އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވުމަށް ފަހު ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. 

ޖުމްލަ އަށް މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދަން ނިންމެވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިނެވެ. އޭނާ ވިދާޅުވީ މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިގައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އަލީ ހުސެއިން އެ މަސައްކަތް ފެއްޓެވީ އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ބާތިލް ކުރަން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އައި ގޮތުންނެވެ. އެ މައްސަލާގައި މިހާރުގެ މަޖިލިސް މެންބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދުނެވެ. 

ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުން ވެސް ގާނޫނުއަސާސީއަށް ގެނައި ފްލޯ ކްރޮސިންގެ އިސްލާހު ހިނގާނެ ކަމަށެވެ. 

އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕީއެންސީއާ ގުޅުނު މެންބަރުންގެ ތެރޭގައި ހިމެނެނީ: 

- ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް

- ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު

- ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް

- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް

- ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ

- ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު

- މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު

- ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު. 

ސުޕްރީމް ކޯޓުން ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ އެ އިސްލާހު ތަސްދީގު ކުރުމަށްފަހު މިހާރު ހިނގަމުންދާ މަޖިލިސްގެ މެމްބަރުންގެ މައްޗަށް އެ އިސްލާހު ހިނގާނެ ކަމަށެވެ. އަދި އެ އިސްލާހު މިހާރުގެ މެމްބަރުންގެ މައްޗަށް ހިންގުމުގައި ގާނޫނާ ހިލާފް ކަމެއް ނެތް ކަމަށް ވެސް ބުންޏެވެ.