އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވައިޓް ހައުސްގައި މީޑިއާއާ ވާހަކަ ދައްކަނީ: ޣައްޒާއަށް ދޭން ފެށި ހަމަލާތަކަކީ އަދި ފެށުމެއް ކަމަށް ބުނެ އޭނާ ވަނީ އިންޒާރު ދީފައި. -- ފޮޓޯ: އޭއެފްޕީ
19 މާޗް 2025 - 11:37
ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ރޭ ދޭން ފެށި ހަމަލާތަކަކީ އަދި ފެށުމެއް ކަމަށާއި ދެން ހަމާސްއާ އެކު މަޝްވަރާއެއް ކުރިޔަސް އެކަން ވެސް ކުރިއަށް ދާނީ ހަމަލާތަކާ އެކުގައި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ޣައްޒާގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލަން މިދިޔަ ޖެނުއަރީ މަހު ވީ އެއްބަސްވުމަށް ފަހު ދިން އެންމެ ވަރުގަދަ ހަމަލާތަކުގައި ޣައްޒާއިން އެއް ދުވަސް ތެރޭގައި ވަނީ 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
މި ހަމަލާތަކަށް ފަހު ނަތަންޔާހޫ އާންމުކުރި ވީޑިއޯ ބަޔާނެއްގައި ބުނީ "އަހަރެމެންގެ ހަތިޔާރުގައި ހުރި ބާރު މިދިޔަ 24 ގަޑިއިރު ތެރޭ ހަމާސް އަށް އިހުސާސް ކުރެވޭނެ" ކަމަށެވެ.
"އަދި - ތިޔަ އެންމެންނާއި އެ މީހުންނަށް - ހުވާކޮށްފައި ބުނަން، މިއީ އަދި ފެށުމެއް،" ނަތަންޔާހޫ ބުންޏެވެ.
އިޒްރޭލުން ހަމަލާ ދިނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެ ވަނަ މަރުހަލާ ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި އޮތީ ހަމާސް އިން މިހާރު މިނިވަން ނުކޮށް ތިބި ރަހީނުން މިނިވަންކުރުމާއި ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނައުމާ ބެހޭ މަޝްވަރާ އެވެ.
ނަތަންޔާހޫގެ ބަޔާނުގައި ބުނީ ދެން މަޝްވަރާ ވެސް ކުރާނީ ހަމަލާތައް ދެމުން ކަމަށެވެ. އަދި ރަހީނުން މިނިވަންކުރުމަށް އަސްކަރީ ބާރުގެ ބޭނުންކުރުން މުހިންމު ކަމަށް ވެސް ބުންޏެވެ.
ހަމަލާތައް ފެށުމަށް އިޒްރޭލުން ބުނީ ރަހީނުކޮށްފައިވާ އެންމެން މިނިވަން ކުރެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަމަލާތައް އިތުރަށް ފުޅާކޮށް އެއްގަމު މަގުން އަރައި ހަމަލާ ދިނުމަށް ވެސް ތިބީ ތައްޔާރަށް ކަމަށް ބުންޏެވެ. އެކަމަކު އަންގާރަ ދުވަހު ވަނީ ހަމަލާތައް މަޑު ޖެހިފަ އެވެ. ނަމަވެސް ވަކިވަކިން ބައެއް ތަންތަނަށް ހަމަލާތަކެއް ދިނެވެ.
އިޒްރޭލުގެ އެކުވެރި އެމެރިކާއިން ބުނީ އިޒްރޭލުން އަލުން ހަމަލާތައް ފެށީ އެކަން ކުރިން އެމެރިކާއަށް އެންގުމަށް ފަހު ކަމަށެވެ. އަދި މި ހަމަލާތައް ކުރިއަށްދަނީ އެމެރިކާގެ ވެސް ބެލުމުގެ ދަށުން ކަމަށް ބުންޏެވެ.
ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި 1،218 މީހުން މަރުވުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 48،577 މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް ދެ ފަރާތުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އިޒްރޭލަށް ދިން ހަމަލާގައި ހަމާސް އިން ރަހީނުކުރި 251 މީހުންގެ ތެރެއިން 58 މީހުން އަދިވެސް ތިބީ ޣައްޒާގައި ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރުގެ
22 March 2025
ޗީޗީޗީ. ކަލޭތީ ފިރިހެނެއްތަ؟
ޔާރައްބު
19 March 2025
އައްޒާގެ ރައްޔިތިންނަށް ޖަރީމާ ހިންގާއިރު މުޅި ދުނިޔެ ގަދަ ނިދީގައި .މުސްލިމުންނާދެކޮޅައް މިފަދަ ބޮޑު ޖަރީމާއެއް ހިނގާއިރު ބިރުހީވޭ ﷲގެ ކޯފާއައިސްދާނެކަމަށް..މިހާރުވެސް ދެކެމުން މިދަނީ ކަނޑުގެ ވަރަށް އަޑީގެ ދިރިއުޅޭ ދިރުންތައް ފެނުން މައްޗައް އަރާތަން ތާރީހު ދެކިފައިވޭ މިއިކީ ވަރަށް މަދުފަހަރަކުވާކަމެއް އަދި މިގޮތައްވާފަހަރު ދުނިޔެ ބޮޑު ނުރައްކަލަކަށްއެޅޭ .2 ވަނަ ބޮޑު ހަނގުރާމަ، އީރާން އިރާގު ހަނގުރާމަ ،2004 ސުނާމީ
ހާސަރު
19 March 2025
މުސްލިމު ބޮޑެތި ޤައުމުކުގެ ނުކުޅެދުންތެރިކަން މިހާމަވަނީ. ޢެމެރިކާގެ ބޭސްތަށް ހަދަން ބިންތައް ދީފަ ގައުމުގެ މާލިއްޔަތު އެމެރިކާއާ ހަވާލުކޮށްގެން ތިބި ރަސްކަލުންގެ ކިބައިން އެގައުމުތައް މިނިވަން ވެގެން މުސްލިމުންގެ ބާރު ފެންނާނީ. އިޒްރޭލް އަށްވުރެ އެމެރިކާގެ ނުބައިކަން މާބޮޑު. އިޒްރޭލް ލައްވާ ހުރިހާކަމެއް ކުރަނީ އެމެރިކާ.
ހާސަރުގާ
20 March 2025
އަބަދުވެސް އެމެރިކާ އެމެރިކާ އެމެރިކާ. މިލަވަ ކިޔައި ނުނިމޭ ދުވަހަކުވެސް. ކިޔާބަލަ އަރަބިން އަރަބިން އަރަބިން. މިހުރިހާކަމެއްގެ މުލުގަ ތިބީ އަރަބިން. ކަލޭމެނަށް އެކަން ވިސްނުނު ދުވަހަކުން މިކަން ހައްލުކުރެވޭނީ.
ކޮކާފަނި
19 March 2025
އެމެރިކާ އެންބެސިޑަރް ފޮނުވާލާ
ރުންކުރު
19 March 2025
ދުނިޔެ ދެމި އޮތްހާ ހިނދަކު މިއީ މުސްލިމުންނަށް އޮތް ބޮޑު އިމްތިހާނެއް. މި ދެކޮޅުވެރިކަން އަދަބުވެސް އޮންނާނެ. މުސްލިމުންނަށް ރައްކާތެރިކަން ދެއްވާ ސަލާމަތްކަން ދެއްވާށި. އާމީން
އިންޝާﷲ
19 March 2025
ނަތަންޔާހޫއޭ ކިޔާ މިޝައިތާނާގެ މަރު އިބުރަތަކަށްވަފަދަގޮތަކަށް ﷲ ހިއްޕަވާންދޭވެ.. އާމީން
ލާމަސީލު
19 March 2025
މިގަތުލުޢާއްމުގެ އަސްލު މޭސްތިރިއަކީ އެމެރިކާ. އެމެރިކާ އަކީ އިންސާނުންނަށްވުރެ މާދަށުދަރަޖައިގެ ބައެއް.
ލޯލާ.
19 March 2025
މި މީހުން ދައްކާ މުނާފިގު ވާހަކަ ހެޑިން އަށް އަރުވާކަށް ނުފެނޭ