ކުއްޖާގެ އުމުރުން ހަތް ދުވަސް ވާ ދުވަހު ޢަޤީޤާ ކަތިލުމާއި ބޯ ބޭލުމާއި ކުއްޖާ އަށް ނަން ކިޔުމަށް ރަސޫލާ ހަދީސް ކުރައްވާފައިވޭ.
15 މާޗް 2025 - 08:35
ސަމްރަތުގެ ކިބައިން ރިވާވެގެން ވެ އެވެ. މާތް ނަބިއްޔާ ﷺ ހަދީސް ކުރެއްވި އެވެ. "ކޮންމެ ކުއްޖަކީ އެ ކުއްޖާގެ ކިބައިން ކަތިލެވޭ ޢަޤީޤާ އަށް ރަހުނު ކުރެވިގެންވާ ކުއްޖެކެވެ. (އެ ޢަޤީޤާ) އެ ކުއްޖާ އަށް ހަތް ދުވަސް ވާ ދުވަހު ކަތިލަ އެވެ. އަދި އެ ކުއްޖާގެ ބޯ ބާލައި ނަމެއް ކިޔައެވެ." (ސުނަނު ގެ އަޞްޙާބުން)
މި ހަދީސްގައި މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވަނީ ކުއްޖަކު އުފަންވުމަށް ފަހު، ހަތް ދުވަސް ވާ ދުވަހު އެ ކުއްޖާ އަށް ޓަކައި އަދާކޮށްދޭން ޖެހޭ މުހިންމު ތިން ކަމެއްގެ ވާހަކަ އެވެ. އެއީ އެ ކުއްޖާގެ ނަމުގައި ގުރުބާނެއް ކުރުމާއި (ޢަޤީޤާ ކަތިލުމާއި) ބޯ ބޭލުމާއި ކުއްޖާ އަށް ނަމެއް ކިޔުމެވެ. ހަދީސްގައި ބަޔާންކޮށްފައިވާ ޢަޤީޤާ މި ލަފުޒަކީ އަރަބި ބަހުގެ "ޢައްޤު" އިން އުފެދިފައިވާ ލަފުޒެކެވެ. ޢައްޤުގެ ލަފުޒީ އެއް މާނަ އަކީ ކަނޑާލުން ނުވަތަ ފަޅާލުމެވެ. ކުއްޖާގެ ނަމުގައި ކަތިލާ އެއްޗަށް ޢަޤީޤާ ކިޔަނީ އޭތީގެ ކަރު ކަނޑާލެވޭތީ ނުވަތަ ފަޅާލެވޭތީ އެވެ. ހަމަ އެފަދައިން ކުއްޖާގެ ބޮލުގައި ހުންނަ އިސްތަށްޓަށް ވެސް ޢަޤީޤާ ކިޔަ އެވެ. އެއީ އެ އިސްތަށިތަކަކީ ކަފާލެވޭ ނުވަތަ ކަނޑާލެވޭ އެއްޗަކަށް ވާތީ އެވެ. ހަދީސްގައިވާ ގޮތުން ޢަޤީޤާ އަކީ ދަރަންޏެއް ނަގާ މީހަކަށް ރަހުނެއް ބެހެއްޓުން ލާޒިމުވާ ފަދައިން ކުއްޖާއަށްޓަކައި ބައްޕަގެ މައްޗަށް ލާޒިމުވާ ކަމެކެވެ. ރަހުނު ކުރެވިގެން ވެޔޭ ބުނާ ބަހުގެ އެއް މާނަ އަކީ މި އެވެ.
އަނެއް މާނައަކީ ޢަޤީޤާ ކަތިނުލައިފި ނަމަ އެ އިން ކުއްޖާ ބަންދުވެގެންދާ ވާހަކަ އެވެ. އަދި އޭރުން ގިޔާމަތް ދުވަހުން ދަރިފުޅު ބައްޕައަށް ޝަފާއަތްތެރި ނުވާނެ ވާހަކަ އެވެ.
ތިންވަން މާނައަކީ ދަރިފުޅުގެ ބޮލުގައިވާ އިސްތަށި (ހަމަ ޢަޤީޤާ) ގެ އުނދަގުލުން ނުވަތަ ގެއްލުމުން ސަލާމަތް ނުވެވޭނެ ވާހަކަ އެވެ. މި މާނަ އަށް އިތުރަށް ދަލީލު ލިބެނީ ބޯ ބޭލުން އެއީ ގެއްލުމަކުން ސަލާމަތް ކޮށްދިނުމެއް ކަމަށް ދޭހަވާ އެހެން ހަދީސެއް އޮތުމުން ނެވެ (ބުޚާރީ).
ވީމާ މިއިން އެނގެނީ ކުއްޖާ އަށް ނަމެއް ކިޔައި އެ ނަމުގައި ގުރުބާނެއް ކޮށް ކުއްޖާގެ ބޮލުގައިވާ އިސްތަށިން ކުއްޖާ ސަލާމަތް ކޮށްދިނުމަކީ ކުއްޖާގެ އުމުރުން ހަތް ދުވަސްވާ ދުވަހު ކުރަން އިސްލާމް ދީނުގައި ޝަރުއު ކުރެވިފައިވާ ކަންކަން ކަމެވެ.
ފުރަތަމަ ޢަޤީޤާ ގެ ހުކުމުގައި ބައެއް އިލްމުވެރިން ވިދާޅުވަނީ އެއީ ވާޖިބެއް ކަމަށެވެ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ އެއީ މުސްތަހައްބު ކަމެއް ކަމަށެވެ. ތިންވަނަ ރައުޔަކީ އެއީ ގަދަވެގެންވާ ސުންނަތެއް ކަމެވެ. ގިނަ ޢިލްމުވެރިންގެ ރައުޔަކީ މި ތިންވަނަ ރައުޔެވެ. ޢަޤީޤާގެ ގޮތުގައި ކަތިލަން ޖެހެނީ ފިރިހެން ދަރިޔަކަށް ނަމަ ދެ ކަންބަޅިބަކަރި އެވެ. އަންހެން ދަރިޔަކަށް ނަމަ އެއް ކަންބަޅިބަކަރި އެވެ.
ޢަޤީޤާ ކަތިލަން ޖެހެނީ ހަތްވަނަ ދުވަހު އެވެ. އެއްވެސް އުޒުރެއް މެދުވެރިވެގެން އެދުވަހު ކަތިނުލެވިއްޖެ ނަމަ ކުއްޖާ ބާލިޣު ވުމުގެ ކުރިން ކޮންމެ ދުވަހަކު ކަތިލިޔަސް މައްސަލައެއް ނޯންނާނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް އަލްބައިހަޤީ ރިވާ ކުރައްވާފައިވާ ހަދީސަކުން އެނގޭ ގޮތުގައި ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވަނީ ހަތްވަނަ ދުވަހު ނުވެއްޖެ ނަމަ 14 ވަނަ ދުވަހު އަދި އެ ދުވަހު ވެސް ނުވެއްޖެ ނަމަ 21 ވަނަ ދުވަހު ކަތިލުމަށެވެ. އެހެންކަމުން ސުންނަތް ގޮތަކީ ހަމަ ހަތްވަނަ ދުވަހު ކަތިލުމެވެ. އުޒުރެއް އޮތް ނަމަ އެ ހަދީސްގައިވާ ގޮތަށް ކުރިއަށް ދިއުމެވެ. ނަމަވެސް ކުއްޖާ ވިހެއުމަށް ފަހު ކޮންމެ ދުވަހަކު ކަތިލިޔަސް ޢަޤީޤާގެ ގޮތުގައި އެ ބަލައިގަނެވޭނެ ކަމަށް ހުރިހާ އިލްމުވެރިން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.
ބޯ ބޭލުމުގެ ހުކުމަށް ބަލާއިރު، ފިރިހެން ކުއްޖާގެ ބޯ ބާލައި އިސްތަށީގެ ބަރުދަނަށް ރިހިން ސަދަގާތް ކުރުމަކީ ސުންނަތެއް ކަމާ މެދު އިހުތިލާފެއް ނެތެވެ. ނަމަވެސް އަންހެން ކުއްޖާގެ ބޯ ބޭލުމާ މެދު އިހުތިލާފު އޮވެ އެވެ. އެކަމަކު، ކުރިން އިޝާރާތް ކުރި ހަދީސަށް ބަލާއިރު އެ އިސްތަށީގެ އުނދަގުލުން އަންހެން ކުއްޖާ ވިޔަސް ސަލާމަތް ކޮށްދިނުމަށްޓަކައި ބޯ ބޭލުން ރަނގަޅެވެ. ސަދަގާތް ކުރުމުގައި ރިހީގެ ބަދަލުގައި ރަން ވެސް ސަދަގާތް ކުރެވިދާނެ އެވެ. މިޒަމާނަށް ބަލާއިރު އެންމެ އެދެވޭ ގޮތަކަށް ވާނީ އެބަޔަކު މުއާމަލާތު ކުރާ ފައިސާއަކުން ސަދަގާތް ކުރުމެވެ.
ހަދީސްގައިވާ ގޮތުން ޢަޤީޤާ އަކީ ދަރަންޏެއް ނަގާ މީހަކަށް ރަހުނެއް ބެހެއްޓުން ލާޒިމުވާ ފަދައިން ކުއްޖާއަށްޓަކައި ބައްޕަގެ މައްޗަށް ލާޒިމުވާ ކަމެކެވެ. ރަހުނު ކުރެވިގެން ވެޔޭ ބުނާ ބަހުގެ އެއް މާނަ އަކީ މި އެވެ.
ނަން ކިޔުމުގެ ހުކުމަށް ބަލާއިރު މިކަން ވެސް މި ވަނީ ހަތްވަނަ ދުވަހު ކުރާ ސުންނަތެއްގެ ގޮތުގަ އެވެ. ނަމަވެސް އިލްމުވެރިން ވިދާޅުވަނީ އެއީ ހަތްވަނަ ދުވަހަށް ނަން ކިޔުން ލަސްކުރުމުގެ ސަބަބުން ކުއްޖާ އަށް އެއްވެސް ގޮތަކުން ގެއްލުމެއް ނުވާނެ ނަމަ ކަމަށެވެ. ކުޑަ ނަމަވެސް ދަތިކަމެއް ދިމާވެދާނެ ނަމަ ހަތްވަނަ ދުވަހުގެ ކުރިން ވެސް ނަން ކިޔިދާނެ ކަމަށެވެ. އެއީ ޢިމްރާނުގެފާނުގެ އަނބިކަނބަލުން ވެސް މަރިޔަމުގެފާނައިގެން ރައްކައުވެ ވަޑައިގަތުމާ އެކު ހެން އެކަމަނާގެ ދަރިފުޅަށް (މަރިޔަމުގެފާނަށް) ނަން ދެއްވާފައި ވާތީ އެވެ. ކުއްޖާގެ ނަމަކީ އޭނާގެ ދިރިއުޅުމުގެ ހަޔާތުގައި އެ ނަމުން މީހުން މުހާތަބު ކުރާނެ ނަމެވެ. އަދި އާހިރަތުގައި ވެސް އެ ނަމުން ގޮވޭނެ ނަމެވެ. އެހެންވެ ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވަނީ ކުދިންނަށް ރީތި، އިސްލާމްވަންތަ ނަން ކިޔުމަށެވެ. އަދި ނުބައި މާނަ ހިމެނޭ ނަންތަކާއި އެހެން ދީންތަކުގެ މީހުން އާންމުކޮށް ކިޔައި އުޅޭ ނަންތައް މުސްލިމުންނަށް ނުކިޔުމަށެވެ.
މި ހަދީސުން މުރައްބީންނަށް ލިބޭ ފިލާވަޅުތަކަށް ބަލާއިރު އެއް ފިލާވަޅަކީ، ދަރިން ތަރުބިޔަތު ކުރުމުގައި އެ ދަރިންނަށް މަންފާވާނެ ކަންކަން ނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމެވެ.
ދެވަނަ ފިލާވަޅަކީ، ކުއްޖާ އުފަންވާ ހިސާބުން ފެށިގެން ވެސް އެ ކުއްޖާ އަށް ޓަކައި އަދާކޮށްދޭން ޖެހޭ ކިތަންމެ ކުޑަ ކަމެއް ވެސް ފަރުވާކުޑަ ނުކޮށް އަދާކޮށްދޭން ޖެހޭނެ ކަމެވެ. އެ ކުއްޖާ އަށް ނަމެއް ކިޔުމާއި އެ ނަމުގައި ޢަޤީޤާ ކަތިލުމާއި ބޯ ބޭލުމާއި އޭގެ ބަރުދަނަށް ސަދަގާތް ކުރުން ފަދަ ކަންކަން ކުރަންޖެހޭނެ ކަމެވެ.
ތިންވަނަ ފިލާވަޅަކީ، ޢަޤީޤާ ކަތިލުމަކީ ކުއްޖާ އަށް ވެސް އަދި ކުއްޖާގެ މައިންބަފައިންނަށް ވެސް އެ އިން ބަރަކާތާއި މަންފާ ހޯދައިގަނެވޭނެ ކަމެއް ކަމަށާއި އެއީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމެވެ.
ހަތަރުވަނަ ފިލާވަޅަކީ، ކުއްޖާ އުފަންވާ އިރު ބޮލުގައި ހުންނަ އިސްތަށިތަކަކީ މާއްދީ ގޮތުންނާއި މައުނަވީ ގޮތުން އޭގައި ކިލަނބުކަމެއް އެކުލެވޭ އެއްޗެއް ކަމަށް ވާތީ އޭގެ އުނދަގުލުން ކުއްޖާ ސަލާމަތް ކޮށްދިނުން މުހިންމު ކަމެވެ. އަދި ކުއްޖާ އަށް ކިތަންމެ ކުޑަ ކަމަކުން ގެއްލުމެއް ލިބުނަސް މައިންބަފައިން އެކަމަކުން ކުއްޖާ ސަލާމަތް ކޮށްދޭން ތައްޔާރަށް ތިބެން ވާނެ ކަމެވެ.
ފަސްވަނަ ފިލާވަޅަކީ، ބޮލުގެ އިސްތަށީގެ ބަރުދަނަށް ކުރެވޭ ސަދަގާތަކީ ކުއްޖާއަށާއި މައިންބަފައިންނަށް ބަރަކާތާއި ދަރުމަ ހާސިލު ކުރެވޭނެ ކަމެއް ކަމެވެ.
ހަވަނަ ފިލާވަޅަކީ، ކުއްޖާ އަށް ރީތި ނަމެއް ކިޔުމަކީ އޭނާ އަށް ނަފުސާނީ ގޮތުން އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނުވާނެ ކަމެއް ކަމެވެ. އަދި ކިއެއްތަ، ކިޔާ ނަމެއްގެ ގޮތުން ކުއްޖާގެ ސުލޫކަށް އެ އިން ހެޔޮ އަސަރުތައް ގެނުވިދާނެ ކަމެއް ކަމެވެ. މީގެ އިދިކޮޅަށް ކަން ކުރުމަކީ އިދިކޮޅު ނަތީޖާތައް ނުކުންނާނެ ކަމެއް ކަމެކެވެ.
މި ނޫނަސް މިފަދަ ފިލާވަޅުތައް މި ހަދީސުގެ އަލީގައި ލިބިގަނެ ކުއްޖާ އުފަންވާ ހަފުތާގައި ކުއްޖާގެ ތަރުބިޔަތަށްޓަކައި މި ހަދީސްގައި އެވާ ތިން ކަންތައް ކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނަން
15 March 2025
މިހާރު ރާއްޖޭގަ ކިޔަނީ އީތަން ކަހަލަ ނަންނަން މިއީކިހާވަރެއްގަ އިސްލާމީ ނަމެއް