26 މާޗް 2025 - 08:52
ބަނޑުގައި ރިއްސާ މީހަކަށް ގޮވާލަން ދިޔައިރު އޭނާ ކައިރީގައި މަޑުކޮށްލާނެ މީހަކު ނެތުމުންވީ ފޫޅުމަޔަކަށެވެ. ދަރިންނަށް ގުރުއާން ކިޔަވައިދޭން އިންދާ އަވަޓެރިއެއްގެ ދަރިއަކު ނުކިޔަވާތީ ގެއަށް ގެނެސް ދަރިންނާ އެެކު އަކުރު ބުނެދޭން ފެށުން ދެން ބަދަލުވީ އެދުރު ދައިތައަކަށެވެ.
ރަށުން ގެއްލުނު މީހަކު ހިނަވާނެ މީހަކު ނެތުމުން ދެން ވީ އަންހެނުން ހިނަވައިދޭ މީހަކަށެވެ. ނ. މަނަދޫ، ފާތިމަތު އަބޫބަކުރު 76 (ފާތުމަ) ގެ އުމުރު ހުސްވަނީ އިޖުތިމާއީ ގޮތުން އެފަދަ އެތައް ހިދުމަތެއްގެ ތެރޭގަ އެވެ.
ދެ ފަހަރެއްގެ މަތިން އެކި ދާއިރާތަކަށް އެވޯޑަށް ކުރިމަތިލީ ނަމަވެސް އެއީ އެ ޝަރަފަށް އެކަށީގެންވާ މީހަކަށް ނުވި އެވެ. ނަމަވެސް އަހަރެމެން ގޮސް ވާހަކަ ދައްކާލިއިރު، މި އަށް ވުރެ އޯގާތެރި ހިތެއްގެ ވެރިއަކު ނުވާނެކަން ޔަގީނެވެ.
ފާތުމަގެ މާޒީގެ އެންމެ މުހިންމު ވާހަކަތަކުން ފަށަމާ ހިނގާށެވެ. އޭނާ ދިޔައީ ބަނޑުގައި ރިއްސާ މީހަކަށް ގޮވާލާށެވެ. އެ ތަނުގައި އޭރު އިށީނދެގެން އިނީ މި ރަށު ފޫޅުމާ ދައިތަ (މަރިޔަން ދައިތަ) އެވެ. އެކަމަކު، މަރިޔަން ދައިތަ ކުއްލިގޮތަކަށް ފާހާނާ އަކަށް ދާން ޖެހިގެން އެ ތަނުގައި މަޑުކޮށްލާނެ އެއްވެސް މީހަކު ނެތިގެން އިންސާނިޔަތަށްޓަކައި މަޑުކޮށްލަން ފާތުމަ އަށް މަޖުބޫރުވީ އެވެ. ފާތުމަ މަޑުކުރީ އެ މީހާ ވިހާފާނެ ކަމަކަށް ނޫނެވެ.
"މަ ބުނީ މ ވަރަށް ބިރުގަންނާނެއޭ. ބުނީމަ [މަރިޔަން ދައިތަ] ބުނީ ތިމަންނަ ވަރަށް އަވަހަށް އަންނާނަމޭ ފާހަނާއަކަށް ގޮސްލާފައި. އެ ދައްތަ ގޮސް އިރުކޮޅެއް ނުވެ އެ މީހާ ވިހައިފި. އަހަރެން ވިއްސީ، ވިއްސައި މަސްތުރަކޮށް، ފޫޅު ކެނޑި ފަހުން މަރިޔަން ދައްތަ އައީ. އައިސް ބުނީ ތިޔަ ހުރީ މިއަދުން ފެށިގެން ފޫޅުމަޔަކަށް ވެފައޭ. އަހަރެންދާ ތަނަކަށް ވިއްޔާ ކަލެ އަށް އަންގާނަމޭ،" ފޫޅުމަޔަކަށް ވީ ގޮތް ކިޔައިދެމުން ފާތުމަ ބުންޏެވެ.
"އެ ދުވަހު ވަރަށް ބިރުގަތް. އެކަމަކު އެ ދުވަހު އޭނާ ކައިރީ އެއްވެސް މީހެއް ނެތީމަ އެއީ އިންސާނެއް ވީމަ މަޑުކޮށްލި ކޮށްލުމެއް. އޭގެ ފަހުން އެކޮޅުކޮޅުން އޮތް ހަތަރު ކުދިން ވެސް ވިއްސިން."
އެ ދުވަހަށް ފަހު ފޫޅުމާ ދައްތައާ ނުލާ ވެސް މީހުން ވިއްސަން ގޮސްދޭ ކަމަށާއި މީހުން ބަލައި ވެސް އަންނަ ކަމަށް ފާތުމަ ބުންޏެވެ. ފުރަތަމަ އުޅުނީ ރަސްމީ ހުއްދައެއް ނެތި އެވެ. އެކަމަކު، ވަކި ހިސާބަކުން ކޯސް ހެދި އެވެ.
ރަސްމީކޮށް ފޫޅުމަޔަކަށް ބަދަލުވުމުގެ ކުރިން އުފަން ދަރިއަކު ވެސް ވިއްސައިދިނީ ފާތުމަ އެވެ.
އޭގެ ފަހުން ފޫޅުމައިންގެ އިތުރު ތަމްރީނުތައް ހެދި ނަމަވެސް އޭރު އޮންނަ ފޫޅުމާ ފޮއްޓެއް ނުނަގަ އެވެ. ފޮށި ނަގަން ދާން ފުރުސަތު ލިބުނު ވަގުތު ދިމާވީ މަންމަ ވަރަށް ބަލިހާލުގައި އޮތް ދުވަސްވަރަކާ އެވެ.
"އެންމެ ބިރުގަތް ދުވަހަކީ އެ ދުވަހާއި އެކޮޅުކޮޅުން އޮތް ކުއްޖެއްގެ އެއްފައި ބޭރަށް އައިސް ގަޑިއެއްހާއިރު ބޭރުގައި އޮވެ، އިތުރު ގުނަވަނެއް ބޭރު ނުވެ ހުރި ދުވަސް. ޔަގީން ކަމުގައި ހުރީ އެ ދަރި ވިހާނެއޭ. އެކަމަކު ﷲތާ ކޮންމެ ކަމެއްވެސް ނިންމަވާނީ،" ވިއްސި ކުދިންގެ އަދަދު ވެސް ހަނދާން ނެތް ކަމަށް ބުނެ ފާތުމަގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
ފޫޅުމާ ކަމެކޭ އެއްގޮތަށް ގުރުއާން ކިޔަވައިދިނުމާއި ހިނަވަން ފެށީ ވެސް "އިންސާނިޔަތަށްޓަކަ" އެވެ. އެއިން އެއްވެސް ކަމަކަށް އޭނާ ހާއްސަވީ ކުރިއާލައި ތައްޔާރުވެ، ކުރިމަގަށް ވިސްނައިގެނެއް ނޫނެވެ. ކުއްލިއަކަށް ދިމާވާ ކަމެއްގެ ތެރެއިން އެ ކަމަކަށް ހާއްސަވަނީ އވެެ.
ދަރިންނަށް ކިޔަވައިދޭން އިންނައިރު އެހެން މީހުންގެ ދަރިން ވެސް ގެނެސް ކިޔަވައިދޭން ފެށި ފެށުން ބަދަލުވީ ގުރުއާން ކްލާހަކަށެވެ. މިހާރު ކިޔަވައިދިން ނަމަވެސް ލޮލުގެ މައްސަލައެއް ދިމާވެގެން ރަށުން ބޭރުގައި އުޅެން ޖެހުމުން ކުދިންތައް ކެނޑިގެން އެކި ތަންތަނަށް ދިޔައީ އެވެ.
ފާތުމަ އޭރު ކްލާހެއްގައި 20-40 ކުދިންނަށް ކިޔަވައިދނެވެ. އެކަމަކު، ސިއްހީ ހާލަތު ތަން ނުދޭތީ މިހާރު ކިޔަވައިދެނީ އެންމެ ހަތް ކުދިންނަށެވެ.
އަންހެނުން ހިނަވާ މީހަކަށް ފާތުމަ ބަދަލުވީ ވެސް ތަފާތު ގޮތަކަށެވެ. މަނަދޫގެ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ރަށު ރައްޔިތުން ނުކުމެ އެތައްމިތަން ހޯދަނީ އެވެ. އެ މީހާ ގެއްލުނުތާ 39 ވަނަ ދުވަހު ފެނުނީ ރަށުގެ ވަލެއްގެ ތެރެއަށް ވެއްޓިފައި އޮއްވަ އެވެ.
"އޭނާ އޮތީ ވަރަށް ބޮޑަށް ކުނިވެފައި، އެހާ ދުވަސް ވީމާ އެއް ވެސް މީހަކު ނުވި އެ ދައިތަ ކައިރިއަށް ހިނަވަން ކައިރިވާކަށް. މީހަކު އެހީ އަހަރެން ކައިރީ ކެރޭނެހޭ. އަހަރެން ބުނިން ކިހިނެއް ވެގެންހޭ ތި އަހަނީ، އަހަންނަށް ވާނެއޭ. އެ ދުވަހު އޭނާގެ ހުރިހާ ކަމެއް އަހަރެން ކުރީ،" ފާތުމަ ބުންޏެވެ.
ފާތުމައަކީ މި ރަށުގެ ހިދުމަތްތެރިއަކަށް ވިޔަސް އޭގެ އަގު ރަސްމީކޮށް ވަޒަން ކުރާނެ ބަޔަކު ނުވި އެވެ. ސެޓްފިކެޓެއް ވެސް ނުލިބުނެވެ. ގައުމީ އިނާމަށް ލައިގެން ވެސް ވީ ކަމެއް ނެތެވެ.
"އެއްފަހަރު މާމަ ދަރިއެއް ބުނެގެން ލައިފިން ތިޔަ ގައުމީ އިނާމަށް ވެސް. ތި ހައްގު ނުވާތީނު. މި ރަށުގައި ނޫޅޭނެ އަހަރެންހާ ގިނަ މީހުންނަށް ގުރުއާން އަކުރު ދެއްކި މީހެއް. އެބައިންނާއި ފޫޅުމާ ބައިން ވެސް [ގައުމީ އިނާމަށް] ލީން. ކޮބާ ވީ ކަމެއް؟"
ފާތުމަ ގަބޫލު ކުރަނީ ގައުމީ ގޮތުން އޭނާގެ އަގުވަޒަން ކުރާނެ ބަޔަކު ނުވިޔަސް އިންސާނިއްޔަތަށްޓަކައި ވި ގުރުބާނީ ފެންނަން ހުންނާނެ ކަމަށެވެ. އޭނާ އަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ އެއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންނު
28 March 2025
މި ދައްތަގެ ވާހަކަތައް މިއަށްވުރެ ފުރިހަމަކޮށް ގެނެސްދެވުނީސް. ފާތުމަ ދައިތަ އަކީ މިރަށުގެ ހުރިހާ ކުދިންނަށް ކަހަލަ ގޮތަކަށް ހަތިމްކޮށްދީ ކިޔަވައިދިން މީހެއް. އޭގެ އިތުރުން ރަށުގެ ހުރިހާ ކަމެއްގައި ބައިވެރިވެ މީހުންނަށް ހިތްހެޔޮ، ހުނަރުވެރި ހީވާގި ފިސާރި ކަނބަލެއް. ފަންގި ވިނުމާއި، ހެދުން ފެހުމާއި އަތްތެރި އެތައް މަސައްކަތެއްގެ މާހިރެއް. އަދި މުޖުތަމައަށް ގާބިލް ޒިންމާދާރު ދަރިންނާއި މާމަދަރިން ބިނާކޮށް ނެރެދިން މީހެއް. ހެޔޮ ދުޢާ ސަލާމް.
ދަރިވަރެއް
28 March 2025
އަހަރެންވެސް ކިޔެވީ ފާތުމަދައިތަ ކާރިން، މި ލިޔުމުގަ މިހިރީ މަދު މިންވަރެއް. ކިޔަވަދީ އުޅުނީ ހަމަ ހިލޭ މުޅިގެ ފުރޭވަރަށް ކުދިން އޮވޭ. ރަށުގަ އޭރު އެންމެ ރީއްޗަށް އެންމެ މޮޅަށް ޤުރުއާން ކިޔަވާނީ ދައިތަ ކިޔަވަދޭ ކުދިން. އެކަނި ހުރިހާ ދަރިންގެ އިތުރުން މާމަދަރިންނާ ރަށްރަށުން ކިޔަވަން އައިސްތިބޭ ކުދިންވެސްބަލަމުން ވަޒީފާއަކަށް ދަމުން، މިހުރިހާ ކަމެއް ކުރި މީހަކަށް ހަމަ ސަރުކާރުން އަގުވަޒަން ކުރުން ހައްގު.
ޝުކުރިއްޔާ
28 March 2025
އަހަރެންވެސް ގުރުއާން ކިޔަވަންދަސްކުރީ މި ދައިތަކައިރިން މީގެ 40 އަކަށް އަހަރު ކުރިން. އޭރު މީގެ އިތުރުން އެޒަމާނުގެ ފަންނުވެރި ވަރަށްގިނަ ކަންތަށް މިދައްތަ ކޮށްއުޅޭނެ. މިސާލަކަށް ދިގުހެދުމާ ލިބާސްފެހުން، ދިވެހިބޭސް ހެދުން، ރޯނުވެށުން ފަންވިނުން ކުނާވިޔުން، ރިހާކުރު ކެއްކުން
ކަޑަ
27 March 2025
ޤައުމީ އިނާމް ވާންޖެހޭނީ އިދާރާތަކަށް ނުވަތަ ސަރުކާރަށް އެމީހާގޭ ޚިދުމަތް ފެނި އެނގިގެން ދެވޭ އެއްޗަކަށް. އެކަމަކު އޭގެބަދަލުގައި މިޖެހެނީ އަހަރެން ޚިދުމަތްކޮށްދީފީމޭބުނެ އާދޭސްކޮށްގެން ތިޔަ ބުނާ އިނާމެއް ހޯދަން. މީތި ކަޑައޭ
ފޫހި
27 March 2025
ފޫހި މީހެއް.ނިކަން އަޑު ގަދަވެފަ ޒީލަ ގަދަ. ފޮނި ވެސް މެ
އަބްޑޫޅް +
27 March 2025
ހޫމް. އަނެއްކާވެސް ބީރަށްޓެއްސެއް ދޯ؟
ޓީޖެޓީ
26 March 2025
ދައްތަ ގެ މަސައްކަތުގެ އަގު މި ފަނާވަނިވި ދުނިޔެ އިން ހޯދަން ނޫޅޭށެވެ. އަދި ހުރިހާ ކަމެއް މިލްކުވެ ވޮޑިގެންވާ ﷲގެ ފަރާތުން އެދޭށެވެ. އަމިއްލައަށް އިނާމު ހޯދަން މިތާ ނޫޅޭށެވެ
ޢަބްދުުﷲ
26 March 2025
ދައްތަގެ ތިޔަ ހެޔޮކަންތައް އިންޝާ ﷲ ގެއްލިގެންނުދާނެ. އެއްވެސް ހައްދެއް ނެތް މިންވަރަށް މިންވަރެއް އަޖުރުދެއްވާނެ ދުވަސް އަދި އޮތީ.
ޑެބީ
26 March 2025
ދައްތާއެވެ. އިންސާނިއްޔަތަށް ކަންކަން ކޮށްދޭންވީ ބަޔަކު އަގުވަޒަން ކުރާނެކަމަކަށްނޫން. ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުމާ އެކަލާނގެ ދެއްވާ ދަރުމަ ހޯދުމަށް.
ވަލުގޭ ހަކީމު
26 March 2025
ދައިތާ. ތިޔާ ސެޓްފިކެޓް ލިބޭނީ ވަގުންނަށާ ހަކުރުބޯ މީހުންނަށާ ގޭންގު ސްޓާރުންނަށާ ސިޔާސީ އައުގުރާނައިންނަށް. ސެޓްފިކެޓެއް ނުލިބުނަސް ދައިތަގެ ޙިދުމަތް މީހުން ޝުކުރުވެރިކަމާއެކު ބަލައިގަންނަންޏާ އެވީ. ދައިތަށް އަހަރުމެންގެ ހެޔޮދުއާ ސަލާމް.