ޕީއެންސީގެ ޕީޖީގެ ގްރޫޕްގެ ލީޑަރު ފަލާހާއި އިސް ބޭފުޅުން: ދެ މެމްބަރަކު ވޯޓުގައި ބައިވެރިނުވި ސަބަބު ބަލާނެ ކަމަށް އެ ޕާޓީން ބުނޭ --- ފޮޓޯ/މިހާރު
25 ފެބުރުއަރީ 2025 - 17:05
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓު ނެގި ވަގުތު މަޖިލީހުގައި ވަޑައިގެން ނެތީ ދެ މެމްބަރަކު ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު 5 އަށް މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ވިޕެއް އޮތީ ނެރެފަ އެވެ. ނަމަވެސް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ 11 މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ބުނެ ވަނީ އަޑު ފެތުރިފަ އެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު ފަލާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ 11 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު އުޅުއްވަނީ ރަސްމީ ދަތުރުތަކެއްގައި ކަމަށެވެ. އަދި ދެން ތިއްބެވި ދެ މެމްބަރުން ވޯޓުގައި ބައިވެރިނުވި ސަބަބު ޕާޓީން ބަލާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް އެ މަނިކުފާނާ އެކު ތިން މެމްބަރަކު އެބައުޅުއްވަ އެވެ. އެއީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ.
— Ibrahim Falah (@IbrahimFalahR) February 25, 2025
ފަލާހް ކުރެއްވި ޓްވީޓް
އެނގިފައިވާ ގޮތުގައި މާލޭގައި ހުންނެވުމަށް ފަހު، ވޯޓުގައި ބައިވެރިވެވަޑައިނުގަތް އެއް މެމްބަރަކީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގެވެ. އޭނާއަކީ އެ ބިލާ ދެކޮޅަށް ޕީއެންސީގެ ޕީޖީ ގްރޫޕްގައި ވެސް ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށް ވަނީ އެނގިފަ އެވެ.
ޕާޓީގެ ވިޕްލައިނާ ހިލާފްވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ ލީޑަރު ފަލާހު މިއަދު ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައިވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ފަހުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅާނީ ވޯޓުގައި ބައިވެރިނުވި ސަބަބު ބެއްލެވުމަށް ފަހު ކަމަށެވެ.
ރައީސް މުއިއްޒު ވެސް ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕްގައި ވިދާޅުވީ، ވަކި ގޮތަކަށް ވޯޓު ދެއްވަން ވިޕްލައިނެއް ކަނޑައެޅުމުން އެއާ ހިލާފުވުމަކީ އެއްވެސް އިރަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ޕާޓީން ވަކިކޮށް ފިނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްފައިވާއިރު، އެ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލަ ނުނިމެނީސް، މެމްބަރުންނަށް ފިޔަވަޅު ނޭޅުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އޮތީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
26 February 2025
މީ ވަރަށް ފައްކާ ސިސްޓަމެއް. ހުރިހާ ވޯޓެއް މިލަނީ ވިޕް ނެރިގެން. މެމްބަރެއްގެ އަމިއްލަ ބާރެއް ނޯވޭ. ދާއިރާގެ ހުރިހާ މެމްބަރުން ސޮއިކޮށްފަ ބިލަކަށް ނޫނެކޭ ބުނަން ދިނަސް، ޕާޓީން ވިޕް ނެރުނީމައި ވޯޓު ދޭން މިޖެހެނީ ޕާޓީގެ ވަކިބަޔަކު ބުނާގޮތަށް. މަށަށް ފެންނަނީ ދެން ވޯޓުލާއިރު ގަނޑުކޮށް ޕާޓީއަކަށް ވޯޓުލާން. ދެން އެޕާޓީއަކުން ގެންގުޅޭނީ އެއް ވޯޓުފިތް. އެއަށް ފިތާލީމަ ނިމުނީ. ކޮންމެ މީހަކަށް 100،000 ރުފިޔާ ޚަރަދުކުރާކަށް ނުޖެހޭނެ. ހުސް ޕަޕެޓްސް ވިއްޔަ.
ގުއިއްޒު
26 February 2025
ގައުމަށް ޖެހިފައި އޮތް މުސީބާތަކުން ތިޔަ ދެމީހުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި މަ އެބަހުރިން.
އިހްސާސް
26 February 2025
ދެން އަތްފައި ގުޑުވާވެސް ނުލެވޭނެތާދޯ.
ާސާބަސް
26 February 2025
އަޒާން މިއަދު މެންދުރު އާސަހަރާގައިއުޅެނިކޮށް ދުށިން. އެއީ، އައްޑޫސިޓީ ފޭދޫ ޖަބުރޯލުމާގޭ މުޙައްމަދު ލަބީބު (ފޭދޫ ޑީއެންސީ ފުޓްބޯޅަ ކުލަބުގެ ކުރީގެ މަޝްހޫރު ފޯވާޑް) ގެ ޖަނާޒާގައި ބައިވެރިވުމަށް އެތަނަށް ގޮސް އުޅެނިކޮށް.
ގުނައިދު ޝަރީފް
25 February 2025
ރައްޔިތުންގެ ވޯޓުން މިކަހަލަ މެމްބަރުން ހޮވަނީ ފައިސާދޭތީބާ، ނޫނީ ރައްޔިތުންނަށް ހަމަ ނޭގެނީބާ؟
އަސް
26 February 2025
ރައްޔަތުމީހާ ހަމަ ކަޑައީ، މާރީތިކޮށް ވިކެނީ
ސޮލައިޑް
25 February 2025
ކޮންމެ ވިޕަކީ ފޭރެގަތުމެއް. ކޮންމެ މެމްބަރަކަށް މަހަކު 50000.00 ޕާޓީތަކަށް ބަޖެޓުން ނަގާ ފައިސާއިން ލިބިދޭނެ.
ޒިއްދީނު
25 February 2025
ވިޔާނުދާ ވެރިންގެ ސަބަބުން ތިންބާރު ވަކި ނިޒާމެއް އޮންނަނީ ފޮތުގައި. ހައިރާން ވަނީ 75 މެންބަރުން ފިތިފަ ހުރިވަރު
ދެރަކަމެއް
25 February 2025
މި ކުޑަ ކުޑަ ރާއްޖެވެސް ކޮރަޕްޓްއީ ވަކިވަރަކައްނޫން. މީވެސް މުސްލިމުންނޯ.
ހަސަންޓޭ
25 February 2025
ތިޔަ ގާނޫނު ބޭނުން ކޮށްގެން ދެން ދައުރެއްގަ ފާސް ކުރާނި މިއަދު ގައުމަށް ގައްދާރުވެ ޕާޓީއަށް އިހުލާސްތެރިވީ މީހުންގެ މުދާ ދައުލަތައް ނަގަން!
ބަސަންޓޭ
26 February 2025
ކީއްވެ ހަސަންޓޭ މިއަދުން ތިފަށަން ނިންމީ؟؟އިއްޔެއާ އިހައްދުވަހުން ފަށަން ނުކެރުނީ؟ ބަލަ މިއަދު އެ ކުރިއަށް ދަނީ ކުރިން ފަށައިގެން އައި ބައިތަކުގެ ނުނިމޭބައިތައް. ކުޅިގަނޑު ފެށީ އަންނި، އޭގެފަހުން ޔާމީނާ ސޯލިހުބެ މާގަދައަށް އެކުޅިގަނޑު ކުޅެފަ ފައިބައިގެން އެ ދިޔައީ. ރީކޯ މޫސައާ އަލްހާންއަކީ ދިރިހުރި މިސާލު، ވިޕާ ޚިލާފުވީމަ ޕާޓީން ބޭރުކޮށްލީ. އޭރު ގޮނޑި ގެއްލޭގޮތަށް ނުހެދި އޮތީ. ސޯލިހު ފައިބައިގެން ދިޔައީ މެމްބަރުން އެ ދަންތުރައިގަވެސް ޖައްސާފަ.
ސަސި.
25 February 2025
އަމިއްލަ މިނިވަކަން ނެތުމަކީ ހިތާމަހުރި ކަމެއް