މެމްބަރު ފަލާހު: މެމްބަރުންގެ މުސާރައާ ގުޅިގެން އޭނާ ވިދާޅުވީ މުސާރަ ކުޑަކުރަން އެންމެ ރަނގަޅީ އާ ދައުރަކާ ދިމާކޮށް ކަމަށް.
02 އެޕްރީލް 2025 - 10:45
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން އެންމެ ރަނގަޅު ގޮތަކީ، އާ ދައުރަކާ އެކު އެ މަސައްކަތްކުރުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، މެމްބަރުންގެ މުސާރަ ކުޑަކުރުމަކީ ގޯސް ހިޔާލެއް ނޫން ކަމަށެވެ. އެކަމަކު ނިމިދިޔަ 19 ވަނަ މަޖިލީހުގެ ދައުރުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮވެ، އެ ދައުރު ނިމިގެން ދިޔައީ މެމްބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބަދަލުކުރަން ކަމާ ގުޅުންހުރި ކޮމިޓީން ފާސްކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން ބަދަލުނުކުރަން އޭރު ވެސް އިރުޝާދު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
"އަޅުގަނޑުގެ ވިސްނުން ދަންނަވަން، މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއް ނިމި އާ ދައުރެއްގެ އިންތިހާބަށް،" އެކްސްގައި ކުރެއްވި ޕޯސްޓުގައި ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އާ ދައުރަކާ ދިމާކޮށް މެމްބަރުންގެ މުސާރައަށް ބަދަލު ގެންނަންވީ ސަބަބަކީ މަޖިލިސް އިންތިހާބަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ގޮނޑި ކާމިޔާބު ކުރާ ތަނުން މުސާރަ ކުޑަކޮށްފި ނަމަ، އިންތިހާބަށް ނެގި ދަރަނި އަދާކުރެވޭނެ ގޮތެއް ނޯންނާނެތީ ކަމަށެވެ.
އެހެންވެ، އޭނާ ވިދާޅުވީ، ދެން އޮންނަ އިންތިހާބަކާ ދިމާކޮށް މެމްބަރަކަށް 5000ރ. ގެ މުސާރައެއް ކަނޑައެޅިޔަސް އެ މުސާރައަށް ހިތްހަމަޖެހިގެން ކުރިމަތިލާ މެމްބަރުންނަށް، މުސާރަ ކުޑަކުރިޔަސް ކުރެވޭނެ ޝަކުވާއެއް ނޯންނާނެ ކަމަށެވެ.
ގޯސް ޚިޔާލެއްނޫން ނަމަވެސް 19ވަނަ MDP ސުޕަރމެޖޯރިޓީ އޮއިތް މަޖިލީހުން ފައިބައިގެން ދިޔައީ މެމްބަރެއްގެ މުސާރަ 100k އަށްހަދަން ކަމާގުޅުންހުރި ކޮމިޓީ އިންފާސްކޮށްފަ އެކަން އެގޮތަށް ނުކުރަން އިރުޝާދުދެއްވީ އަޅުގަނޑުމެންގެ ރަޢީސް ރަޢީސް މުޢިއްޒު ހަމަ އެއާއި އެކު އަޅުގަނޑުގެ… pic.twitter.com/YQulUc3HY1
— Ibrahim Falah (@IbrahimFalahR) April 1, 2025
މެމްބަރުންގެ މުސާރައާ އެކު އޭނާ ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތަކާއި ފަނޑިޔާރުންގެ މުސާރައިގެ ކަންކަން ވެސް އެ ޕެޓިޝަނުގައި ހިމެނި ނަމަ، ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޗޭންޖު.އޯގް ގައި އޮންލައިންކޮށް ސޮއިކުރަން ފަށާފައިވާ އެ ޕެޓިޝަނުގައި ވަނީ އިގްތިސާދަށް މާލީ ގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ މި ދަނޑުވަޅުގައި މެމްބަރުންނަށް ދޭ ބޮޑު މުސާރަ އާއި ކޮމިޓީ އެލަވަންސް އަދި ޕްރިމިއަމް ހެލްތު އިންޝުއަރެންސަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
މެމްބަރުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ހިދުމަތުގެ އިނާޔަތުގެ ފައިސާ ދޫކުރަން ފެށީ ޖޫން، 2014 ގަ އެވެ. އެ ގާނޫނުގެ ދަށުން ކުރީގެ މެމްބަރުންނަށް މާލީ އިނާޔަތް ދެނީ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ. އެއް ދައުރު އަދާކޮށްފައިވާނަމަ މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު އަދާކޮށްފައިވާ މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ލިބެ އެވެ.
ޕެންޝަން އޮފީހުން މިދިޔަ ޑިސެމްބަރު މަހު ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކުރީގެ މެމްބަރުންގެ އިނާޔަތަށް ފާއިތުވި 10 އަހަރުގެ ތެރޭގައި ވަނީ 33.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް 6.4 މިލިއަން ރުފިޔާ އެކަމަށް ހަރަދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
05 April 2025
އިޚުލާސްތެރިންގެ ގޮތަކީ އެބަޔަކާ ހަވާލުކުރެވުނު މަސައްކަތެއް އަނެކުންނާ ނުޖައްސާ އެބަޔަކު ކޮށް ނިންމާލުމެވެ. ޕީއެންސީ އަދި ޚާއްސަކޮށް ފަލާހުމެން ރައްޔިތުންނަށް ހެޔޮއެދޭކަމަށް ތިކުރާ ދައުވާގެ ބުރަދަނެއް ހުންނާނީ މިހާރުން މިހާރަށް މިހާރުގެ މެމްބަރުންގެ މައްޗަށް ތިޔަ މެމްބަރުންގެ މުސާރަތައް ކުޑަކުރާ ގާނޫނު ފާސްކޮށް ތަންފީޒުކުރީމައެވެ. އެހެންނޫނީ ތިކަންވާނީ މުނާފިގު ކަމަކަށެވެ.
އަދާލަތު
03 April 2025
މިހާރުންމިހާރަށް ތިޔަކަންކުރަންވީ. ދެންއަންނަބަޔަކުބުނާނީ ދެންއަންނަބަޔަކަށޭ. ނިމުމެއްނެތް. ކޮބައިތޯ އަހަރެމެންގެ ޙައްޤު.
ނިލިސް
03 April 2025
މިއީ ހާދަ ހެއްވާ ވާހައެއްދޯ
ޢަލީ އާމިރު
02 April 2025
ރަށްރަށުގަ 1000 ހަމަނުވާ މީހުން އުޅެ އާބާދީއެއްގެ މެޖިސްޓްރޭޓުންނަށްވެސް ދޭ 45000 އަހަރެން ނިމިގެންދާއިރު ދެކޭސްވެސް އެޓެންޑް ކުރަންނުޖެހޭ މީހުން ގިނައީ
އަދާލަތު
03 April 2025
މުސަަރައަކީ ކުރާ މަސައްކަތާ އެއްވަރު އެއްޗަކަށް ވާން ޖެހޭނެ. އަހަރަކު އެއްފަހަރު ކައިވެންޏެއް ކޮށްފައި މަހަކު އެއްދުވަހު ޝަރީޢަތެއްގެ އަޑު އިއްވީމާ 45000.00 ރ ކަމަކު ނުދޭ. މާލޭން އަންނަ ބަޔަކު މައްސަލަ ނިންމަން ބަހައްޓާ މައްސަލަތއްވެސް ގިނައިން ހުންނަ އިރު މިބައިވެސް ކުރިޔަށް ނުގެންދެވޭ.
އާދަމް ކުރޮޅި
02 April 2025
މުދައްރިސުންގެ މުސާރަ ބޮޑުކުރަންޖެހޭ. ނޫނީ ކިޔަވަން ނެގި ލޯނު ނުދެއްކޭނެ. މެމްބަރުކަމަށް އަންނަން ދަރަނި ނަގާށޭ ބުނީ ކާކު. ނެތް ފެންވަރުން ނައީމާ ނިމުނީ
ަސދފ
02 April 2025
ނޫނޭ.. ބޮޑުކުރަން ފެންނަނީ މިދައުރުގަ..
އާއެކޭ
02 April 2025
ތިކަން އެކަންޏެއް ނޫން. ހުރިހާ ކަމެއްވެސް ހުރިހާ ޕްރޮޖެކްޓެއް ވެސް ބޯހިޔާވަހިކަން ވެސް ހުރިހާ ކަމެއްވެސް ކުރަންވީ އާދައުރަކާ ދިމާކޮށް. އެހެންނު ތިހަދަނީވެސް
ބާބް
02 April 2025
5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްލާފައި އެނަގަނީ މުޅި އުމުރަށް 62 ހާސްފުފިޔާގެ 30 ޕަސެންޓް. ޙަލާލު ވާނެތަ. އަނެއްބަޔަކު 10 ވަރަކަށް ހާސް ރުފިޔާގެ މުސާރައިގައި 40 އަހަރު ހޭދަކޮށްފައި ހުސްއަތާ އެވަކިވަނީ. ކޮންކަހަލަ އިންސާފެއްތަ؟
ޚސކކސ
03 April 2025
ލެވެލް ސިންގަޕޫރު
ވަލީދުބެ
02 April 2025
ސުޕްރީމްކޯޓްގެ މެމްބަރުންގެ އަދަދު މަދުކުރުމާ ދުންފަތުގެ ގާނޫނުވެސް ދެންއަންނަ ދައުރަކަށް މަޑުކޮށްލިނަމަ. ޕާޓީބަދަލުކުރީމަ ވަކިވާ ގާނޫނާ. ކަލޭމެން ހޮވީ 5 އަހަރަށްކަމެއްވެސް ނޭނގޭދޯ ވައްތަރުވައްތަރުގެ ގާނޫނު ފާސްކުރާއިރަކު.
އަހައްމަދޫ
02 April 2025
ހޮޑުލަވަނީ. މޭނުބައިކުރަނީ. މިހުރިހާ ކަމެއްވެސް ވާނޭ މިކަހަލަ ވާހަކަ ދައްކަންޏާ