އެކު ކެފޭގައި. -- ފޮޓޯ: މުހައްމަދު އައުސަފް | މިހާރު

އެއީ އިޓަލީން ފެނުނު ކަމެއް ނޫން. އިޓަލީގައި މީހުން އުޅޭނީ ވަކިން. އެ މީހަކު ފިޓްވަންޏާ ވާންވީ. -- ބުރޫނާ

އިޓަލީ އަށް އެނބުރި ދާ ގޮތަށް އައި ބުރޫނާ ސިފަކުރާ ގޮތުގައި ރާއްޖެ ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުންނެވެ. އެ ލޯބި އިތުރަށް ވަރުގަދަވެ، މި ގައުމު އޭނާ އަށް ހާއްސަވީ މާފުށިވަރުން ފިރިމީހާ އިބްރާހިމް ހަސަނާ ދިމާވި ހިސާބުންނެވެ. ރިސޯޓުން ދިމާވެ ދެ މީހުން 2001 ގައި ކައިވެނި ކޮށްފި އެވެ. އޭނާ މި ގައުމުގައި މަޑުކުރުވީ އިބްރާހިމް އޭނާގެ ހިތް އަތުލި ފަހުން ވެލިދޫގައި ތަޖުރިބާ ކުރެވުނު ދިވެހިންގެ ގުޅުމާއި ހިތްހެޔޮކަމާއި އަމާން މާހައުލެވެ.

"ކައިވެންޏަށް މިހާރު 24 އަހަރު, ދޯ އިބްރާހީމް," ވެލިދޫގައި ދެ މީހުން ހިންގާ ކެފޭގައި ތިބެ އޭނާގެ ވާހަކައިގައި އިބްރާހީމް ބައިވެރިކުރަމުން ބުންޏެވެ.

ވެލިދޫން "އިޓަލީގެ ރަހަތައް" ދައްކަން ހުޅުވި އެ ކެފޭ މުޅި އަތޮޅަށް މަޝްހޫރެވެ. ބުރޫނާ ވެލިދޫގައި ދިރިއުޅެމުން އަންނަކަން ނ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރި "މިހާރު" ގެ ޓީމަށް އެނގުނީ މި އަތޮޅު މަނަދޫންނެވެ.

"ހިތްހެޔޮ ބުރޫނާ ތަފާތު"

ނޫހުގައި "އަހަރެންގެ ފޮޓޯ/ވީޑިއޯ ނުޖަހައްޗޭ" ބުނެ އިބްރާހިމް ކުޑަކޮށް ފަސްޖެހި ވާހަކަ މަދުވެފައި އިންދައި ހިނިތުންވެފައި ހުރެ ކެފޭ އަށް ވަން ބުރޫނާ އުޅުނީ ވަރަށް ރަހުމަތްތެރިކޮށެވެ. މި އިންޓަވިއުއަކީ އޭނާއާ ދިމާވި ފުރަތަމަ ފަހަރު ހެން ހިއެއް ނުވެ އެވެ. ރާއްޖޭގައި އޭނާގެ ދިރިއުޅުން ކިޔައިދިނީ ވަރަށް އުފާވެފައި އިނދެ އެވެ.

ވަރަށް ގިނަ އަހަރަށް ފަހު ދިޔައީމަ އިޓަލީގެ ރީތިކަން ފެނުނު. އެކަމަކު އެއީ އަހަރެންނަށް ދިރިއުޅުމެއް ނޫން. ދިރިއުޅެން ފަސޭހައީ ރާއްޖޭގައި. ވިހި ދުވަސްކޮށްފައި ރާއްޖެ އައިސް މާލެ މަތިން ފްލައިޓް ލޭންޑްކުރަން ކައިރިވީމަ އަހަރެންނަށް އިހްސާސްވީ ގެއަށް ދެވެނީއޭ

ބުރޫނާ އަށް އެއްވެސް ކަމަކަށް އަމުރުކޮށް, މަނާކޮށްފައި ނޯންނާނެ ކަމަށް ބުނެ އިބްރާހީމް 60, ގެ ވާހަކަ ފެށީ ދެ މީހުން ދިމާވި ހިސާބުންނެވެ. އޭނާ އުޅުނީ މާފުށިވަރުގައި ޕޭސްޓްރީ ޝެފަކަށެވެ.

އޭނާއަށް ފެނުނީ ވަޒީފާގައި އުޅޭ އެހެން މީހުންނާ ބުރޫނާ ތަފާތުވެފައި ރަނގަޅު ސިފަތަކެވެ. ކުޑައިރުން ފެށިގެން މާލޭގައި ވަރަށް ބުރަކޮށް، މީހުންނަށް މަސައްކަތް ކޮށްދީގެން އުޅުމަށް ފަހު, ކުރި ކައިވެނި ވެސް ރޫޅި އިބްރާހިމް އޭރު ހުރީ ހުސްކޮށެވެ. ދެ މީހުންގެ ރަހުމަތްތެރިކަން އުފެދި ވާހަކަ ދައްކަން ފެށިތަނާ ކޮންޓްރެކްޓް ހަމަވެ ބުރޫނާ އިޓަލީ އަށް ފުރަން ޖެހިއްޖެ އެވެ.

ބުރޫނާ "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: މުހައްމަދު އައުސަފް | މިހާރު

ޓޫރިސްޓް ވިސާގައި ފަހުން ޗުއްޓީ އަށް ބުރޫނާ އައީ އިބްރާހީމަށްޓަކަ އެވެ. އިސްލާމްވެ, ކައިވެނިކޮށް އެކުގައި ދިރިއުޅެން ނިންމީ އެ ދަތުރުގަ އެވެ.

"ރާއްޖެއަށް ހޭނުން ވީ ފަސޭހަކަމަކަށް"

ބުރޫނާ ވެލިދު އަށް 2001 ގައި އައިސް މި ރަށުގައި ފުރަތަމަ ހޭދަކުރީ 15 ދުވަހެވެ. އޭރު އިބްރާހީމްގެ ގެއެއް ވެސް ނުހުރެ އެވެ.

ފިނި ފެން ބޯން ބޭނުން ވިޔަސް ގޭގައި އައިސް އަލަމާރިއެއް ނުހުރެ އެވެ. މުޅި ރަށުގައި ހުރީ އެންމެ ޑީޕް ފްރީޒަރެކެވެ. އިޓަލީގެ ކެއުންތައް ހަދަން ބޭނުންކުރާ ގަނޑުކުރި ތަރުކާރީ ކަހަލަ ބާވާތްތަކެއް ވެސް ނުލިބެ އެވެ.

"އިޓަލީގައި އަހަރެމެން ގޭގައި އޭރު ވެސް ހުރޭ ދޮންނަމެޝިނާއި ފްރިޖާއި ހުރިހާ ފެސިލިޓީސްއެއް. މިކޮޅުގައި ކާއެއްޗެހި ވެސް ތަފާތު. މިކަންކަން އޭރު ދެން ޗެލެންޖަކަށް ވި," ބުރޫނާ ބުންޏެވެ.

ޗުއްޓީއަށް ފަހު އިޓަލީއަށް ފުރިއިރު ދެ މީހުންގެ ނިންމުމަކީ މި ރަށުގައި އިބްރާހީމަށް ލިބިފައި އޮތް ގޯތީގައި ގެއެއް އެޅުމެވެ. އެ ގެ 2003 ގައި ނިންމައި ދިރިއުޅުން އެއްކޮށް ވެލިދު އަށް ބަދަލުކުރީ 2005 ގަ އެވެ. އާމްދަނީ ހޯދަން އިބްރާހީމާ ދެ މީހުން މިކޮޅުގައި ފެށީ ފިހާރައެކެވެ.

ބުރޫނާ އަށް އޭރު އެންމެ އުނދަގޫވީ މީހުންނާ ވާހަކަ ދެއްކުމެވެ. އިނގިރޭސި އެނގޭ މީހުން މަދުވުމުން ކިތަންމެ ބޭނުންވިޔަސް އެއްވެސް މީހަކާ ހިތްފުރެންދެން ވާހަކައެއް ނުދެއްކެ އެވެ.

"ސްކޫލް ކުދިން ތިބޭނީ އިނގިރޭސިން ވާހަކަ ދައްކާ. ދެން 30 އަހަރުގެ އަންހެނަކާ ސްކޫލް ކުދިންނާ ދައްކާނެ އެހާ ވާހަކައެއް ނުހުންނާނެތާ އޭރު. އެހެންވެ ވަރަށް މުހިއްމުވި އަހަރެންނަށް ދިވެހި ދަސްކުރަން," ފަރިތަކޮށް ދިވެހިން ވާހަކަ ދައްކަމުން ހިނިގަނޑެއް ޖަހާލަމުން ބުރޫނާ ބުންޏެވެ.

ބުރޫނާ ކެފޭގައި ފިރިމީހާއާ އެކު. -- ފޮޓޯ: މުހައްމަދު އައުސަފް | މިހާރު

ދިވެހި ބަސް ދަސްކުރީ ފިހާރަ އަށް ތާނައިން ލިޔެފައި މާލެ އިން ފޮނުވާ ބިލްތައް މީހަކު ލައްވައި އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެންނެވެ.

އޭނާ ބުނި ގޮތުގައި އެއް ދުވަހަށް ވުރެ އަނެއް ދުވަހު ދިޔައީ މާބޮޑަށް މި މާހައުލަށް ހޭނެމުންނެވެ. މި ރަށު މީހުންގެ ހެޔޮކަން އޭނާ އަށް އިހުސާސް ވާން ފެށީ ދިވެހި ބަސް ދަސްކުރަން ފަށައި ދިމާވާ އެންމެންނާ ވެސް ވާހަކަ ދެއްކެވެން ފެށުމުންނެވެ.

ހަނދާންތައް އާ ކުރަމުން ބުރޫނާ ކިޔައިދިން ގޮތުގައި މިހާރަށް ވުރެ މާބޮޑަށް އޭރު ގުޅުންތައް ވަރުގަދަ އެވެ. އެކަކު އަނެކަކުގެ ހާލު ބަލައި އޭނާ އަށް ފެނުނީ އެންމެން ވެސް އެއް އާއިލާއެއްގެ ގޮތުގައި އުޅުނު ތަނެވެ.

"ކެއްކިންތޯ, ކައިފިންތޯ. ގޭގައި މަދުވަނީ ކޯނޗެއްތޯ, ބޭނުން ވަނީ ކޯނޗެއްތޯ އަހާނެ. އެއްޗެއް ކައްކައިފިއްޔާ ވެސް ގެނެސްދޭނެ. ގެއަށް އަންނާނެ. ވަރަށް އެހީތެރިވާނެ. މިހާރު ވެސް މި ރަށު މީހުން ވަރަށް ހެޔޮ،" ބުރޫނާ ބުންޏެވެ.

ގެއިން ނުކުމެލާ ވަގުތު އަބަދުވެސް ކޮންމެވެސް މީހަކާ ދިމާވެ ވާހަކަ ދެއްކެވި ކަންކަން ހިއްސާ ކުރެވުމަކީ ވެސް ބުރޫނާ އަށް ރާއްޖެ ވަރަށް ކަމުދިޔަ ކަމެކެވެ.

"އެއީ އިޓަލީން ފެނުނު ކަމެއް ނޫން. އިޓަލީގައި މީހުން އުޅޭނީ ވަކިން. އެ މީހަކު ފިޓްވަންޏާ ވާންވީ."

ރާއްޖޭގެ މާހައުލު ދަސްވުމުން ބޫރޫނާ ހިތުގެ އަޑިން ގަބޫލުކުރީ އޭނާ އަކީ ދިވެއްސެއް ކަމަށެވެ. އިޓަލީގެ ވައްޓަފާޅިއާ މުޅިން ދުރުވެ އޭނާ ހޭނުނީ ދިވެހި ވަންތަ ދިރިއުޅުމަށެވެ.

އިޓަލީ އަށް އުފަންވިޔަސް އޭނާ ލޯބިވަނީ ރާއްޖެ ދެކެ އެވެ. ރައްޔިތުކަން ވެސް ބޭނުންވެ އެވެ. އެކަން އަދި ހަމަނުޖެހި ވަނީ ގާނޫނީ ހުރަސްތަކާ ހެދި އެވެ. އިޓަލީގެ ރައްޔިތުކަން ދޫކޮށްލާފައި ދިވެހި ރައްޔިތަކަށް ވާން ވެސް އޭނާ ހުރީ ތައްޔާރަށެވެ.

ބުރޫނާ އާއި އިބްރާހިމް ހިންގާ ކެފޭ

ބުރޫނާ ބުނި ގޮތުގައި ރާއްޖޭގައި އޭނާގެ ތަޖުރިބާ ކިޔައިދިނުމުން މި ގައުމަށް ބަދަލުވާން ބޭނުންވާ އޭނާގެ ގިނަ ރައްޓެހިން އެބަތިއްބެވެ. ރިސޯޓްތަކަށް އަންނަ މީހުން އޭނާގެ ގާތަށް ވެލިދު އަށް ޒިޔާރަތްކުރެ އެވެ. އެ މީހުން ދައްކަނީ ރާއްޖޭގެ މޫދާއި ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ހިމޭންކަމުން ލިބޭ ހިތްހަމަޖެހުން ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭ ވާހަކަ އެވެ.

ރާއްޖޭގައި ފުރުސަތު އޮތް ނަމަ ވަޒީފާ އިން ރިޓަޔާވުމުން ރާއްޖޭގައި ވަޒަންވެރިވާން ބޭނުންވާ މީހުން ވެސް ތިބި ކަމަށް އޭނާ ބުންޏެވެ.

"ފުރުސަތު އޮތް ނަމަ މި ހިތްގައިމު މާހައުލުގައި އުޅެން ބޭނުންވާ ވާހަކަ ބުނޭ."

އިޓަލީ އަށް ދިރިއުޅެން ނުދަނީ ކީއްވެތޯ ވަރަށް ގިނަ މީހުން ބުރޫނާއާ ސުވާލު ކުރެ އެވެ.

"އަހަރެން ނުވިސްނަން އެހެން ތަނެއްގައި ދިރިއުޅެން. ބޭނުމެއް ނޫން, މާލެ އަށް ބަދަލުވާން ވެސް ބޭނުމެއް ނޫން. މި ރަށުގެ ބައިވަރު މީހުން މާލެ އާއި ހުޅުމާލެ ބަދަލުވެއްޖެ. ނޯ. މިކޮޅުގައި ހަމަ އުޅޭނީ."

ވެލިދު އަށް ދިރިއުޅުން ބަދަލުކުރި ފަހު ބުރޫނާ އިޓަލީއަށް ދިޔައީ ދެ ފަހަރެވެ. ފުރަތަމަ ދިޔައީ ރާއްޖެ އައިތާ 12 އަހަރު ފަހުންނެވެ. އެއްބަނޑު އެއްބަފާ މީހުން އެ ގައުމުގައި ތިއްބަސް ބުރޫނާ އަށް އިހުސާސްވީ އޭނާއަކީ އެ ގައުމަށް ޒިޔާރަތްކުރި ޓޫރިސްޓެއްގެ ގޮތުގަ އެވެ.

"ވަރަށް ގިނަ އަހަރު ވަންދެން ނުގޮސް ހުރެފައި ދިޔައީމާ އިޓަލީގެ ރީތިކަން ފެނުނު. އެކަމަކު އެއީ އަހަރެންނަށް ދިރިއުޅުމެއް ނޫން. ދިރިއުޅެން ފަސޭހައީ ރާއްޖޭގައި. ވިހި ދުވަސްކޮށްފައި ރާއްޖެ އައިސް މާލެ މަތިން ފްލައިޓް ލޭންޑް ކުރަން ކައިރިވީމާ އަހަރެންނަށް އިހުސާސްވީ ގެއަށް ދެވެނީއޭ," ބުރޫނާ ބުންޏެވެ.

"މިއީ [ރާއްޖެ ބަދަލުވެވުމަކީ] ވަރަށް އުފާވެރި ނިންމުމެއް."

15 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 87%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުހާމު

16 March 2025

ހަބޭހަށް އިންސްޕައަރިން ސްޓޯރީއެއް. ވެލިދޫ މީހުން ޖަރުމަން ނަސީރެކޯ ކިޔާ މީހެއް ދެއްކީ ނޫސްވެރިންނާ މިކަހަލަ ސަޅި ސްޓޯރީ ހުއްޓާ. އެގޮލާ ރަށު މީހުންނާ އަތޮޅު މީހުންވެސް ކުރީ ބަދުނާމު.

The name is already taken The name is available. Register?

ދެރަ

16 March 2025

އެމީހަކާ ދިމާވި ކަމެއް ނުންތޯ އެމީހަކު ކިޔާނީ

The name is already taken The name is available. Register?

ވާންޗޮ

18 March 2025

ދެރަ، ރަށް ބަދުނާމު ކުރާކަށް ނުޖެހޭ ދޮ

The name is already taken The name is available. Register?

ބުރޫނާއަށް ވެދުން

16 March 2025

ސަޅި އިގޭ މަންޖޭ. ވެލިދޫގެ ރަނގަޅުކަން އެގިއްޖެ. ކުރިން ކޮންމެސް ޖަރުމަނު ނަސީރެއް ލައްކަ ކަޑަކޮށް ވެލިދޫ އާ ބެހޭގޮތުން ވާހަކަ ދައްކާހަ އޮތީ

The name is already taken The name is available. Register?

އިޓަލީ

16 March 2025

ކުރިން މި ނޫހުން ގެނެސްދިން ވެލިދޫ އިބުރާހިމެއްގެ ވާހަކައިގައި އޮތީ ހުސް ނެގެޓިވް. މިފަހަރުގެ އިބުރާހިމު ވަރަށް ޕޮޒިޓިވް. 100 ހަމަ!

The name is already taken The name is available. Register?

ޑަކު

15 March 2025

ދިވެހިން ތަފާތުވާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް / ޖައިކާންތު ބިކްރޭ

15 March 2025

ކެއްކިންތޯ, ކައިފިންތޯ. ގޭގައި މަދުވަނީ ކޯނޗެއްތޯ, ބޭނުން ވަނީ ކޯނޗެއްތޯ އަހާނެ. އެއްޗެއް ކައްކައިފިއްޔާ ވެސް ގެނެސްދޭނެ. ގެއަށް އަންނާނެ. ވަރަށް އެހީތެރިވާނެ. މިހާރު ވެސް މި ރަށު މީހުން ވަރަށް ހެޔޮ،" މިއީ އަސްލު ދިވެހިންގެ ސިފަތައް.

The name is already taken The name is available. Register?

ޝާޑު

15 March 2025

ލޯތްބަކީ މިކަހަލަ އެއްޗެކެވެ.

The name is already taken The name is available. Register?

ޢަބްދުއްރަޙްމާން އޭ

15 March 2025

ބުރޫނާ ގެ ޕިއަޒާ ވަރަށް މީރު ، މަވެސް ކެއިން ވެލިދޫ އަކީ ތަފާތު ރަށެއް ވަރަށް ސަޅި ، މީހުން ރަނގަޅު .

The name is already taken The name is available. Register?

މަގޭ ހިޔާލު

15 March 2025

ބުރޫނާ ތީ ހަމަ ދިވެއްސެއް.

The name is already taken The name is available. Register?

ބަދު ނަސީބު

15 March 2025

އިބުރާހީމާ!! ކަލޯ އަށް ތިއޮތީ ޖަވާހިރަށް ލިބިފައެޭ!ވަރަށް މަދު ބަޔަކަށް ނޫނީ ނުލިބޭ ނަޞީބެއް އިބުރާހީމަށްް ތި އޮތީ ލިބިފައި

The name is already taken The name is available. Register?

ބްރޫނޯ

15 March 2025

ބުރޫނާ އެކޮަޅުން ޖުވެންޓަސް އިންޓަރ ނާޕޮލީ ފަދަ ޓީމެއް މިކޮޅަށް ގެންނަން އެބަޖެހެޔޭ. މިތާ މިއުޅޭ ގޭންގުތަކުން ދިވެހި ފުޓުބޯޅަ ހަލާކުކޮށްފިޔޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454