ރޯދަ މަސް / ނޫރު

މަލާއިކަތުންގެ ދުއާ ލިބިގަންނަމާތޯ-2

ކީރިތި ރަސޫލާ އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ ނަމާދަށް ތިބޭއިރު ސަފުތައް ފުރައި އެއްވަރު ކުރުން.

(އިއްޔެގެ ނޫހާ ގުޅޭ)

އިސްވެ ދެންނެވި ހަދީސްތަކުން އެނގޭ ގޮތުގައި، އުނގެނުމާއި އުނގަންނައިދިނުމަކީ، ﷲ ސުބްހާނަހޫ ވަތައާލާގެ ޙަޟްރަތުގައި ނުހަނު މަތިވެރި މަގާމެއް ދެވިފައިވާ ކަންކަމެވެ. އެހެން ނޫން ނަމަ އެބައިމީހުންގެ މައްޗަށް ހެޔޮ ދުއާ ކުރެއްވުމަށް، އެކަލާނގެ ހަލްގުތަކުންނަށް އަމުރެއް ނުކުރައްވާނެތެވެ. މަލާއިކަތުންނާއި އެހެނިހެން މަހުލޫގުން، އިލްމު ހޯދާ މީހުންނާއި އިލްމު އުނގަންނައިދޭ މީހުންނަށް، ހެޔޮ ދުއާ ކުރައްވަނީ، ﷲ ސުބްހާނަހޫ ވަތައާލާ އެކަމަށް އަމުރު ކުރައްވާފައިވާތީ އެވެ.

މިސްކިތުގައި ވަގުތު ހޭދަކުރުން

މިސްކިތަކީ މި ބިންމަތީގައިވާ، މާތް ﷲގެ ގެކޮޅުތަކެވެ. އެ ގެކޮޅުތަކުގައި ކުރެވޭ ކަންކަމީ ﷲ ސުބްހާނަހޫ ވަތައާލާ އެއްކައުވަންތަކޮށް އަޅުކަން ކުރުމާއި އެކަލާނގެ މައުރިފާކޮށް ދެނެގަތުމުގެ އިލްމު އުނގަންނައިދިނުމާއި އެކަލާނގެ ވަހީ ބަސްފުޅު އުނގެނި އުނގަންނައިދިނުމާއި ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީ ކުރުމެވެ. މިއިން ކޮންމެ ކަމަކީ ވެސް މާތް ﷲގެ ދީން ފެތުރުމާއި އެ ދީނަށް ދައުވަތު ދިނުމުގެ ކަންކަމެވެ.

އެހެންކަމުން، މިސްކިތުގައި ގިނަ ވަގުތު ހޭދަކުރުމަކީ ނުހަނު މަތިވެރި ދަރުމަ އާއި ސަވާބު ދެއްވާނެ ކަމެއްކަން ނަބަވީ ސުންނަތުން ސާބިތުވެ އެވެ. أَبِي هُرَيْرَةَ ރިވާކުރެއްވި އެވެ. ހަމަކަށަވަރުން، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކޮށް، އެ ނަމާދު ކުރި ތަނުގައި އެ މީހާ އިށީނދެ، ވުޟޫ މަތީގައި އިންހާ ހިނދަކު، މަލާއިކަތް ބޭކަލުން އޭނާއަށް ސަލަވާތް ލައްވާނެތެވެ. އޭނާ އެ ތަނުގައި އިންހާ ހިނދަކު އެ ބޭކަލުން ވިދާޅުވަމުން ގެންދަވާނެތެވެ؛ (اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ) އަޅަމެންގެ ވެރި ރަސްކަލާކޮ! އޭނާއަށް ފާފަ ފުއްސަވައިދެއްވާނދޭވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އޭނާ އަށް ރަޙްމަތް ލައްވާނދޭވެ. (ޞަޙީޙް އަލްބުޚާރީ 445، ސުނަނުއް ނަސާއީ 733، ސުނަން އަބީ ދާވޫދު 469)

މާލޭގެ އިސްލާމީ މަރުކަޒުގައި މި ރޯދަމަހުގެ ކުރީކޮޅު ބަޔަކު ގުރުއާން ކިޔެވުމުގައި: މިސްކިތުގައި ގިނަ ވަގުތު ހޭދަކުރުމަކީ މަތިވެރި ދަރުމަ އާއި ސަވާބު ދެއްވާނެ ކަމެއްކަން ނަބަވީ ސުންނަތުން ސާބިތުވޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިއީ ވެސް ކޮން ފަދަ މަތިވެރި ނިއުމަތެއްތޯ އެވެ. މަލާއިކަތް ބޭކަލުންނަކީ ގުނައި އަދަދު ކުރެވޭނެ ބައެއް ނޫނެވެ. މަލާއިކަތް ބޭކަލުންނަކީ އެތައް ދަރަޖައަކަށް އަދި އެތައް ގިންތިއަކަށް ބެހިގެންވާ ބޭކަލުންތަކަކަށް ވާއިރު، އެ ހުރިހައި ބޭކަލުންގެ ހެޔޮ ދުއާ އަޅުގަނޑުމެންނަށް ލިބުމަށް ވުރެ ވަކިން ބޮޑު ނިއުމަތެއް އޮންނާނެތޯއެވެ؟

މާތް ﷲ ރުއްސުންލެއްވި އަލީގެފާނު ވިދާޅުވި އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) މިފަދައިން ހަދީސް ކުރެއްވި އަޑު އަހުރެން އެހީމެވެ؛ މީހަކު ފަތިސް ނަމާދުކޮށް، އެ ނަމާދު ކުރި ތަނުގައި އޭނާ އިށީނދެ އިންހާ ހިނދަކު، މަލާއިކަތް ބޭކަލުން އޭނާއަށް ސަލަވާތް ލައްވާނެތެވެ. އެ ބޭކަލުންގެ ސަލަވާތަކީ (اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ) އަޅަމެންގެ ވެރި ރަސްކަލާކޮ! އޭނާއަށް ފާފަ ފުއްސަވައިދެއްވާނދޭވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އޭނާ އަށް ރަޙްމަތް ލައްވާނދޭވެ. އަދި ނަމާދުގެ އިންތިޒާރުގައި އިންނަ މީހާއަށް ވެސް މަލާއިކަތް ބޭކަލުން ސަލަވާތް ލައްވާނެތެވެ. އެ ބޭކަލުންގެ ސަލަވާތަކީ (اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ) އަޅަމެންގެ ވެރި ރަސްކަލާކޮ! އޭނާއަށް ފާފަ ފުއްސަވައިދެއްވާނދޭވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އޭނާއަށް ރަހުމަތް ލައްވާނދޭވެ. (މުސްނަދް އަޙްމަދު 1251)

މި ނަބަވީ ބަސްފުޅަށް ބަލާއިރު، ފަރުޟު ނަމާދެއް ކޮށް ނިމިގެން، މާތް ﷲގެ ޙަޟްރަތަށް ދުއާ ދެންނެވުމާއި ޒިކުރުކުރުމާއި ޤުރްއާން ކިޔެވުން ފަދަ ހެޔޮ ކަމެއް ކުރުމަށްޓަކައި، އޭނާ ނަމާދު ކުރި ތަނުގައި ނުވަތަ އެ މިސްކިތުގައި އިނުމަކީ، މަލާއިކަތް ބޭކަލުންގެ ހެޔޮ ދުއާ ލިބޭނެ ކަމެކެވެ. އަދި އެއް ނަމާދު ނިމިގެން އަނެއް ނަމާދުގެ އިންތިޒާރުގައި މިސްކިތުގައި އިނުމަކީ ވެސް، މަލާއިކަތް ބޭކަލުންގެ ހެޔޮ ދުއާ ލިބޭނެ ކަމެކެވެ.

އިމާމްގެ ފަހަތުން އާމީން ކިޔުން

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރިވާކުރެއްވި އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ إِذَا أَمَّنَ الْقَارِئُ فَأَمِّنُوا، فَإِنَّ الْمَلاَئِكَةَ تُؤَمِّنُ، فَمَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. މާނައީ؛ ނަމާދުގައި އިމާމް މީހާ (ސޫރަތުލް ފާތިޙާ އަށް ފަހުގައި) އާމީން ކިޔުމުން ތިޔަބައިމީހުން ވެސް އާމީން ކިޔާށެވެ. ފަހެ ހަމަކަށަވަރުން މަލާއިކަތް ބޭކަލުން ވެސް އާމީން ވިދާޅުވާނެތެވެ. ފަހެ އެ މީހެއްގެ އާމީން އާއި މަލާއިކަތުންގެ އާމީންއާ ދިމާވެއްޖެ ނަމަ (އެބަހީ، މަލާއިކަތް ބޭކަލުން އާމީން ވިދާޅުވާ ވަގުތުގައި ތިޔަބައިމީހުން އާމީން ކިޔައިފި ނަމަ) އެ މީހެއްގެ އިސްވެ ދިޔަހައި ފާފައެއް ފުއްސަވާނެތެވެ. (ޞަޙީޙުލް ބުޚާރީ 6402، ސުނަން އައްނަސާއީ 926، 928، ސުނަން އަބީ މާޖާ 851)

މި ބަސްފުޅަށް ބަލާއިރު، އިމާމެއްގެ ފަހަތުގައި ނަމާދު ކުރާ މީހުން (މައުމޫމުން) އާމީން ކިޔަން ޖެހެނީ އިމާމް މީހާ، ސޫރަތުލް ފާތިޙާ ނިންމުމާ އެކުގައެއް ނޫނެވެ. އޭގެ ބަދަލުގައި މައުމޫމުން އާމީން ކިޔުން އޮތީ، އިމާމް މީހާ އާމީން ކިޔުމުން އޭގެ ފަހަތުންނެވެ. މަލާއިކަތް ބޭކަލުން ވެސް އާމީން ވިދާޅުވަނީ އިމާމް މީހާ އާމީން ކިޔުމުންނެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ގެ މި އިރުޝާދަށް ބަލާއިރު، މުއުމިނުތަކުންގެ މައްޗަށް މަލާއިކަތް ބޭކަލުން ކުރައްވާ ދުއާއަކީ އިޖާބަ ކުރައްވާނެ ދުއާއެކެވެ. އެހެންކަމުން، އަމިއްލަ ނަފްސަށް ކުރެވިފައިވާ ފާފަތަކުގެ ވަކި ސުމާރެއް ނޭނގޭ އަޅުގަނޑުމެން ފަދަ އިންސާނުންނަށް މަލާއިކަތް ބޭކަލުންގެ ހެޔޮ ދުއާ ލިބުމަކީ ކޮން ފަދަ ބޮޑު ނަސީބެއްތޯއެވެ.

ނަމާދުގެ ސަފުތައް ފުރައި އެއްވަރުކުރުން

ނަބަވީ ސުންނަތަށް ބަލާއިރު، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) މީސްތަކުންނާއިގެން ނަމާދެއް ކުރައްވާ ނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާ ކަމަކީ، އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރައްވާ ބޭކަލުންގެ ސަފުތައް ތަރުތީބު ކުރައްވައި އެއްވަރު ކުރެއްވުމެވެ. ސަފުގައި ސަހާބީ ބޭކަލުން އެތުރިވަޑައިގެން ތިއްބަވާއިރު، އެއް ބޭކަލަކަށް ވުރެ އަނެއް ބޭކަލަކު ކުރިއަށް ނުވަތަ ފަހަތަށް ޖެހިވަޑައިގަތުމުގެ ސަބަބުން ސަފުގައި ނުސީދާ ކަމެއް ހުރިތޯ ބައްލަވަ އެވެ. ދޭދޭ ބޭކަލުން ދުރުދުރުގައި ތިއްބެވުމުގެ ސަބަބުން ސަފުގައި ހުސް ތަންތަން ހުރިތޯ ބައްލަވަ އެވެ.

މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެ އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِينَ يَصِلُونَ الصُّفُوفَ وَمَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً. މާނައީ: ހަމަކަށަވަރުން މާތް ﷲ އާއި އެކަލާނގެ މަލާއިކަތުން، ނަމާދުގެ ޖަމާއަތުގެ ސަފުތައް ގުޅުވައިދޭ މީހުންނަށް ސަލަވާތް ލައްވަތެވެ. އަދި ނަމާދުގެ ޖަމާއަތުގެ ސަފުގައި ހުންނަ ހުސް ތަންތަން ފުރައިލަދޭ މީހުންގެ ދަރަޖަ، އެކަލާނގެ އުފުއްލަވައިދެއްވަ އެވެ. (ސުނަން އަބީ މާޖާ 995)

މި ނަބަވީ ބަސްފުޅުން އެނގެނީ، ނަމާދަށް ހަދާ ސަފު ތަރުތީބުކޮށް ފުރިހަމަ ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމެވެ. ސަފުގައި ހުސް ތަނެއް އޮވެގެން ސަފު މެދުކެނޑިފައިވާ ހާލަތުގައި، އެ ހުސް ތަނުގައި ހުއްޓި ސަފު ގުޅުވައިލަދޭ މީހާ އަށް މާތް ﷲގެ ޙަޟްރަތުން މަތިވެރި ދަރުމަ ދެއްވަނީ، އެ ޒިންމާ އަދާކުރުމަށް އެންމެންނަށް ހިއްވަރު ދެއްވުމުގެ ގޮތުންނެވެ. ހަމައެފަދައިން، ސަފުތައް ފުރިހަމަކޮށް އެއްވަރު ކުރުމަކީ ނަމާދު ފުރިހަމަކޮށްދޭ ކަމަކަށް ވާތީ އެވެ. އެހެންކަމުން، ނަމާދަށް ހަށަން ބަދެގެން ހުންނަ ހާލަތުގައި ވެސް، ކުރީ ސަފުން ހުސްތަނެއް ފެނިއްޖެ ނަމަ ނަމާދުން ބޭރު ނުވެ، އެ ހުސް ތަނަށް ބަދަލުވުމަކީ ނަމާދަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ.

ފުރަތަމަ ސަފުގައި ނަމާދުކުރުން

މުޅި އިސްލާމް ދީން ނަގަހައްޓައިދޭ، އިސްލާމީ ދީނުގެ ތަނބަކީ ނަމާދެވެ. އެ ތަނބު އެންމެ ފުރިހަމަ ގޮތުގައި ގާއިމުކޮށް ނެގެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. އެހެންކަމުން، ނަމާދުގެ އަޅުކަމަށް ދެއްވާ ދަރުމަޔާއި ސަވާބުގެ އިތުރުން، ނަމާދާ ގުޅިފައިވާ އެތައް ކަމަކަށް ވެސް އެހާމެ މަތިވެރި ދަރުމަ ކަނޑައަޅުއްވާފައިވެ އެވެ. ނަމާދަށް ވުޟޫ ކުރުމާއި ނަމާދަށްޓަކައި މިސްކިތަށް ދާ ދިޔުމާއި ނަމާދަށް އިންތިޒާރު ކުރުމަކީ ވެސް ގިނަގުނަ ދަރުމަ ހުރި ކަންކަމެވެ. (ނުނިމޭ)

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454