ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް
25 މާޗް 2025 - 13:24
ބަލި މީހުންނަށް ހިދުމަތް ދިނުމުގައި އިހުމާލުވި މައްސަލާގައި ފާޑުކިޔުން އަމާޒުވި ތެލެސީމިއާ ސެންޓަރުގެ ބައެއް އިސްވެރިން އެ މަގާމުތަކުން ވަކިކޮށް، އެހެން ތަންތަނަށް ބަދަލުކޮށްފި އެވެ.
ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާ ކުރީ އެ ތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭ ކަމަށް ބުނެ އެވެ.
މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލާގައި ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރު އަހުސަން ހުސައިނާއި ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހީމް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
އެއީ ސިވިލް ސާވަންޓުން ކަމަށް ވާއިރު، އޭގެ ތެރެއިން ފައިސަލް ބަދަލުކުރީ ދަމަނަވެށްޓަށެވެ. އަދި އަހުސަން ބަދަލުކުރީ ރީޖަނަލް އެންޑް އެޓޯލް ހެލްތު ސާވިސް ޑިޕާޓްމެންޓަށެވެ.
ތެލެސީމިއާގެ ފަރުވާ ހޯދާ މީހުން މުޒާހަރާ ކުރުމާ އެކު، ޖެހިގެން އައި ދުވަހުގެ ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާ ލައްވައި، ބައެއް ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ވެސް އަޑުއައްސަވައިފަ އެވެ. ރައީސް ވަނީ މައްސަލަތައް ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ދުވަހު އާންމުކޮށް ދެއްވައިފަ އެވެ.
ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް ވަޑައިގެން--
ރައީސް ވިދާޅުވިގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ވެސް ތެލެސީމިއާ ސެންޓަރު ހިންގަނީ ޑިރެކްޓަ ޖެނެރަލެއް ނެތި އެވެ. އެހެންވެ ސަރުކާރުން އިއްޔެ ވަނީ ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލެއް ހަމަޖައްސައި، އިތުރު ނަރުހުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ.
ޑިރެކްޓަ ޖެނެރަލަކަށް ހަމަޖެއްސީ މެނޭޖްމަންޓުގެ ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށްވާ އަހުމަދު މައުސޫމް އެވެ.
ޑިރެކްޓަ ޖެނެރަލެއްގެ އިތުރުން ތެލެސީމިއާ ސެންޓަރަށް މިހާރު ވަނީ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލަކާއި ޑިރެކްޓަރަކު ވެސް އައްޔަންކޮށްފަ އެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ އާދިއްތަ ދުވަހު ތެލެސީމިއާ ސެންޓަރު ހުޅުމާލެ އަށް ބަދަލުކުރަން ހުޅުމާލޭގައި ހަދާ "އޮރެންޖު ހިޔާ" އަށް ވެސް ވަޑައިގެން އެ ތަނުގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.
އެރޭ މުޒާހަރާކުރި މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބޭނުންކުރާ ފިލްޓަރު ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ.
ސަރުކާރުން ބުނީ، ފިލްޓަރުގެ މައްސަލަތައް ވެސް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ ތެލެސީމިއާ ސެންޓަރުގެ މައްސަލަތައް ވަގުތުން ހައްލު ކުރުމަށް "ހުރިހާ ތަފުސީލަކާ އެކު" ބައްދަލުވުމެއް ވެސް މިދިޔަ އާދިއްތަ ދުވަހު ބޭއްވެވި ކަމަށާއި އެކަންކަން ކުރިއަށް ގެންދާނެ ގޮތުގެ "ޑައިރެކްޝަންސް" ދީފައިވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މި ތެލެސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލު ކޮށްދިނުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދާނަން. އަޅުގަނޑު އަރުވާ ޔަގީން ކަމަކީ މި ދެންނެވި ފަދައިން ހުރިހާ ކަމެއް ކުރިއަށް އޮތް ދުވަސްތަކުގައި ހައްލު ކުރަމުން ގެންްދާނެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
27 March 2025
ރާއްޖެއަށް ތާރަފުވި " މަލްޓިޕާޓީ ޑިމޮކްރަސީ" އައިފަހުން ދައުލަތުގެ މުއައްސަސާތުތައް ބިނާކުރުމުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެ. ސިޔާސީ ލީޑަރުން ސިޔާސީ މަސްތުގެ ތެރެއަށް ޣަރަގުވެގެން ގޮސް ބިޒީވެގެން ދިޔައީ އެއް އިންތިޚާބުން އަނެއް އިންތިޚާބު ކާމިޔާބުކުރުމަށް ވޯޓު ހޯދުމަށް ދައުލަތުގެ މާލިއްޔަތުން އިސްރާފުކުރުމުގައި. ސިޔާސީ މަސައްކަތްތަކަށް ޚަރަދުކޮށްފައި ފައިސާ ބާކީ ނުކުރެވުނުގެ އިތުރުން ދައުލަތް ދަރުވާލާފައި ވެރިކަން ނިންމާލަނީ
ސައިން އޮން ސައިން އޯފް
26 March 2025
މިއީ ކަނޑާ ޖައްސާ ސަރުކާރެވެ.
ބައިރޯ
26 March 2025
ވަޒީފާގެ ޒިންމާ އަދާނުކުރެވެންޏާ ބަދަލު ނޫން ވަކިކުރެވެންޖެހޭ، ބަދަލުކުހރުމުން ވަޒީފގެ ޒިންމާއަދާ ނުކުރެވޭނެ
ިސުސހ
26 March 2025
ނާގާބިލު މީހުން ރާއްޖެތެރެއާ ބެހޭތަންތަނަށް އެހެލުމުގެ ސަގާފަތް އަލުން ފެއްޓެވީތޯ؟
ލަތާޝާ
26 March 2025
ޝުކުރިއްޔާ ރައީސް. މިވަރަށް ފަރުވާކުޑަ ކުރީމާ ދެން ވަކިކުރުން ނޫން އެހެން ގޮތެއް އޮވެގެން ނުވާނެ. ރައީސް ތިގޮތަށް ހުރިހާތަނެއް ބައްލަވާނެ ވަގުތެއްވެސް ނޯންނާނެކަން އެނގޭ. އެކަމަކުވެސް ތަންތަން ހުރީ މިކަހަލަ ހާލަތެއްގަ. ތިތިބަ ހަލީމު މެން ކޯންޗެއް ތަ އެ ހަދަނީ ދެކޮޅުން ކާލައިގެން ތިބެގެން. ސަމާލުވުން ހުރި.
ފެސް
25 March 2025
މައުމޫނަށް ނުބެހި ހުރޭ. ކުރާނެ ކަމެއް ނެތިއްޔާ ރިހަކައްކާ
ތެދުހަނު
25 March 2025
މީހުންކިތައްމެ ވަރަށް ބަދަލުކުރިއަސް ބޭނުންވާ ތަކެެއްޗާ ވަސީލަތް ހޯދަން ބަޖެޓުން ފައިސާ ނުދެއްޔާ އެއްކަމެއްވެސް ނުކުރެވޭނެ، މީހުން މުޒާހަރާ ކުރީމަ މަތިޖަހާލަން މީހުންބަދަލުކުރެވިދާނެ، އަނެއްކާ ހަދާންނެތޭހާ ދުވަސް ވީމަ ހަމަ ކަންހިގާނީ ހަމަ ކުރިއާ އެއްގޮތައް، ހުސްސިޔާސީ ފިލްމުވިއްޔަ، ކަންކުރާނެ ފައިސާއެއްނެތޭ ބުނަން ނުކެރިގެން އުޅެނީ ތިމާމެންގެ ނާގާބިލްކަން ބަޔަކަށް އެގިދާނެތީ، އެކަމަކު އެންމެންނަށް ވެސް އިގޭހަމަ ނާގާބިލީ ކަން ބަޖެޓް
މުޑަހަންޖާ
25 March 2025
ކ.މާލޭގަ ހުންނަ ސެންޓަރު ނުހިންގިގެން ފޭލިވީމަ އެތަނުން ކަނޑާފަ ރީޖަނަލް އެންޓް އެޓޯލްސް ހެލްތު ސާވިސް ޑިޕާޓުމަންޓަށްލީމާ މިހިނގަނީ މައުމޫނިއްޔަ ނިޒާމުނޫންތޯ. ރަށްރަށު ރައްޔިތުންނަށް މިނޫން ދުވަހެއް ނެތީތޯ.
ޒާސް
25 March 2025
ޔަގީނުންވެސް ތިތަނުގެ މައްސަލަ ހެލްތުގެ ޕީއެސް އާ ހަމައަށްގޮސްފަ އޮންނާނީ! އަދި ވަޒީރަށްވެސް އެނގިވަޑައި ގަންނަވާނެ! މި 2 ފަރާތަށް އެއްވެސް ފިޔަވަޅެއް ނާޅުއްވަނީ ކީއްވެތޯ؟
ޕުޝް
25 March 2025
ހެލްތް މިނިސްޓްރީގެ ޕީއެސްއަކީ މިކަހަލަ ސީރިއަސް މަސައްކަތްކުރާ މިނިސްޓްރީއެއްގައި ހުރުން މުނާސަބު ފަރާތެއް ނުންހެން ހީވޭ! ގައުމު ހެލްތް މިނިސްޓްރީގެ ދަށުން ހިނގާ ޑިޕާޓްމަންޓްތަކުގައި މައްސަލަތަކާ ހުސްވެފައިވާ، މަގާމްތައްވެސް އެބޭފުޅާއަށް އެނގިވަޑައި ގަންނަވާނެ ނޫންތޯ؟ ތަނެއްގަ ޑީ.ޖީ އެއް މަދުވެގެން، ތަނެއް ނުހިގައިގެން ރައީސުލްޖުމްހޫރިއްޔާ އެދޭތެރެއަށް ވަންނަވަން ޖެހޭ ހިސާބަލަށް ދާންޖެހޭތޯ؟
ކޮރަލް
25 March 2025
ކިތަންމެ ވަރަކަށް ބަނޑޫ ފުރާލިއަސް ތިޖޫރި ހުސްކޮށްލިއަސް އެންމެ ބޮޑު ވަރަކަށް މަގާމުން ވަކި ކުރާނީ އެވެ. ނޫނީ އެހެންތަނަކަށް ބަދަލު ކުރާ ނީ އެވެ. އެކެއި އެއްޗެއް ހޯދުމެއް ނެތެވެ.