ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެންމެ އިންތިހާބުކޮށްފި އެވެ. 

ސަރުކާރު ހިންގާ ޕާޓީ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. 

އެހެންވެ، ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާގައި ޕީއެންސީން ހުށަހެޅީ ސަލީމްގެ ނަމެވެ. އިދިކޮޅު އެމްޑީޕީން ނައިބު ރައީސްގެ މަގާމަށް ނެރުނީ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު (ފިއްޓޭ) އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ސަލީމަށް ލިބުނީ 62 މެންބަރުންގެ ވޯޓެވެ. ޒިޔާދަށް ލިބުނީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު އޮތެވެ. 

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހަތަރު ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ސަލީމް މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާގަ އެވެ. އޭނާއަކީ މަޖިލީހުގައި މި ވަގުތު ހުންނެވި އެންމެ ސީނިއާ އެއް މެންބަރެވެ. 

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކުރާނެ ބޭފުޅަކާ މެދު ޕީއެންސީގެ އެތެރޭގައި ބޮޑެތި މަޝްވަރާތަކެއް ހިނގި އެވެ. އެގޮތުން އެ މަގާމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ޝައުގުވެރިކަން އޮތް ކަމަށް އަޑު ފެތުރުނެވެ. 

ނަމަވެސް، ރޭގެ ވަގުތެއްގައި ޕީއެންސީގެ މެންބަރުންގެ މެދުގައި އެއްބަސްވެވިފައިވަނީ ސަލީމް އެ މަގާމަށް ގެންނާށެވެ. 

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔައީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އެއީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް ދުރުކުރަން ޕީއެންސީގެ މެންބަރުން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ތުހުމަތުކޮށްްފައިވެ އެވެ.

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ނާޒިމް އިއްޔެ ނެރެނު ބަޔާނުގައި ބުނީ އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެވެ. އަދި އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާ އިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިނުވާނެ ކަމަށެވެ. 

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.