ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ކާރާއި ސެކިއުރިޓީ ހަމަޖައްސައިދިނުމަށް ނޭދޭ ކަމަށް، މަޖިލީހުގެ ނައިބު ރައީސްކަމަށް އަލަށް އިންތިހާބުވި އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު، ޕީއެންސީން މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިހްތިޔާރުކުރީ ސަލީމެވެ.
މަގާމަށް އިންތިހާބުވި ފަހުން ފުރަތަމަ ފަހަރަށް ޕަބްލިކް ފޯރަމެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހަގީގަތުގައި އޭނާ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް، ހާލަތާއި ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އޭނާ އެ މަގާމު ގަބޫލުކުރެއްވީ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީގެ ބައެއް މެންބަރުންގެ ޝައުގުވެރިކަން އޮތުމުން ވާދަވެރިކަން ބޮޑުވި އެވެ. ނަމަވެސް، އެންމެފަހުން ހުރިހާ މެންބަރުން އެއްބަސްވީ ސަލީމަށް މަގާމު ދޫކޮށްލުމަށެވެ. އޭރު ސަލީމް ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.
"...ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އަޅުގަނޑު މި މަގާމާ ހަވާލުވީ. އެހެން ނޫން ނަމަ އަޅުގަނޑު ވެސް ބޭނުން މަގާމެއް ނޫން މިއަކީ،" މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހަތަރު ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ސަލީމް ވިދާޅުވި އެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ އޭނާގެ އަމިއްލަ މަސައްކަތާއި ވިޔަފާރިއަށް ވުރެ ގައުމަށްޓަކައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ. މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ކާރަކާ ހަވާލުވާން މަޖިލީހުގެ އިދާރާއިން ގުޅާފައި ދެންނެވި ކަަމަށާއި ނަމަވެސް، އެކަން ބޭނުން ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ބުނިން ހަވާލެއް ނުވާނަމޭ. އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލް ފަހަތުގައޭ ދާނީ. އެހެންވީމަ އަޅުގަނޑަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ މީހެއް ނޫން. ދެން އެންގީ ސެކިއުރިޓީ ކޮންމެހެން ވެސް ހޯދަން ޖެހޭ އެއްޗެއް ކަމަށް. އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކޮށްފީމޭ. އިތުރަކަށް ސެކިއުރިޓީއެއް ބޭނުމެއް ނޫނޭ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ޕީއެންސީގައި ތިއްބެވީ ގައުމަށް އިހްލާސްތެރި، ވަފާތެރި ބޭފުޅުން ކަމަށާއި އެއީ މާ ފެންވަރު މަތިވެގެން އުޅެން ބޭނުންވާ ބޭފުޅުންނެއް ނޫން ކަމަށެވެ. ސިއްހީ ހާލަތު ހުރި ގޮތުން، ގާބިލް އެހެން ބޭފުޅަކަށް މަގާމު ދެއްވުމުގެ ގޮތުން ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުން ވެސް އެކަން އެނގޭ ކަމަށް ސަލީމް ވިދާޅުވި އެވެ.